ކުނި އަޅައިގެން އެއްވެސް ތަނެއް ނުހިއްކާނެ ކަމަށާއި އެއީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގެ ރައްޔިތުންނާ އެ މަނިކުފާނު ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ޝަކުވާތަކާއި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށަހަޅަން ފުރުސަތު ހުޅުވައިލުމުން ވާހަކަ ދެއްކި މީހަކު ބުނީ، މިހާރު ބިން ހިއްކަނީ ކުނި އަޅައިގެން ކަމަށެވެ. އެ ސަރަހައްދުގެ ނަން އެ މީހާ ނުބުނި ނަމަވެސް ބެލެވޭ ގޮތުގައި އޭނާ ދެއްކީ ހުޅުމާލޭގެ ތިން ވަނަ ފިޔަވައްސަށް ބިން އިތުރު ކުރުމަށް މިހާރު ހިއްކަމުންދާ ސަރަހައްދުގެ ވާހަކައެކެވެ.
ރައީސަށް މައްސަލަ ހުށަހަޅަމުން އެ މީހާ ބުނީ، ކުނި އަޅައިގެން ހިއްކަމުންދާ ކަމުގެ "ހެކި" ވެސް އެބަހުރި ކަމަށާއި ކުނި އަޅައި، އޭގެ މައްޗަށް އަޅަނީ މީޓަރު ވެސް ހަމަނުވާ ވަރުގެ "ދޮންވެލިކޮޅެއް" ކަމަށެވެ. އެކަމަކު، އެއީ ސަރުކާރަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެ ވަރަށް ބޮޑަށް ނުރުހުންވެ، ރައީސްގެ ސަމާލުކަމަށް އެ މައްސަލަ ގެނައެވެ.
އެ މީހާގެ ކަންބޮޑުވުންތަކަށް ރޭގެ ބައްދަލުވުމުގައި ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކުނި އަޅައިގެން އެއްވެސް ތަނެއް ނުހިއްކާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެ ވަގުތު އިންނެވި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އަރިހުން މައުލޫމާތު ސާފުކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ، ހުޅުމާލެ 2 އާ އެއްފަޅެއްގައި އޮންނަ ފަރުކޮޅުފުށި ކައިރިން ބިން ހިއްކިއިރު، އެ ތަނުގައި ހުރި ކުނިތަކެއް ނަގައި، އެ ތަނުގެ ކައިރިއަށް ގާކުނޑި އެޅި ކަމަށެވެ.
"... ދެން އޭގެ ދުރަށް އެހެންޏާ ވެސް ހިއްކާ ގޮތަށް ވެލި އަޅައިގެން ހިއްކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުނިތަކެއް ނަގައި، އެ ތަނުގެ ކައިރިއަށް ގާކުނޑި އެޅުމުން ކުނި އަޅައިގެން ހިއްކީ ކަމަށް ބަޔަކަށް ހީވެދާނެ އެވެ.
"ކުނި އަޅައިގެންނެއް އެއްވެސް ތަނެއް ނުހިއްކާނެ. އެއީކީއެއް ސަރުކާރުން އެކަން ކުރާ ގޮތެއް ނޫން. އިންޓަނޭޝަނަލް ކޮންޓްރެކްޓުތައް މި ހުންނަނީ. އީއައިއޭ ހަދައިގެން ހިއްކާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ މިހާރު ވަނީ ގުޅުވާލައިފަ އެވެ.
ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތްކުރާ އެމްއޭސީއެލުން އިއްޔެ ބުނީ ޖުމްލަ 40 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ 63 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ އެ ޕްރޮޖެކްޓުގެ 63.5 ޕަސެންޓް ކަމަށާއި އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ، މާލޭ މީހުންނަށް ގޯތި ދިނުމަށް ހިއްކާ ހުޅުމާލެ ތިނެއްގެ މަސައްކަތް މި މަހުގެ ނިޔަލަށް ހިއްކައި ނިމޭނެ ކަމަށެވެ.