ފްލިކް ނައިފް (ތިރީގައި) އަދި ބަޓަފްލައި ނައިފެއް: މި ދެ ބާވަތުގެ ވަޅި ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭނެ.
26 އޯގަސްޓް 2025 - 10:01
މާރާމާރީތަކުގައި އާންމުކޮށް ބޭނުންކުރާ ފްލިކް ނައިފާއި ބަޓަފްލައި ނައިފް ރާއްޖެއަށް އެތެރެކުރާއިރު ހުއްދަ ހޯދަން ޖެހޭ ގޮތަށް، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި މަޖުބޫރުކޮށްފި އެވެ.
ހޯމް މިނިސްޓްރީން ހަދާފައިވާ "ރާއްޖެއަށް ފްލިކް ނައިފް އާއި ބަޓަފްލައި ނައިފް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ގައި ބުނެފައިވާ ގޮތުގައި މިއީ އެ ދެވައްތަރުގެ ވަޅި ރާއްޖެއަށް އެތެރެކުރުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރުމާއި އެ ވަޅިތައް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުގެ ރިކޯޑާއި އެ ތަކެތީގެ ރިކޯޑު ބެހެއްޓުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެކެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް މިދިޔަ މެއި 25 ގައި ތަސްދީގުކުރެއްވުމަސް ފަހު އިއްޔެ ވަނީ އަމަލުކުރަން ފަށައިފަ އެވެ. އެ ގާނޫނުގައިވާ ގޮތުން، އުމުރުން 18 އަހަރު ނުވާ ކުދިންނަށް ވަޅި ވިއްކުން ވެސް މަނަލެވެ. އެކަން ކޮށްފި މީހަކަށް 100،000ރ. އާ ހަމައަށް ޖޫރިމަނާގެ އަދަބެއް އަންނާނެ އެވެ.
މި ގާނޫނުގެ ދަށުން ހެދި ގަވާއިދުގައި، ފްލިކް ނައިފް ކަމަށް ބުނެފައި ވަނީ ވަޅީގެ ތިލަ، ވަޅީގެ މުއްގަނޑުގެ ތެރެއަށް ލައްވާލާފައި ލައްޕާލެވޭ ގޮތަށް ނުވަތަ މުއްގަނޑުގެ ތެރެއަށް ވަދެގެންދާ ގޮތަށް ހުރެފައި ވަޅީގެ މުއްގަނޑުގައިވާ ގޮބަކަށް ނުވަތަ ތަނަކަށް ފިތާލުމުން އޭގެ އެހީގައި ވަަޅީގެ ތިލަ ނުކުންނަ ގޮތަށް ހަދާފައިވާ ކޮންމެ ވަޅިއެކެވެ.
ބަޓަފްލައި ނައިފް ކަމަށް ބަޔާންކުރަނީ ވަޅީގައި ދެ މުއްގަނޑެއް ހުރެފައި އަދި ވަޅީގެ ބުޑުގައިވާ ހުޅަކުން މި ދެ މުއްގަނޑު އެނބުރޭ ގޮތަށް ހުރެފައި، ވަޅީގެ ދެ މުއްގަނޑުގެ ތެރޭގައިވާ ޖާގައިގެ ތެރޭގައި ވަޅީގެ ތިލަ ފޮރުވޭ ގޮތަށް ހަދާފައިވާ ކޮންމެ ވަޅިއެއް ކަމަށް ގަވާއިދުގައިވެ އެވެ.
އެ ބާވަތުގެ ވަޅިތައް ރާއްޖެއަށް އެތެރެކުރެވޭނީ ހޯމް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މި ހުއްދައަށް އެދޭއިރު އިދާރީ ފީއެއްގެ ގޮތުގައި 1،000ރ. ދައްކަން ޖެހޭއިރު އެކަމަށް އެދޭތާ 15 ދުވަހުގެ ތެރޭގައި މިނިސްޓްރީން ނިންމާ ގޮތެއް ހުއްދައަށް އެދޭ ފަރާތަަށް އަންގަންޖެހޭ ގޮތަށް ވެސް ގަވައިދުގައި ވަނީ ހިމަނައިފަ އެވެ.
މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހު ރާއްޖެ އެތެރެކުރާ އެއްޗެއް އެއީ އެހެން ގާނޫނެއްގައި ނުވަތަ އެހެން ގަވާއިދެއްގެ ދަށުން އިތުރު ހުއްދައެއް އެހެން މިނިސްޓްރީއަކުން ނަގަން ޖެހޭ އެއްޗެއް ނަމަ، އެ ގަވާއިދުގެ ދަށުން ހުއްދަ ހޯދުމަކީ އެެހެން ގާނޫނަކުން ހުއްދައެއް ނެގުން އިސްތިސްނާވާ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި ހުއްދަ ނެތި މި ތަކެތި އެތެރެކޮށްފި ނަމަ، އެ ހިފެހެއްޓުމުގެ ބާރު ކަސްޓަމްސް އަށް ލިބިގެންވާ ކަމަށާއި އެ މައްސަލަ ބެލުމަށް ފުލުހުންގެ އިދާރާއަށް ވެސް ފޮނުވޭނެ ކަމަށް ވެސް ބުންޏެެވެ.
އެ ގަވާއިދުގައި ބުނީ މިނިސްޓްރީގެ ހުއްދަ ނެތި އެތެރެކޮށްފައިވާ އެއްޗެއް ފުލުހުންގެ ހިދުމަތަށް ފެނިއްޖެ ނަމަ، އެ ހާލަތުގައި އެ ފަރާތެއް ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށެެވެ.
• ހުއްދަދޭން ނިންމާ ތަކެއްޗާއި އެތަކެތީގެ ވެރިފަރާތުގެ މައުލޫމާތު މިނިސްޓްރީން ލިޔުމުން ބެލެހެއްޓުން. އަދި ފުލުހުން އެދިއްޖެ ނަމަ، އެ މައުލޫމާތު ހިއްސާކުރުން.
• ހުއްދަ ހޯދައިގެން އެތެރެކުރާ ތަކެތި ބޭނުންކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ތައާރުޒު ނުވާ ގޮތަށް އެ އެތެރެކުރި ބޭނުމަކަށް. އެ ނޫން ބޭނުމަކަށް ބޭނުންނުކުރެވޭނެ.
• އެ ތަކެތި ބޭނުންކުރެވޭނީ އެ ތަކެތި އެތެރެކުރުމަށް ހުއްދަ ދެވޭ ފަރާތަށް އެކަނި.
• ހުއްދަ ލިބިގެން އެތެރެކުރާ އެ ދެ ބާވަތުގެ ވަޅިއެއް ގެއްލިއްޖެ ނަމަ ނުވަތަ ވަގަށް ނަގައިފި ނަމަ އެކަން ވަގުތުން މިނިސްޓްރީއަށް ރިޕޯޓްކުރުން.
• އެ ގަވާއިދުގައި ބަޔާންކުރާ ކަންކަމާ ހިލާފަށް އަމަލުކުރިކަން މިނިސްޓްރީއަށް ކަށަވަރުވާ ހާލަތްތަކުގައި ރާއްޖެއަށް އެތެރެކުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެ. އަދި ހުއްދަ ބާތިލުކުރިކަން ސަބަބާ އެކު ހުއްދަ ދިން ފަރާތަށް ލިޔުމުން އަންގަންޖެހޭނެ.
• އެ ވަޅި އެތެރެކުރަން ހުއްދަ ދިން ފަރާތް ނިޔާވެއްޖެ ނަމަ، އެ ފަރާތަށް ދިން ހުއްދަ ބާތިލުވާނެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމާ އެކު މިހާތަނަށް އަމަލުކުރަމުން އައި "ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" އުވުނީ އެވެ. ނަމަވެސް އެ ގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން އެތެރެކޮށްފައިވާ ތަކެއްޗަށް ހަ މަސް ދުވަހުގެ ތެރޭގައި އަލުން އާ ގަވާއިދުގެ ދަށުން ހުއްދަ ހޯދަން ޖެހޭނެ އެވެ.
އާ ގާނޫނުގައިވާ ގޮތުން ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު، އެފަދަ މީހުންނާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެކެވެ. އަދި ގޭންގް މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހޭ ކަމަށް ވެސް މި ގާނޫނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްކަލަ މީހާ ދޯ
27 August 2025
ވަޅިތަކުގެ ތެރެއިން މި ދެ ވައްތަރު ވަޅި ދޯ އެންމެ ނުރައްކަލީ؟ އަނެއްހެން ކޯރާޑީ އަދި ކަތިވަޅި ކަހަލަ އެއްޗެހި އޯކޭ ދޯ؟ މި ފެންނަނީ ކުށްތަކަށް އަރައިގަނެ މީހުން ގަތުލުކޮށް ކޮށާ ހެދީމަ އެކަމައް ފިޔަވަޅެއް ނޭޅުމުގެ އާޚިރު ނަތީޖާ. ހެޔޮކޮށް ހަމައިގަ ތިބި މީހުންނަށް ހުރިހާ ތަކުލީފެއް !!!
އާރީ
27 August 2025
މިޔައިިން ޤާނުނާ ގަވައިދު ހަދަން ހަވާޅުވީމަ މިކަހަލަ ކަންކަން ފެންނާނެ ގިނައިން
ކިއްލި
26 August 2025
ސަރުކާރުގެ މިނިސްޓްރީތަކާއި އެސްއޯއީތަކަށް މިއުޅެނީ އެމީހަކަށް ލިބިފަ ހުންނަ ފްލެޓާއި ގޯތިގެދޮރުގެ ރިކޯޑްތައް ހަމައަށް ނުބެލެހެއްޓިގެން، ދެން ކިހިނެއް 6 އިންޗި ހަމަނުވާ ވަޅިއެއްގެ ރިކޯޑްސް ބަލަހައްޓާނީ
އުދުހޭ
26 August 2025
ނިޔަފަތިކަނޑާ ދަތީގަވެސް އިނދޭ ވަޅިއެއް. އެއީ ބަޓަރފްލައި ވަޅިއަށްވޭބާ؟ ހަމަ އަހާލީ.
ކޮރަލް
26 August 2025
ޓެރަރިޒަމް ގެ އަމަލު ހިންގާ ކަމަށް ބެލެވޭ މީހުން ޝަރީއަތެއް ނެތި އެތައް އަހަރަކު ބަންދުގަ ވަކި ތަނެއް ގަ ބެހެއްޓެ އެވެ. ވީމާ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ބަހައްޓާން ވީ ވަކި ޖަލެއްގަ އެހެން މީހުނާ ވަކީންނެވެ.
ސުރުހީ އެކަނި ކިޔާފަ
26 August 2025
ކުރިންވެސް ބަޓަރުފުލައި ވަޅި މަނަލެއް ނޫންތަ؟
ރާވެރިބެ
26 August 2025
މިބާވަތް ތަކުގެ ވަޅި ރާއްޖެ އެތެރެ ކުރަން ޖެހޭ އެއްވެސް ސަބަބެއްނެތް. ވީއިރު ހަމަ މަނާކުރީމަ ނިމުނީނުން؟ ހުއްދަ ނަގައިގެން ވެސް އެތެރެ ކުރެވިގެން ނުވާނެ.
ައާފަލުބެ
26 August 2025
އާފަލު ކެެއުމަށްޓަކައި ގެންގުޅޭ ބަޓަރފުލައި ވަޅިއެއް އެބައޮތް އަތުގައި . ވަރަށް ޒަމާން ވެއްޖެ. އެއިން އާފަލު ކޮށައިގެން ކާން ހުއްދަ ނަގަންޖެހޭނެތަ؟ ފުލުހަށް ގެންދިޔުމުގެ ކުރިން އަހާލީމި.
ނެތޭގައުމެއްވާ
26 August 2025
ވަޅި މި ގޯސްވީ. ކުއްވެރިޔަކަށް އަދަބެއް ދޭން ކެރޭ ވެރިޔަކު އަޅެ އެބަ ހުރިތަ؟
އަލީމު
26 August 2025
ރާއްޖެ އެތެރެކުރުމާއި ގެންގުޅުން އެއްކޮށްމަނާކުރާށެވެ