މަހްލޫފަށް ޖަލުން ދޭ އިނާޔާތްތައް ކަނޑާލައިފި

ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވާހަކަ ދައްކަވާ ކަމަށް ބުނެ، އޭނާ އަށް މާފުށީ ޖަލުން ދޭ އިނާޔަތްތައް އެއް މަސް ދުވަހުގެ މުއްދަތަށް ކަނޑާލައިފި އެވެ.


މަހްލޫފަށް ދޭ އިނާޔަތްތައް ކަނޑާލި ކަމަށް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މަހްލޫފްގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި، އޭނާ އަށް ޖަލުން ލިބޭ އިނާޔަތްތައް ކަނޑާލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ނެރުއްވި އޯޑިއޯ އާ ގުޅިގެންވެ. އެ އޯޑިއޯގައި މަހްލޫފް ވަނީ މަސީހްގެ އިތުބާރު ނެތް ކަމަށް ހުރިހާ މެމްބަރުން މިދިޔަ ހޯމަދުވަހުގެ ޖަލްސާގައި ވޯޓު ދެއްވުމަށާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތަށް ތާއީދު ކުރައްވައިފަ އެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވި ގޮތުގައި، ކަރެކްޝަނަލް ސާވިސް އިން ހިފެހެއްޓީ، ހަފުތާއަކު އެއް ފަހަރު އާއިލާ އަށް ފޯނު ކުރުމުގެ ފުރުސަތާއި އާއިލީ ބައްދަލުވުންތައް އަދި އެކަހެރި ބައްދަލުވުންތަކެވެ.

އޭނާ ވިދާޅުވީ މަސީހާ ގުޅޭ ގޮތުން މަހްލޫފް ނެރުއްވި އޯޑިއޯގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވުމަށް މަޖިލީހުގެ މެމްބަރުންނަށް ގޮވައިލެއްވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް އައުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިނާޔަތްތައް ކަނޑާލުން ވަރަށް ބޮޑަށް ކުށްވެރި ކުރަން. މިއީ ވަކި މީހަކާ މެދު ތަފާތު ކުރުންތައް ގެންގުޅެމުންދާ ކަމުގެ ހެއްކެއް،" ނަޒޫ ވިދާޅުވި އެވެ.

މަހްލޫފްގެ އޯޑިއޯގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން "މޮޑެން ގެންގުޅުއްވާ ފުށްގަނޑަކަށް" ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެއްދެވީ މަޖިލީހުގެ ރައީސް މަސީހު ކަމަށެވެ. އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް "ހަލުވަން ގެންގުޅޭ ބޮލި ރަވައެއްގެ ފުއްތަކަކަށް" މެންބަރުން ހެއްދެވުމުގެ ޖާގަ ދެއްވީ ވެސް މަސީހު ކަމަށް މަހްލޫފް ވިދާޅުވެފައިވެ އެވެ.

ވެރިކަންކުރާ ޕީޕީއެމްގައި ހުންނަވައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅު މުޒާހަރާތަކުގައި އުޅުއްވަނިކޮށް ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މަހްލޫފަށް ކުރި އެއް ހުކުމުގެ މުއްދަތު މިދިޔަ ޖެނުއަރީ 17 ގައި ވަނީ ހަމަވެފަ އެވެ. އަނެއް ހުކުމުގެ މުއްދަތު ޖޫން މަހުގެ ކުރީކޮޅު ހަމަވާނެ އެވެ.