"ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ."
ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ: ދޮންފަނުގެ ބޯހިޔާވަހިކަން ހައްލުކުރަން ހިންގަން އުޅުނު ބިން ހިއްކުމުގެ މަޝްރޫއު މިހާރު ވަނީ ކުރިއަށް ނުގެންދަން ނިންމަވާފައި. -- ފޮޓޯ: ރައީސް އޮފީސް
09 ސެޕްޓެމްބަރ 2025 - 10:37
ބ. ދޮންފަނުގެ ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ދޮންފަނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ މަހު ރައީސް މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެކަމަކު، ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާ ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ ޕްރޮޖެކްޓް ހިންގުން ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ.
ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ. އެހެންކަމުން، އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. -- ރައީސް
އަޅުގަނޑު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ , ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް.…
— Dr Mohamed Muizzu (@MMuizzu) September 9, 2025
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާ ބެހޭ ގޮތުން ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދުމުން ކަމަށެވެ. ރައްޔިތުން ބޭނުން ނުވާ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ، ރައްޔިތުން އެދޭ އަމާޒަަށް މަސައްކަތް ކުރާ ސަރުކާރެއް،" ރައީސް ވިދާޅުވި އެވެ.
"މިގޮތުން ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ. އެހެންކަމުން، އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދޮންފަނުގެ ކައުންސިލަށް ރަސްމީކޮށް މިނިސްޓްރީން މިއަދު އެކަން އަންގާނެ އެވެ.
ދޮންފަނުން އެންމެ ފަހުން ގޯތި ދޫކުރީ 2011 ގަ އެވެ. ރައްޔިތުން އެދުމުގެ މަތިން ސަރުކާރުން ނިންމީ، އެ ރަށުގައި 13 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މިއީ ގާތްގަނޑަކަށް ރަށުގެ ސައިޒަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ.
ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ހަނިފަރު އޮންނަނީ ދޮންފަނުގެ އިރުން ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ކައިރީގަ އެވެ.
ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ "ހަނިފަރު ބޭ" އަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި އޮންނަ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ކަނޑުގެ އެކި ދިރުންތަކުން މުއްސަނދި އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ.
ސަރުކާރުން 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުގައި އޮއި ދައުރުވަނީ އެހެން ސަރަހައްދުތަކާ ވަރަށް ތަފާތު އަދި ހާއްސަ ގޮތަކަށެވެ.
ހުޅަނގު މޫސުމުގައި އެ ސަރަހައްދުގައި އޮއި ދައުރުވާ ގޮތުގެ ސަބަބުން ގިނަ އަދަދެއްގެ ފެހުރިއްސާއި އެންމަޑި ކާނާ ހޯދުމަށް އެތަނަށް ޖަމާވެ އެވެ. ބ. އަތޮޅުގެ ރަމްޒެއްގެ ގޮތުގައި ބަލާ އެއްމަޑި ވިހައި އާލާވުމަށް ވެސް އެ ސަރަހައްދަށް އެއްވެ އެވެ. އެއީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތަކަށް ވާތީ، އެއީ މުޅި ދުނިޔެއަށް ވެސް ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
09 September 2025
މާލޭސަރަހައްދުގަ ހިއްކާފަ ކިތައްބިން އެބައޮތްބާ. ކަމެއްނުކޮށް ހިއްކިގޮތަށް އަވިންހިއްކަން ބާއްވާފަ. އާބާދީ ކުދިކުދިރަށްރަށުގެމީހުން އެބިންތަކަށް ގެންނަންވީނޫންތޯ. ރަށުގެ މުޅިސްކޫލްގަ 70 ކުދިން ހަމަނުވާ ކިތައްސްކޫލް އެބަހުތިތޯ. ކެމްޕެއިންކުރާއިރު ހަމައެކަނި ވޯޓްހޯދަންތޯ މިދަނީ. ރަށުގެ އާބާދީއެއް، މާލީޙާލަތެއް ދިރިއުޅުމުގެ ފެންވަރެއް، ދިރިއުޅެވޭތޯ ބެލުމެއްނެތި ބޮޑެތިޚަރަދު ރަށަށް ކުރަނީ. އާބާދީގަ މަދު މީސްކޮޅެއްއުޅޭ ރަށްރަށުގަ އެއަރޕޯޓާ، މަލްޓިޕާޕަސްހޯލާ ހޮސްޕިޓާ އަޅަން ވައުދުވަނީ ހުރިހާވެރިންވެސް އެރަށަކަށް ރަނގަޅަށް ބަލާވެސްނުލާތިބެ.
ކޮރަލް
09 September 2025
ކުޑަކުދީންނާ މުސްކުޅީން ލައިގެން 800 މީޙުން އުޅޭ ރަށެކެވެ. ގޯތި ބޭނުން ވާ މީހުންނަށް އެހެން ރަށަކުން ގޯތި ދޭން ވީ އެވެ.
މެންދުރު ފަސް
09 September 2025
ބަޖެޓުން ޚަރަދުކުރާއިރު އާބާދީ އާއި އެއްވަރު ނިސްބަތެއް ޚަރަދުކުރަންވީ. ދޮންފަނުގައި ދިރިއުޅޭ 200 މީހުންނަށް ބަނދަރު ހަދާދީ އެއަރޕޯޓު އަޅާދޭނަމަ 200 މީހުންނަށް ވުރެ ގިނައިން މީހުން އުޅޭ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކަށްް ވެސް އެއަރޕޯޓަކާ ޓާރޝަރީ ހޮސްޕިޓަލަކާ ހަދާދޭން ޖެހޭނެ.
raajje
09 September 2025
ކެންޕެއިންކުރާއިރު އެއްވެސްމީހަކު ވައުދުވަނީ ކޮށްދޭނަމޭބުނާކަމަކާގުޅޭ މާބޮޑު ސުޓަޑީޒްއެއް ހަދާފަކާނޫން، ތިމާވެއްޓާ މިހާބޮޑަށްގުޅިފައިވާކަމެއް ވައުދެއްވެވިފައިއޮތަކަސް ކޮށްދެވޭކަށްނޯންނާނެދޯ، ނަމަވެސް ދޮންފަނުގެ %1 މީހުނަށްވެސް މިކަންގެޓުވާނެކަމަށްނުބެލެވޭ، ލަފާކުރެވެނީ ރައްޔިތުންއެދިގެންނަށްވުރެން ބޮޑަށްތިމާވެށީގެ ސަބަބުތަކާހުރެ ކެންސަލްކުރަންޖެހުނީކަމަށް، ނަމަވެސް ރައީސް ދޮގެއްހެއްދެވީކަން ހާމަވެއްޖެނަމަ އަޅުގަނޑުގެ ސަޕޯޓުންބައެއްއުނިވާނެ
އަފްރާސިޔާބު
09 September 2025
ކަލޯ ފައްކާ ބުނަން ތިޔަވި ވައުދު ތައް. ވައުދުވެސްވީ ރައްޔިތުން ރައްޔިތުން އެދިގެން. ވައުދު ނުފުއްދަންވެސް ރައްޔިތުން އެދިގެން. ހަވާ އަރުވަންވެސް ރައްޔިތުން އެދިގެން. ރަސްމާލެ ހިންކުންވެސް ރައްޔިތުން އެދިގެން. އެހެންވީމާ ބަޖެޓް ދިރުވާލަނީވެސް ރައްޔިތުން އެދިގެންތާ. ސަރުކާރަށް ވިސްނިގެންކުރާ އެއްވެސް އެއްވެސްކަމެއްނެތްތާ ބަޖެޓް ދިރުވާލުން ފިޔަވާ.
އޭނަ
09 September 2025
ދޮންފަހު ފަދަ އަބާދީ މަދު ރަސްރަށުގެ މީހުން ބިންބޮޑު ރަށްރަށަށް ބަދަލުކުރަންޖެހެނީ. 200 ރަށުގަ މީހުން އާބާދުވެގެން މިގައުމު ތަރައްގީ ނުކުރެވޭނެ.
ސަންޑޭ
09 September 2025
ދޮންފަނުގައި ދިރިއުޅެމުން ދާ ތިން ސަތޭކަ މީހުން ހިމާޔަތްކޮށް ހުޅުމާލޭގައި ދޮންފަނު ޓަވަރެއް ހަދާ އެތަނުގައި އެމީހުން އާބާދުކުރުވަން ޖެހޭ.
އައިސަން
09 September 2025
ހެޑްލައިން ހަދާހިތުން ތަނެއް ދޮރެއް ބާލާނުލާ ބޮޑެތި ޕްރޮޖެކްޓް އިއުލާނުކުރުމުގެ ކުރިން ކުޑައިކޮން މީހުންނާ މަޝްވަރާ ކޮއްލާ ހަދާނަމަ ތިފާޑަށް ޔޫޓާރން ނަގަންޖެހޭ ވަރު މަދުވާނެ
ދިގުރާސްތާ
09 September 2025
ރަނގަޅު ދިރާސާއާ ދުރު ފްލޭނަކުން ބޮޑެތި އެއްފަސް އާބާދީއަށް އަމާޒުކޮށްގެން ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރަން އަދިވެސް ނުވޭތަ؟ ފަޅެއް އޮޔިއްޔާ ހިއްކާ ގޮޅިކަނޑާފެން ބަހާލާފަ ފަޅު ނެތް ރަށްރަށުގައި މީހުން ފުރިބާރުވެ ގެދޮރު ނެތިފައި ތިބެންވީ.. ބަލިމީހަކު މައްޔިތަކުވެސް ގެންދެވޭނެ ވެހިކަލެއް ވެސް ނުދުއްވޭ ރަށްރަށް އެބަހުރި!
ޞަލްމް
09 September 2025
ހެހެހެ އެރަށު މީހުން ބޭނުންވެގެން ނޫންދޯ ބިން ހިއްކަން އުޅުނީ. ރަށްރަށުގެ މީހުން އަމިއްލަ ދިރިއުޅުން ހަލާކުކޮށްލާފަވެސް ބަލާނީ ބަޔެއްގެ ޖީބަށް ޑޮލަރުވެއްދޭތޯ!