މި ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ވަކާލާތުކުރަނީ ނަތީޖާ ނެރެވޭ އަދި ވަށާޖެހޭ ގޮތެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ޕަލްސް" ގެ ނަމުގައި ސަރުކާރުން ފެށި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު ހާއްސަކުރީ ތިމާވެށީގެ ދާއިރާއަށެވެ.
އެ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ބިން ހިއްކުމަކީ ޒުވާން ކުދިންގެ މެދުގައި ވަރަށް 'ކޮންޓްރަވާޝަލް' މައުލޫއެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން އެ މަނިކުފާނާ ވެސް ސުވާލުކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމަކީ ތަރައްގީގެ ބޭނުމުގައި ކުރާ ކަމެއް ކަމަށާއި އެކަމަކު ތަރައްގީ އާ އެކު ތިމާވެށި ވެސް ހިމާޔަތްކުރަންޖެހޭ ކަމަށެވެ. އެ މަގުސަދުގައި މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށްދާއިރު އެތަނުގައިވާ މުރަކަ އެހެން ތަނަކަށް ބަދަލުކުރުމާއި މުރަކަ އިންދުމުގެ އެހެން ޕްރޮގްރާމުތައް ވެސް ކުރިއަށް ގެންދަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޒުވާން ކުދިންގެ މެދުގައި މިއީ ވަރަށް ކޮންޓްރަވާޝަލް ކަމެއް ބިން ހިއްކުމަކީ. އަޅުގަނޑާ ވެސް ބައެއް ކުދިން ސުވާލު ކޮށްފައި އެބަ ހުރި. ކުރިން ވެސް ދެންނެވި ގޮތަށް ބިން ހިއްކުމަކީ ތަރަައްގީގެ ބޭނުމުގައި ކުރާ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ތަރައްގީ އާއި އެކީގައި ތިމާވެށި ވެސް ހިމާޔަތްވާންޖެހޭ. އެހެންވީމަ އަޅުގަނޑުމެން މިސާލަކަށް ރަސްމާލޭ ހިއްކާއިރުގައި އަޅުގަނޑުމެން އެބަ ހިންގަން މުރަކަ އާލާ ކުރުމުގެ ޕްރޮގްރާމުތައް. އެހެންތަނެއްގައި މުރަކަ އިންދުމާ."
ސަރުކާރުން ކުރިއަށް ދާނީ ތަރައްގީ އާއި ތިމާވެށި ގުޅިލާމެހިގެންދާ ގޮތަށް ކަމަށާއި، ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި ނާޒުކު ތިމާވެށި ހިމާޔަތްކުރެވި އަދި ދުނިޔޭގެ އެހެން ގައުމުތަކުން އެކަމަކަށްޓަކާ ރާއްޖެ އިން މިސާލު ނަގަން ބޭނުންވާނެ ގޮތަށް ކަމަށް ރައިސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމަށް އެން ބޭނުންވާއިރު ތަަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އެންވެރިކަމަށް އަސަރުކުރާ ކަމަށެވެ. އެހެންވެ އެންވެރިކަން ނުގެއްލޭނެ ގޮތަށް ސަރުކާރުން ޕްރޮގްރާމުތައް ކުރިއަށް ގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ތިމާވެށި ހިމާޔަތްކުރަން ވާހަކަ ދައްކަނީ ނަތީޖާ ނެރޭވެނެ ގޮތަށް ކަމަށާއި ކުރީ ސަރުކާރުތަކުގައި އެކަމަށް ސަމާލުކަން ދީފައިނުވާ ކަމަށެވެ.
"މި ސަރުކާރުން ތިމާވެށި ހިމާޔަތްކުރަން ވާހަކަ ދައްކަނީ ވަރަށް ޕްރެކްޓިކަލްކޮށް ނަތީޖާ ނެރެވޭގޮތަށް ވަށާޖެހޭ ގޮތަށް. މީގެ ކުރީގައި އެ ސަމާލުކަން ދެމިފައި ނެތޭ. ހަމައެކަނި ތަރައްގީގެ މަސައްކަތް ތިމާވެށި ހިމާޔަތްކުރުމުގެ އެއް ބައި މި ކުރިއަށް ގެންދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގޮނޑުދޮށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށާއި ބައެއް ގެތައް ވެސް މޫދަށް ވެއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ ވަރަށް ގިނަ ރަށްތަކެއް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަަޝްރޫއު މިވަގުތު ވެސް ކުރިއަށް އެބަދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމަކު މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބޮޑު ހިލަ ފަދަ އެ މަޝްރޫއުތަކަށް ބޭނުންވާ ބައެއް ސާމާނު ހޯދުމުގައި ދަތިތަކެއް އެބަ ހުރި ކަމަށާއި އެކަމަކު އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި ކުނި މެނޭޖްކުރުމާއި ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ނިމެނެ ކަމަށެވެ.