ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް މިއަދު ވަނީ ފާސްކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
15 މެއި 2025 - 17:20
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި ބިލް ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ވަކިކޮޅަކަށް ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
ބިލްގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއް ކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއް ކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ.
މިހާރު އަމަލުކުރާ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮންނަ ގޮތުން ގޭންގް ލީޑަރުންނާއި މެމްބަރުން ކަނޑައެޅެން އޮންނަނީ ދައުލަތުން ދައުވާ ކުރުމުން ކޯޓުތަކަށެވެ. މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހަކީ ގޭންގް ލީޑަރެއް ކަމަށް އަދި މެމްބަރެއް ކަމަށް ކަނޑައަޅައިފައެއް އަދި އެ ގާނޫނުގެ ދަށުން އަދަބެއް މީހަކަށް އަދަބެއް ދީފައެއް ނުވެ އެވެ. އެއީ އެ މީހަކު ނިސްބަތްވާ ގްރޫޕުން އާންމުކޮށް ކުރާ ކަމަކީ ގޭންގް ހަރަކާތްތައް ކަން ސާބިތުކޮށް ދިނުގައި ގާނޫނީ ހުރަސްތައް ހުންނާތީ އެވެ.
ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު، އެފަދަ ފަރާތްތަކާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ، ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. ގޭންގް މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެ އިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.
އެ ބިލްގައިވާ ގޮތުން ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހެ އެވެ.
ބިލުގެ ފުރަތަމަ ޑްރާފްޓްގައި ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުން ކަނޑައެޅުމުގެ ބާރު ހޯމް މިނިސްޓަރާއި ފުލުހުންނާއި ސިފައިން ހިމެނޭ ކޮމިޓީއަކަށް ލިބޭ ގޮތަށް އޮތް ނަމަވެސް މަޖިލީހަށް ހުށަހެޅިއިރު އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.
ގޭންގެއް ކަމަށް ކަނޑައެޅޭ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަޚުސެއް ރަޖިސްޓަރީ ކޮށްދީގެން ނުވާނެ ކަމަށް ބިލްގައި ހިމަނާފައި ވާއިރު އެކަން ހާސިލު ކުރުމުގެ ގޮތުން، ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރައްވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.
ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ އެ މީހަކު ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަށް ބިލްގައިވެ އެވެ. އެފަދަ ފަރާތަކަށް ދައުލަތުން ވަޒީފާ ދީގެން ނުވާނެ ކަމަށާއި އިންތިހާބީ މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބިލްގައި ބަޔާންކުރެ އެވެ.
ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ބިލްގައި ބުނެފައި ވަނީ ވަކި ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރުމެވެ. އޭނާއަކީ ގޭންގް މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށްކުރާ ގޭންގްތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1818
17 May 2025
މަތި މައްޗައް 100 ޤާނޫނު ހެދިޔަސް "ދިވެހި ފުލުހުންނަށް" ކުރެވޭ އެއްވެސް ކަމެއް ނެތް! ތީ ހަމައެކަނި ދިވެހި ދައުލަތުގެ ވެރިންގެ ހިމާޔަތުގައި އޮންނަ ބޭކާރު މުވައްސަސާއެއް! ބަންގްލަދޭސް 1000 މީހުންނަށް 300 ޑޮލަރު ދިނަސް ތި މުއައްސަސާ ތިގޮތަށް ހިންގާލާނެ! ވަރަށް ސަލާމް!
ޑރ ވާންޗޯ
16 May 2025
އަނެއްކާވެސް އަނެއް ވަނދުކަރާ ފަޅާލީ!. މާދަމާ ބުނާނެ ރެޑްހޭންޑްކޮށް ހައްޔަރުކުރީމަވެސް ކޯޓަށްގެންދިޔައިރު ތަލިން ކުޅުހިކިފަހުރީމަ ހިއުމަންރައިޓްސް އަށްބަލާފަ ދޫކޮށްލިއްޔޭ.
ހިޔަޅުގެ ދުލުން
16 May 2025
މިއޮތީ ހިޔަންޏަށް މުޑި ނަގާފަ. އިސާހިތަކު ނުފޯދޭ ރުކެއްގެ ބޮންތި ނެތިގެން ތިޔަކުންވެސް ކުރެވޭ ކަމެއް އޮތްކަމަކަށް ނުވާނެ.
މާއިން އަޙުމަދު
16 May 2025
މި ޚަބަރުގައި ގޭންގެއްގެ ފޮޓޯ ލާފަ އިނީމަ ވަރަށް ސަޅި.
ޗޫޤީ
16 May 2025
މިގައުމުގައި ބައެއްމީހުން ފުލުހުންނަށް ހުށަހަޅައިގެން ހައްލުކުރަންޖެހޭ މައްސަލަތައް ގޭންގުތަކަށް ހުށަހަޅައިގެން ހައްލުކުރަން މަސައްކަތްކުރޭ. ގޭންގު މާރާމާރީތައް ގިނަވަނީ އެހެންވެ ތޯއްޗެއް؟
ބަބްސް
16 May 2025
މިއީ ހަޤީގަތް. ފުލުހުނާއި ކޯޓު ތަކުން އިންސާފް ނުލިބުނީނަމަ ގޮތްހުސްވެގެން ކުރާ ކަމެއް. ގޭގެ ވެރިފަރާތުން ކުލި ނުދައްކައިގެން ފުލުހަށް ދިޔައީމަ އެބަބުނޭ އަހަރުމެންނަކަށް ކުރެވޭނެ ކަމެއް ނުތޭ.
ވާހަކަ
16 May 2025
ވޯޓް ނުދިން 11 މެންބަރުންނަކީ ގޭންގާ ގުޅުންހުރި މެންބަރުން. އެމީހުން ދައްކާނީ އިންސާފާ ހަމަހަމަ ކަމުގެ ވާހަކަ އަދި ގޭންގުގެ ވާހަކަ ވެސް.
ސުޖާބެ
15 May 2025
ގޭންގުތަކުގެ ބިރު އަދި ވެސް މިގައުމުގަ އެބަ އޮތް ބައެއްމީހުންގެ ވިޔަފާރިތަކަށް އަތްގަދަކޮށްގެން ތިބޭގޭންގު.ލީޑަރުން ބައެއްފުލުހުންނާވެސް ގުޅުންއެބައޮތް ކޯޓުތަކުގެ ގާޒީންނަށްވެސް ރިސްވަތުދީގެން އެމީހުންތިބެނީ ކުށްތައްލޮށްފަ ރެކިގަނެގެން ،އަޅެ ގާނޫނު އޮވެގެން ވާކަމެއް ބަލަންމިތިބީ،
ހުވަދޫ އަލިބެއްޔާ
15 May 2025
އަތް ނުލެވޭނެ, ނުވެސް ލާނެ، ނުވެސް ކެރޭނެ.. ކުރަން ބޭނުންވެއްޖެ ނަމަ ޤައުމު ސާފުކޮށް، އަމާން ވެއްޓަކަށް ހަދަން ނަގާނީ ގިނަވެގެން 48 ގަޑިއިރު.. އަބަދު އެއްބައެއް އެއްކަމެއްގަ އުޅޭ ކަމާއި ކާކުކުރަނީ ކީއްކަން، މިހުރިހާ ކަމެއް ޤައުމުގަ އެނގެން ޖެހޭ ފަރާތްތަކަށް އެނގޭނެ.. ކެރުމާއި ހިއްވަރު ނެތުން، އިޚްލާސްތެރިކަން ނެތުން.. ކަންމަތީ ފިހާރަ ތަކުން ގޭންގް ތަކަށް "ޓެކްސް" ނަގަން ފެށުމާއި އެންމެ ފަހުން އެ ފިހާރަތައް ގަނެ ގޭންގްތައް ހިންގުން.. ވިސްނާލާ!!!
ބޮނަ ވެވޯ، މުމްބަރި ނަގާ
15 May 2025
ޤާނޫން ފާސްކުރެވިދާނެ އެކަމަކު.... - ޝަރީޢަތަށް ާބިތު ނުކުރެވޭނެ (ޑިއު ޕްރޮސެސް ވަރުގަދަކަމުން) - ޝަރީއަތަށް ސާބިތުވިޔަސް ސިޔާސީ ބައެއްގެ ނުފޫޒުން މިނިވަންވާނެ - ސާބިތުވެގެން ޙުކުމްކުރާ މީހާ ގިނަވެގެން ޖަލުގައި އޮންނާނީ 4 ވަރަކަށް އަހަރު، އެއީ ވެސް ދައުރެއްގެ ކުރީކޮޅު ޙުކުމް ކޮށްފިއްޔާ، އިންތިޙާބާއި ދިމާކޮށް މިނިވަންކުރާނެ، ޖޫރިމަނާވެސް މާފްވާނެ.... އެހެންވީމަ ބޭކާރު ކަމެއްގެ ގޮތުގައި ފެންނަނީ
އެމްސް
15 May 2025
ބިދޭސީންގެ ވަގުވިޔަފާރިއަކަަށް ވާނީ ކޮންކަހަލަ ސްޓިކާއެއް އެވިޔަފާރި ހިިންގޭތަނެއްގަ ތަތްކޮށްފަ ހުރެގެންބާއެވެ؟