ގޭންގު ކުށްތަކުގެ އާ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ކުޑަކުދިންނަށް ވަޅި ވިއްކުމަކީ މަނާ ކަމެއް. އެ ކަހަލަ ކަމެއްކޮށްފި ނަމަ 20،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ.
ފުލުހުން މައްސަލައެއްގެ ތަހުގީގަށް ތަނެއްގައި ޓޭޕް ދަމައިފައި: ގޭންގުު ކުށްތައް ހުއްޓުވުމުގެ އާ ގާނޫނަށް އަމަލުކުރަން މިއަދު ވަނީ ފަށައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
25 އޯގަސްޓް 2025 - 11:15
ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
"ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވީ މިދިޔަ މެއި މަހުގެ 25 ގަ އެވެ.
އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގު ކުރައްވާތާ ތިން މަސް ދުވަސް ފަހުން، މިއަދެވެ.
ކުރިން އަމަލުކުރި ގޭންގް ކުށުގެ ގާނޫނުގެ ދަށުން، ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އަދި ވަކި ގުރޫޕަކީ ކުށްކުރާ ބައެއްކަން ނުވަތަ ވަކި މީހަކީ އެފަދަ ގުރޫޕަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ. އެހެންވެ، އެ ހުރަސްތަކާ ހެދި އެ ގާނޫނުގެ ދަށުން އެއްވެސް މީހަކީ ގޭންގު ލީޑަރެއް ކަމަށް އަދި މެމްބަރެއް ކަމަށް ކަނޑައަޅައިފައެއް ނެތެވެ. އަދި އެ ގާނޫނުގެ ދަށުން މީހަކަށް އަދަބެއް ދީފައެއް ނުވެ އެވެ.
ނަމަވެސް، މިއަދު އަމަލުކުރަން ފެށި އާ ގާނޫނުގައިވާ ގޮތުން އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށްފަހު، އެފަދަ މީހުންނާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެކެވެ. އަދި ގޭންގް މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
އެ ބިލްގައިވާ ގޮތުން ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހެ އެވެ.
ގޭންގެއް ކަމަށް ކަނޑައެޅޭ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަޚުސެއް ރަޖިސްޓަރީ ކޮށްދީގެން ނުވާނެ ކަމަށް ގާނޫނުގައިވާއިރު، ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި އެވެ. އަދި ގޭންގްތަކުން ހިންގާ ކުށްތަކާއި ރާވައިގެން ހިންގާ ކުށްތައް ތަހުގީގު ކުރުމުގައި ހާއްސަ ބާރުތަކެއް ވެސް އެ ގާނޫނުން ދީފައިވެ އެވެ.
ނުރައްކާތެރި ކުށްތަކާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި އާއި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެ ނޫން ވެސް ތޫނު އެއްޗެއް ވިއްކުން މަނާކުރުން ފަދަ ކަންކަން އެ ގާނޫނުގައި ހިމަނާފައިވެ އެވެ.
އެ ގާނޫނުގައިވާ ގޮތުގައި ކުޑަކުދިންނަށް ވަޅި އާއި ކަޓަރު ތިލަ އަދި އެ ނޫން ވެސް ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ވިއްކުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަމެއްކޮށްފިނަމަ 20،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' އަށް ރައްޔިތުން އަހުލުވެރިކުރުވުުމުގެ ޕްރޮގްރާމެއް ފަށައިފިhttps://t.co/clXTpssFAL pic.twitter.com/Ri2vD2O4Rm
— Maldives Police (@PoliceMv) August 21, 2025
ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރިނަމަ، އެ މީހަކު ވަޒީފާއިން ވަކި ކުރަން ޖެހޭނެ ކަމަށާއި އެފަދަ މީހުންނަށް ވަޒީފާ ދީގެން ނުވާނެ ކަމަށާއި އަދި އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ.
ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ގާނޫނުގައި ބުނެފައިވަނީ ވަކި ސަރަހައްދަކީ އެ މީހުންގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ނުވަތަ ކުރެހުމެއް ބޭނުންކުރުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އޭނާއަކީ ގޭންގު މެންބަރެއް ކަމަށް އެއްބަސްވާ މީހުންނާއި ކުށްކުރާ ގޭންގުތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް އެ ގާނޫނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައުފަރްް
26 August 2025
ރައީސް މުއިއްޒުއަކީ އަސްލު ބޮސް. ގޭންގްތަށް އޮންނަންޖެހޭނީ ސައިޒުގައި.
ދަތްނެތް ނިޔަރު
26 August 2025
ތި ލިބުނީ ވައްކަން ކުރާ ފުލުސްކުދިންނަށް މޮޅު ފުރުޞަތެއް. ދެން ވައްކަންކުރަން ވަދެއުޅެނިކޮށް ފެނުނީމަ ބަދިގޭން ވަޅިއެއް ދައްކާފަ ބުނަންވީ މިގޭގަ ގޭންގް ހަތިޔާރު ހުރިކަމަށް ރިޕޯރޓެއް ލިބިގެނޭ މި ވަނީ
މިވަރެއްނެތް
25 August 2025
2011 ގައި ފާސްކުރި ގޭންގުތަކާއި ތޫނުހަތިޔާރު ގެންގުޅުމުގެ ގާނޫނުގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ދައުވާނުކޮށް 14 އަހަރު ފަހުން އެ ގާނޫނު އުވާލީމަ މަމެންނަށް ހަމަ ހިނިއަންނަނީ! ތިއީ ހަމަ މަތިއޮމާންކުރަން ކުރާ ކަންކަން. ގޭންގުތަކަކީ އެކިއެކި ސިފައިގައި އަދި އެކިއެކި މިންވަރުގައި ނިމިދިޔަ 3 ސަރުކާރުގެ ވެސް ބައިވެރިން. މިއީ ހަގީގަތް
މިލިޓަރީ
25 August 2025
ދައުލަތުން ސްޕަންސަރކޮށްގެން ގޭންގުތައް ހިންގާ ޤައުމެއްް މި ނޫނީ ނޯންނާނެ. މާލޭގެ ހުރިހާ ފުޓުސެލް ދަނޑެއް އެ ވެރިންނަށް. ގަޑިއަކު 500 ރުފިޔާ. ހުޅުމާލެ ބީޗު ފުރަންޓުގެ ވޯޓަރ ސްޕޯޓްސް ހަޓްގެ ނަމު މިނީ ރެސްޓޯރެންޓުތައް ހަދައިގެން ހިންގުމާއެކު ވޯޓަރ ސްޕޯޓްސް ހަރަކާތްތައް ހިންގުން އެ ވެރިންނަށް.. މިކަން ކަން މިލެވަލްހަ ފެށީ ޔާމީނު ސަރުކާރުގަ އަދީބު އިސްވެހުރެ. ދެން ކޮން ގޭންގު ބިލެއް.ހަރުކަށި މިލިޓަރީ ވެރިއަކު އަސްކަރީ ބާރާއެކު އައިސްގެން ނޫންގޮތަކަށް
އަނީމް
25 August 2025
ޢެނގިދާނެތާ ތިހުރި ވަރެއް.. ބަލަން މިތިބީ...
ފަސް ޕަސަންޓް
25 August 2025
ހެނދުނު ހޭލިއިރު ގޭ ދޮރުމަތީ ތިބޭ ގޭންގްސުޓާރުން ނުވެސް ނެތް. އެމީހުން ބިރުން ފިލީކަންނޭންގެ، ހަމަ އެހެންމެ ޓަސް ކިޔާފަ ގޭންގު ވައިލަންސް ހުއްޓިޖެ. ޝުކުރީއްޔާ ރ.މުއީޒް.
ކޮލަމާހުއްޓާ
25 August 2025
ހެހެ ނުވާނެ އެއްކަމެއްވެސް. ގޭންގްތަކާ ފުލުހުންނާ ސިފައިންނާ ސިޔާސީ މީހުންނާ ވިޔަފާރިވެރިންނާ ގުޅިފަ އޮތްމިންވަރު މިގައުމުގެ އެންމެންދަނޭ. ކިހިނެއް އެމީހުންނާ ކުޅެވޭނީ؟
އަބުލްކަލާމް
25 August 2025
ރާއްޖޭގެ ވެރިންނަށް މިކަން ކުރަން ނުކެރުނު، މިކަންވެސް މި ކުރީ ރައީސް މުއިއްޒު އަޅެ ނިކަން ޓްރާންސްޕޯޓް މިނިސްޓްރީގަޔާ އަދި އެހެނިހެން މިނިސްޓްރީގައި ތިބި ގޭންގް ކުދިން ،ޚާއްޞަކޮށް ރައީސް އޮފީސް ތެރޭގައި ތިބި ގޭންގް ކުދިން ނިކަން ބޭރު ކޮށްލަބަލަ . މަގޭ ވޯޓު ޕީ އެން ސީއަށް ޔަގީން.
ކަހެރުވައް
25 August 2025
މޮޅެތި ގާނޫނުތައް ހެދިޔަސް އަދި ތިކަމެއް ނުހުއްޓުވޭނެ. ފުރަތަމަ ކަމަކީ ގޭންގުތަކުގެ އެންމެ އަޑީގަ ތިބީ ތިގާނޫނު ހެދި މީހުންނާ ސިޔާސީމީހުންގެ ތެރެއިން ފައިސާހުރި މީހުން. ހައްޔަރުކޮށް ޖަލަށް ލާނީ އެމީހުން ފައިސާދީގެން މަގުމައްޗަށް ނެރެފަތިބޭ ޒުވާނުން. އެއްކަލަ ގާނޫނު ހެދި އަންޑަރ ވޯލްޑް ގޭންގް ލީޑަރުން ތިބޭނީ ކުށްކުރާ ޒުވާނުން ހައްޔަރުކުރީމަ އެމީހުންގެ ދިފާއުގަ. މިއީ ހަގީގަތް...
ހަމްދާ
25 August 2025
ގޭންގް ކުދިން ސިޔާސީ މީހުންގެ ހަށިފާރަވެރިންނަށާއި މީސްމީހުންނަށް ބިރުދައްކަން ގެންގުޅޭހާ ހިނދަކު ހަމަ ދާނީ ތޮޅިއަށް