ޔާމީން: ބަދަލު ދޭން އެންގި މައްސަލަ ހައި ކޯޓަށް ވަނީ ހުށަހަޅާފައި
11 ސެޕްޓެމްބަރ 2025 - 14:27
އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޔާމީންގެ އެއްބަސްވުން އާ ނުކުރަން އެ ކުންފުނިން ނިންމި މައްސަލާގައި ބަދަލު ދޭން އެންގި ނިންމުން އެޗްޑީސީން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރުގެ މަގާމަށް ޔާމީން އައްޔަންކުރީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިސެމްބަރު 2023 ގަ އެވެ. އެ މުއްދަތު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށެވެ. ނަމަވެސް، ޔާމީންގެ އެއްބަސްވުން އާނުކުރާނެކަން އެންގީ އޭގެ އެއް މަސް ފަހުން މިދިޔަ ޖެނުއަރީ މަހު އެވެ.
އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެތަނުން ނިންމީ ޔާމީނަކީ މުއްދަތެއް ނެތް ދާއިމީ ވަޒީފާއެއްގައި ހުރި މީހެއް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ކަމަށް ކަނޑައެޅި އެވެ. އެހެންވެ، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށް ޓްރައިބިއުލަނުން އެންގި އެވެ.
އަދި ބަދަލުގެ ގޮތުގައި ހަ މަސް ދުވަހުގެ މުސާރަ ކަމަށްވާ 144،000ރ. ދިނުމަށާއި އޭނާ އަދާކުރަމުންދިޔަ ވަޒީފާ ރުޖޫއަކުރަން އަންގާފައިވެ އެވެ. ނަމަވެސް، އެޗްޑީސީން މިހާރު ވަނީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ޔާމީން "މިހާރު" އަށް މީގެކުރިން ވިދާޅުވި ގޮތުގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބެއްލެވުމުގެ ދަށުން އޭނާ ވަނީ ދާއިމީ މުވައްޒަފަކަށް ވުމަށްޓަކައި އެޕްރައިސަލް ފުރިހަމަކުރައްވައިފަ އެވެ. އަދި ވަޒީފާ ދާއިމީކުރަން ވެސް އޭރުގެ އެމްޑީ ފަޒުލް ނިންމަވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެން މިހާރު އޭނާއަކީ ދާއިމީ މުވައްޒަފެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެއް އަހަރުގެ އެއްބަސްވުން ހަމަވިތާ ވެސް އެއް މަސް ފަހުން، އެއްބަސްވުން އާނުކުރަން ނިންމާފައިވާ ކަމަށް އަންގައި ސިޓީ ފޮނުވާފައިވަނީ ކޮން އުސޫލަކުން ކަމެއް ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީންގެ އެއްބަސްވުން އާނުކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ނިންމި ސަބަބެއް ވެސް ސާފުނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީންގެ އެއްބަސްވުން އާނުކުރަން އެޗްޑީސީން ނިންމީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ތަހުގީގާ ގުޅިގެން ޔާމީން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް އަދި ފަހުން އެ ސަސްޕެންޝަން އުވައިލުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާޖޫ ދާއީ
11 September 2025
ދުވަހަކު ތިޔަ ޓްރިބިއުނަލުން ތިނޫން ގޮތަކަށް ނިންމިތަ. ޑީލު ހަދައިގެން ފައިސާގެ ޕަސެންޓެއް އެމީހުންނަށް ލިބޭ. އެހެންވީމަ މުޅިންވެސް އެގޮތަށް އެކަން ނިމޭނީ.
ޔާނުގެ
11 September 2025
އެެއްމެ ކޮރަޕްޓް އެކަކު.