ކުރީގެ ރައީސް ޔާމީން މީގެކުރިން ކޯޓަށް ހާޒިރުވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
17 ސެޕްޓެމްބަރ 2025 - 10:12
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އެންގި ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އެ މައްސައްލައިގެ އަޑުއެހުމެއް މި މަހުގެ 29 އަށް ތާވަލުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11:30 ގަ އެވެ. އެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދާއި ފަނޑިޔާރު މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު 2022 ގައި އިއްވި އެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ ދެ ހުކުމް ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށް، އެ ދެ މައްސަލަ ވެސް އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ތިން އަހަރުގެ ޖަލު ހުކުމެއް އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގައިފަ އެވެ.
ޔޫސުފް ނައީމްގެ މައްސަލަ ވެސް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަ ވެސް އެ ކޯޓުގައި ތާވަލުކޮށްފައި އޮތީ ޔާމީނުގެ މައްސަލައާ އެއް އެއް ވަގުތެއްގައި ކުރިއަށް ގެންދާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަމީމު
17 September 2025
މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދާއި ފަނޑިޔާރު މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު. މި ބެންޗު އެކުލަވާލީ ވެސް، ހަމަ ގަސްތުގައި. އެއީ. ޔާމީނާ ދެކޮޅަށް ހުކުމެއް ނެރެވުމަށް. ނޫނީ، ޝުޖޫން އަދި ޑރ. އިބްރާހީމްގެ ފަނޑިޔާރުކަން ގެއްލޭނެ.
ކަރީމު
17 September 2025
އަވަސްކުރޭ، މިހާރުވެސް މާލަސްވެއްޖެ. އިންސާފު އަރާ ހަމަކުރުމުގައި މޫނަކަށް ކަދުރާޔަކަށް ލޮލަކަށް ބޮލަކަށް ބަލާނެކަމެއް ނެތް،
ސަސި
17 September 2025
މިއީ ހަމަ އިއްތިފާގު، އެއްވެސް ހާލެއްގަ ޒާތީ ކަމެއްނެތް