ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާދޫއަށް ވަޑައިގެން
13 އޯގަސްޓް 2025 - 12:58
އެ މަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށާއި އެ އަށް ވުރެ މުހިންމު އެހެން ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ މިހާރު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ހިތާދު އަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
"ރައްޔިތުންނަށް ބޭނުންވާ ވަރަށް ވުރެ މުހިންމު ކަމެއް ނޯންނާނެ އަޅުގަނޑަކަށް އަދި މި ސަރުކާރަކަށް،" ރައީސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ގިނަ ފިޔަވަޅުތައް އަޅުއްވާފައިވާނެ ކަމަށެވެ.
އެގޮތުން ހުރިހާ ރަށަކަށް ވެސް ހަމަހަމަ އުސޫލެއްގެ ތެރެއިން ހިދުމަތް ދީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކުންފުނިތަކާއި ހަވާލުކޮށް، ބައެއް މަޝްރޫއުތައް ހިނގަމުންދާކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ހިތާދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ބައެއް ރަށްރަށުގެ ތަރައްގީއަށް ފަށާ މަޝްރޫއުތަކާ މެދު ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ފަދަ މަޝްރޫއުއެއް ރައްޔިތުން ބޭނުން ނުވާ ގޮތަކަށް ނުފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބައެއް ރަށްރަށުގައި ގާ އެތުރުމާއި ތާރު އެޅުމަށް އެ ރަށްރަށުގެ ރައްޔިތުން ބޭނުން ނުވާތީ ސަރުކާރުން އެ މަޝްރޫއުތައް ހިންގާނީ އެ ކަންކަމަށް ބަލައިގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ހިތާދޫގެ މަގުތައް ވެސް ހަދާނީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ދަތުރުފުޅުގައި މިއަދު ވަނީ ހިތާދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އަދި އެ ރަށު ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް އެފްޑީސީއާ ވެސް މިއަދު ހަވާލުކުރި އެވެ.
މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އެފްޑީސީއާ ހަވާލުކުރި ޑިޒިން އެންޑް ބިލްޑް އުސޫލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
14 August 2025
ރައިއްޔަތުންފަޅީގަ!!!. އެކަމަކު ރައިއްޔަތުމީހާ މިއުޅެނީ 20ރ އަށްވުރެދަށުން ބޭސްފަރުވާއަކަށްވެސް ޑޮލަރެއްނުލިބިގެން. 1000 ޑޮލަރވެސްދެނީ ރާއްޖޭންބޭރުން ބޭސްކުރަންޖެހޭކަމަށް ޑޮކްޓަރގެ ލިޔުމެއްއޮވެގެން. އެލިޔުމަކީ ލިބޭއެއްޗެއްނޫން އާސަންދައިގެދަށުން ފޮނުވަންބޭނުންވާ މީހަކަށްނޫނީ.
އެމްސް
14 August 2025
މިސަރުކާރުވެސް އޮތީ ބިދޭސީންގެ ފަޅީގަކަން، ވަޒީފާއެއްގަ އުޅޭ ދިވެއްސަކަށް ނުލިބޭހާ ގިނަ ޢިނާޔަތްތައް ބިދޭސީންނަަށް އޮންނަ އޮތުމުން އެކަނިވެސް ސާފުއެވެ! %100 ބިދޭސީ މުވައްޒަފުން ލައިގެން ހިންގޭ ކަންމަތީ ފިހާރަތަކާއި ހޮޓާތައްވެސް ވަރަށް ގިނައެވެ. ސުޕަމާކެޓްތަކާއި ކެފޭތަކުގެ ކައުންޓަރުންވެސް މިއަދު ފެންނަނީ މުޅިންހެން ބޭރުމީހުންނެވެ!
އަސް
14 August 2025
ރައްޔަތުން ނޫން ފަޅިއެއް އޮވޭތަ؟ އޮތިއްޔާ ސައްހަ ފަޅިޔަކަށް ނުވާނެ. ދައުލަތުގަ ތިބޭ ހުރިހާ އެންމެންނަކީ ރައްޔަތުންގެ ހާދިމުން، މުސާރަ ދީފަ އަމާނާތެއް ހަވާލު ކޮށްފަވާ މީހެއް ކޮންމެ މީހަކީވެސް. ރައީސް ވެސް ލައިގެން
ޗޫޤީ
14 August 2025
ހިތުން ރައްޔިތުންގެ ސަރުކާރެއް އެކަމަކު ޕާޓީ ވެރިކަމެއް.
މަފާޒް ސަލީމް
14 August 2025
ފެނިގެން މިދަނީ ހަގީގަތުގައިވެސް ރައްޔިތުން ފަޅީގައި އޮތް ސަރުކާރެއް. މިސަރުކާރުން ދަނީ ރައްޔިތުން އެދޭ ކަންކަން ހަގީގަތުގައިވެސް ކޮށްދެމުން
އަސފަފަ
13 August 2025
ގައިމު އެއްވެސް ތާކުން އެއްވެސް މީހަކާ ދިމާނުވޭ މިހާރު މިސަރުކާރަށް ތާއީދު ކުރާ އެންމެ މީހެއްވެސް މިހާރަކު
ރާވެރިބެ
13 August 2025
ކޮންމެ ސަރުކާރަކުން ބުނަނީ ހަމަ ތިހެން. ސަރުކާރު ހޮވަނީ ރައްޔިތުން، އެހެންވީމަ ކޮންމެ ސަރުކާރެއް އޮތަސް އެއީ ރައްޔިތުންގެ ސަރުކާރެއ،ް ރައްޔިތުންގެ "ފަޅި" އޭ ކިޔަނީ ސިޔާސީ ބަހެއް. ރާއްޖޭގެ ރަައްޔިތުންނަކީ އެއްބަހަކުން ވާހަކަދައްކާ އެއް ދީނެއްގެ އެއްބައެއް. ދިވެހި ރައްޔިތުންގެ ތެރޭ އެކި ފަޅި ފަޅި ތިބޭކަމަކަށް.
އެހެން
13 August 2025
ލަދުނުގަންނަމީހާ، ކޮންމެވާހަކައެއްވެސްދައްކާނެ، އަދި ކޮންމެކަމެއްވެސްކުރާނެ
ސެނަދެ
13 August 2025
ބާކީއޮތީ 3 އަހަރާ ކުޑަދުވަސްކޮޅެއް! ކުރެވުނު ކަމެއް ކޮއްލާތި!
އިންސާފުގާރު
13 August 2025
ރައްޔިތުންފަޅީގެ ސަރުކާރެއް ކަމަށް ގަބޫލެއްނުކުރެވޭ. އެހެންނަމަ ނޫސަންދައާއި އެހެނިހެން ކްލިނިކް ތައް ބަނގުރޫޓްކޮށް، ފައިސާނުދީ ހިފަހައްޓާ، އެތަންތަނުގެ މުވައްޒަފުންގެ ޢާއިލާތަށް ނިކަމެތި ނުކުރާނެ. ބޭސްތަށް ނުލިބި ރައްޔިތުން އިނދަޖެހޭގޮތަށް ޕޮލިސީ ހަދައިގެން، ކުދި ވިޔަފާރިތައް ހަލާކުކުރަން ގައުމެއްގެ ރައީސް ނުނިކުންނާނެ.