ބިން ހިއްކުން އަވަސްކުރަން ގޮވާލައި ދޮންފަނުގައި މުޒާހަރާކުރަނީ.
09 ސެޕްޓެމްބަރ 2025 - 13:34
ބ. ދޮންފަނުގެ ބިން ހިއްކަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، އެރަށުގެ ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމާ އެކު ދޮންފަނުގެ ރައްޔިތުން ނިކުމެ އެރަށުގައި މުޒާހަރާކުރަން ފަށައިފި އެވެ.
ދޮންފަނު ކައުންސިލުގެ ރައީސް އަހުމަދު އިރުޝާދު، "މިހާރު" އަށް ވިދާޅުވީ ރައީސްގެ އެ ނިންމެވުމާ އެކު ކައުންސިލް އިދާރާ ދޮށަށް އެރަށުގެ ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރަމުންދާ ކަމަށެެވެ. އެމީހުން ގޮވާލަމުން ދަނީ ބިން ހިއްކުން އަވަސް ކުރުމަށެވެ.
އޭނާ ވިދާޅުވީ ރަށުގެ ބިން ނުހިއްކަން ނިންމުމުގެ ކުރިން އެރަށުގެ ރައްޔިތުންނާއި ކައުންސިލާ ވެސް ސަރުކާރުން މަޝްވަރާ ކޮށްފައިނުވާ ކަމަށާއި އަދި މުޒާހަރާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ އެހެންވެ ކަމަށެވެ.
މިއަދު ހެނދުނު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަން އެގްރީމަންޓްގައި މިދިޔަ މަހު ސޮއިކުރި ނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން އެ މަޝްރޫއު ސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށެވެ.
"ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެންކަމުން، އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ޕޯސްޓުގައިވެ އެވެ.
މިދިޔަ މަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ދޮންފަނަށް ވަޑައިގެން އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ހަނިފަރު އޮންނަނީ ދޮންފަނާއި ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ކައިރީގަ އެވެ. ސަރުކާރުން 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުގައި، ދުނިޔެއިން ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުންތައް ވެސް އުޅޭތީ އެއީ މުޅި ދުނިޔެއަށް ވެސް ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ.
ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ. ގުދުރަތީ މާހައުލު އެހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. އަދި އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ.
އެފަދަ މުހިއްމު ސަރަހައްދެއް އޮއްވާ ދޮންފަނުގެ ބިން ހިއްކައިފި ނަމަ، ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ ޕްރޮޖެކްޓް ހިންގުން ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި ވެސް ގެންދިޔައީ ސޮއި ކުރަމުންނެވެ. އަދި ބ. އަތޮޅުގައި ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކާއި ތިމާވެށީގެ ޖަމިއްޔާތަކުން ވެސް އައީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިރުޝާދު ވިދާޅުވެފައިވާ ގޮތުގައި ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގައި ބޯހިޔާވަހިކަން ބޭނުންވާ 100 އެއްހާ މީހުން މިވަގުތު އެބަ ތިއްބެވެ. ދޮންފަނުގެ ބިން ފުރި ގޯތި ނުދެވޭ ހިސާބަށް ގޮސްފައި ވާތީ، ސަރުކާރުން އެ އެންމެނަށް ކޮންމެވެސް ގޮތެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާރު001
11 September 2025
ދޮންފަނު ރައްޔިތުންނަށް ހުޅުމާލެއިން 2-3 ޓަވަރު އަޅާދޭން ފެނޭ. ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި މާ ބޮޑު ކުރިއެރުމެެއް އޮންނާނޭ ކަމަށް ލަފާ އެއް ނުކުރޭ. އެންމެން ވެސް ހަޤީޤަތުގައި އެދެނީ މާލެ ހިސާބުގައި އުޅެން.
ތަމްހީދު ގާސިމް
11 September 2025
ތި ދޮންފޮނި މީހުން ތީ ވަރަށް ފޮނި ބައެއް
ތަރި2
11 September 2025
ދޮންފަނަކީ 2030 އިން ފެށިގެން ފަޅު ރަށެއް ކަމަށް ގާނޫނަކުން ކަނޑައަޅާ ބިން އޮތް ބޮޑުރަށަކުން ގޯތިދީ ގެދޮރު އަޅާދީފަ މީހުން ބަދަލު ކޮށްދޭންވީ. މިގޮތައްހުރި އެހެންވެސް ކުދި އާބާދީތައް ބިންބޮޑު ރަށްތަކަށް ބަދަލުކުރުމުގެ ޕްރޮގްރާމެއް ގާނޫނީ ބާރާއެކު ހިންގަންވީ. ރާއްޖެއަށް ކުރިއެރުން އަވަސްވާނެ ގޮތަކީމީ.
ނަޞޭޙަތް
10 September 2025
ދެން ބޮޑާ ނަހާކާ އާބާދީ އޮތް ތަނަކަށް ބަދަލުވެބަލަ. އެނިމުނީނު.
ފިރާޝް ޖައުފަރު
10 September 2025
ކޮންމުޒާހަރާއެއް ތޯ ހުރިހާ އެންމެނައް އެއްފަހަރާ ކަންކަންވޭތޯ ؟ ކެއްތެރިވޭ
ފަރުހާދު ރަޝީދު
10 September 2025
ރަންގަޅު ރައީސް! ރަންގަޅަކަށް ކަމެއް ކޮށްދޭން އުޅުނަސް މީގެން މީހަކަށް ކަމަކު ނުދާނެ، ތިކަހަލަ ނިންމުން ނިންމަން ރައީސް ނޫން އެހެން މީހަކަށް ނުކެރޭނެ. މިހާރު ތިބޭނީ ރާކަނިމަސް ކެވިފަ!
ށަމިމާ
10 September 2025
500 މީހުން އުޅޭ ރަށެއް ތޯ؟ އެންމެ 500 ތޯ. ސޫކޫލުގެ އެއް ސެޝަނަށް ވުރެއް މަދު އެނގޭތޯ.
ޢާޠިފް
10 September 2025
ބިން ހިއްކަން ކޮންމެ ރަށެއްގެ ބަޔަކު ވެސް ބޭނުންވާނެ. ނަމަވެސް ރަށް އޮންނަ ތަނުގެ ގޮތުން ކޮށް ނުދެވޭނެ ކަންކަން ހުންނާނެކަން ގަބޫލުކުރައްވާނެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް ކަން އޮތީ މިހެން. ދޮންފަނު ރައްޔިތުން ޑިމާންޑު ކުރަންޖެހެނީ ބިންހިއްކުމަށް ނޫން. ބަޔޮސްފިޔާއިން ލިބޭ މަންފާއިން ނަފާ ލިބިގަތުމަށް. މިއީ އަޅުގަނޑުގެ ޚިޔާލު.
ވޯޓުކޮޅެއްތޯ ނުވަތަ ރަށްތޯ
10 September 2025
ރައީސް ވަޑައިގެން ވިސްނުމެއްނެތި ވަޢުދުތައްކުރާތީ ވާގޮތް. ބިން ހިއްކުމަކީ ކުރުން ރަނގަޅު ނޫންކަމަކަށް ވަންޏާ، ރަށް ހިމާޔަތްކުރުމަށް، އެރަށު މީހުނާ ވާހަކަދައްކައިގެން އެހެން ރަށަކަށް ބަދަލު ކުރެވިދާނެ. އެންމެ އަވަހަށް އެއްބަސްވާނީ، މާލޭ ސަރަހައްދުން ފްލެޓް ނޫނީ ގޯތި ދިނީމަ. 2 ވަނަ ގޮތަކީ، ދޮންފަނުގެ ބިމުގަ 5 ވަރަކަށް އުސް އިމާރާތް އަޅާފަ ކޮންމެ ރައްޔިތަކަށް ފްލެޓެއް ދިނުން. ހިމާޔަތްކުރަންވީ 400 ވޯޓުތޯ ނުވަތަ ރަށާއި ރަށުގެ ތިމާވެށިތޯ. ނިންމަވާ!!
ސާލިހާ
09 September 2025
ކޮށި ވިސްނުމެއް ތިޔަ ގެންގުޅެނީ. ޔެލޯ ޓީމް ކުދިންގެ ކަމަކާ ބޮޑަށް ވައްތަރީ.