ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
03 ނޮވެމްބަރ 2025 - 11:54
ގައުމަށްޓަކައި ގުރުބާން ވާން ތިބި ބަޔަކު އުފެއްދުމަކީ މުހިއްމު ކަމެއް ކަމަށާއި އެއީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބެ ކުރެވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގައި ގައުމުގެ މިނިވަންކަން ނަގާލުމަށް ހަތިޔާރާ އެކު ގައުމުތަކަށް އެރިޔަސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ނޭނގި ތިއްބާ ޓެކްނޮލޮޖީގެ މި ޒަމާނުގައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
"ގައުމަށްޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިންގެ ނުވަތަ ފުލުހުންގެ ޔުނިފޯމް އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއް ނޫނޭ. އަޅުގަނޑުމެންގެ މިއަދުގެ ދުނިޔެއަކީ ބަވަނަވެފައިވާ ދުނިޔެއެއް. ކުރީގައި މިނިވަންކަން ގެއްލުވުމާލުމަށް އަޅުވެތި ކުރަން އަންނަނީ ހަތިޔާރު ހިފައިގެނެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަކީ އެހެން ގައުމުތަކުގައި ނެތް ހާއްސަ ސިފަތަކެއް ލިބިފައިވާ ބައެކެވެ. ރާއްޖެއަކީ އިސްލާމުދީނުގެ މަތީގައި ތިބި، ދިވެހިވަންތަ ބައެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެކަމާ މެދު ނުވިސްނާ ތިބެއްޖެ ނަމަ އެ ހުރިހާ ކަމެއް ނެތި ހިނގައިދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، ޝަހީދުވި މީހުންގެ އާއިލާއަށް ރައީސް ޑރ. މުއިއްޒު އެރުވި އައްޑަނައާއެކު، ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ރައީސް އޮފީސް
"...އަޅުގަނޑުމެންނަކީ އެއް ބަހަކުން ވާހަކަ ދައްކާ ބައެއްކަން. އެއް ނަސްލަކަށް ނިސްބަތްވާ ބައެއްކަން. މި އެއްބައިވަންތަކަން ނައްތާލުމަކީ މިހާރު ކަނޑި އާއި ބަޑި ހިފައިގެން ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ މި އިގްތިސާދު އިސާހިތަކު ނައްތާލައި ބޮޑު އަނދަވަޅަކަށް ވައްޓާލައި އަޅުގަނޑުމެންގެ އަތްމަތީގައި މި އޮތް މިނިވަންކަން ހުރިހާ ނަޒަރިއްޔާތަކުން ވެސް އަތުން ނިގުޅައިގަތުމަކީ ދާދި ފަސޭހަކަމެއް އެކަމާ މެދު ނުވިސްނާ ތިބެއްޖެ ނަމަ،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ފަހުރެެއް ނުވަތަ ޒިންމާއެއް ކަަމަށް ދުށުމަށް ރައީސް އެދިވަޑައިގަތެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮންމެ މީހަކު ތަމްރީނުކޮށް ހަތިޔާރު ދީފައި ނުބެހެއްޓޭނެ ކަމަށެވެ. އެކަމަކު އެކަން ނުކުރެވުނަސް ކޮންމެ މީހެއްގެ ވިސްނުމަކީ ވެސް ބާރުގަދަ އެއްޗެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރުމުގެ އަޒުމު ވަރުގަދަކޮށް، އެގޮތުގައި ބޭނުންކޮށްފި ނަމަ މި ގައުމާ މެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ.
"ތިމަންނަގެ ފަރާތުން ވެސް ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ހިމާޔަތްކޮށް ފޯރުކޮށްދިނުމުގެ ޒިންމާއެއް އޮތް ކަމާއި އެކަން ކުރެވޭނެ ކަމާއި ކުރަން ޖެހޭނެކަން. ކޮންމެ މީހަކަށް ތަމްރީނު ދީގެން ހަތިޔާރެއް ނުދެވޭނެ."
ނަސްރުގެ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ އޭރު ވެސް ގައުމުގެ މިނިވަންކަން ނަގާލީ ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ކަމަށެވެ. މިހާރު ބަވަނަވެފައިވާ ދުނިޔޭގައި ވެސް އެކަން ކުރަމުންދަނީ އެގޮތަށް ކަމަށާއި އެކަމަކު ކޮންމެ މީހެއްގެ ވެސް ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރާ ނަމަ އެކަން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމާ ދެކޮޅާ ހިންގާ ކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މަސައްކަތް ކުރުމަކީ ވެސް އެފަދަ ހަމަލާތައް ނައްތާލެވޭނެ ކަމެއް ކަމަށެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ރާއްޖެ އަރައި ދިން ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާ ކުރުމަށެވެ.
އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 މީހަކާއި އާންމުންގެ 11 މީހެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފުގެ އައްޑަނައެއް އަރުވައިފަ އެވެ. އަދި ޝަހީދުވި ސިފައިންނާއި އާންމުންގެ އާއިލާތަކަށް ވެސް އައްޑަނަ ހަވާލުކުރި އެވެ. އައްޑަނަ ހަވާލު ކޮށްދެއްވީ ރައީސް މުއިއްޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްލާ ބެއްޔާ
03 November 2025
ރައީސް ބުންޏަސް ތީ ހަމަ ތެދެއް.މިހާރު ތި ޔުނިފޯމް ލައިގެން ހުވާކޮށްގެން ތިބޭ މީހުންގެ ހާލު މާ ދެެރަ އާދައިގެ ރަށްޔިތުންނަށް ވުރެ. ކޮންމެ ބޮޑު ނުބައިކަމެއްގެ އަޑީގައި އެއިން މީހަކު ހުރޭ
ޑރ ވާންޗޯ
03 November 2025
ތިޔައީހަމަ ވަރަށްބޮޑު ތެދުފުޅެއް، ގުރުބާންވާކަށް ކޮންމެހެން ހެދުމެއް ލާކަށްވެސް ނުޖެހޭ.
ބަސް
03 November 2025
ޑރ ތިހެން ވިދާޅުނުވޭ.
ޗޫޤީ
03 November 2025
ބައެއް މީހުންގެ ނަޒަރުގައި ޕާޓީއަކަށް ސޮއި ކޮށްލުމަކީވެސް ގައުމަށް ދެވޭ ގުރުބާނީއެއް. ހަމަ ސީދާ ބަތޮލުންގެ ދަރަޖާގައި އެމީހަކު ގުނޭނީ.
މުޖައްރިބު
03 November 2025
ފަލަސްތީނުގަ އެބިމުގަ ޖިހާދު ކުރަނީވެސް ޔުނީފޯރމް ބޮޑީ ޔަހޫދީންނަށް ބައިއަތު ހިފައިގެން ތިއްބަ، މިތާވެސް ކަމެއް ދިމާވީމަ ޔަގީން ކުރަން، ނިކުންނާނެ ކިތަންމެ ބަތަލުންނެއް ތިބޭނެކަން.
ގައުމުގެ ދޫ
03 November 2025
"ގައުމުގެ އަޑު" ތިޔަބުނާ "ސީއެސްއާރު" އަށް މިހާރު ޤުރުބާންކުރަނީ، ސަރުކާރުގެ މިހާރުގެ ފައިދާއެއް ވާ މަދު ކުންފުނިތައްކަމަށް ވާ, ބީއެމްއެލް، އެމްސީއެލް! މިތަންތަން ތޮށިގަނޑުގަނޑަށް ވީމާ އޭރުން ހަތަރެސްކަން ހަމަވީ! އެހެން ނޫނަސް ބީއެމްއެލްއަކީ ހުރިހާ ރައްޔިތުންގެ ހެން ހިއްސާ އޮންނަ ތަނަކަށް ވީ ހިނދު، ޕޮލިޓިކަލް ގެއިންއަށް އެހެން ހަދަން ހެޔޮ ނުވާނެއެއްނުން! ނަސީބެއްކަން ނޭގެ އެމްޑަބްލިޔުއެސްސީ، ދިރާގުފަދަތަންތާ ބޭރުގެ ޝެއަރއޮންނަކަން! އެހެން ނޫންނަމަ އެތަންތަން ވެސް ސަލާމަތްނުވީސްކަންނޭގެ! ހަގީގަތުގައި ސްޓެލްކޯ، ފެނަކަ ވެސް އެހާ ހާލުގައި އެ ޖެހެނީ ސަރުކާރުތަކުން ސިޔާސީ މަންފާއަށް ބޭކާރު އެތައް ސަތޭކަ ބޯ ގިނަކުރާތީ!
ޑިރެކްޓަރ
03 November 2025
ކޮންމެ ސަރުކާރެއް އޮތަސް ޙަގީގަތުގައި ސަރުކާރު ހިންގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހެން ކުރުމާއި ރައްޔިތުންނަށް ދޭ ގިނަ ޚިދުމަތް ތަކުގެ މަސައްކަތް ކުރަނީވެސް ނިސްބަތުން ކުޑައުޖޫރައަކަށް ސިވިލް ސާވަންޓުން. މީގެތެރޭގައި ޓީޗަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ވެސް ހިމެނޭ! ރ. މައުމޫންގެ އިރުގައި ސިވިލްސަރވިސްގެ އ.ޑިރެޓަރުން ފެށިގެން މައްޗަށް ތިޔަކަހަލަ ގިނަ ޖަލްސާ ޙަފުލާތަކަށް ކިޔާނެ! އެކަމަކު 2007 ވަނައަހަރުން ފެށިގެން އެކަން މަދުވަމުންގޮސް މި ސަރުކާރުގައި ސ. ސަރވިސް މީހުން އެކީ ހަނދާން ނައްތާލައިފި! ފަހަރެއްގައި ވެދާނެ ނުކިޔަވާތިބި އެތައްސަތޭކަ ސިޔާސީ މީހުންނަށް ކިޔަން ހަދައިގެން ފުރުސަތު ނުލިބެނީކަމަށް!
ކެކެކެކެކެކެކެކެކެކެ
03 November 2025
ހޮޅި ވާހަކަ ނުދައްކާ ކަރަންޓާ ފެނުގެ މައްސަލަ އައްޑޫ ސިޓީގަ ހައްލު ކޮއްލަ ދީބަލަ
ގައުމުގެ އަޑު
03 November 2025
ރަގަޅުވާހަކައެއް ގުރުބާން ވެވޭ ބައިވަރު ގޮތްގޮތް މިވޭތުވެ ދިޔަ 18 އަހަރު ތެރޭ ލޮލުކުރިމަތީ ފެނިއްޖެ، ގޭދޮށުކުދިންނާއި ރައްޓެހިން ވެރިކަމަށް އަރާ ބައިތުލްމާލު ދިރުވާލުމާއި، ގައުމުގެ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތައް ކަމުގެ ތަޖުރިބާއެއްނެތް ސަނާކިޔާ މެމްބަރުންގެ ކުންފުނިތަކަށް ދީ ލާރިކޮޅުކާލުމާއި، އެކިނަންނަމުގައި ސަރުކާރުކުންފުނިތައް ސީއެސްއާރުގެނަމުގައި ނުގުޅޭކަންކަމަށް ހަރުދުކުރުން ފަދަ ބޮޑެތި ގުރުބާނީތައް ފެންނަމުން އެބަދޭ
އުދުހޭ
03 November 2025
މިއަދު އެންމެ ގުރުބާން ވާންނީ އަދުލުއިންސާފުގެ ދާއިރާއަށް ވެރިކަންކުރާ ބާރުން އަތްބޭނިޔަ ނުދިނުމަށް.
އުދުހޭ
03 November 2025
މީސްމީހުން ޓައީ އަޅައިގެން ޕޯޑިއަމްތަކުގައި ހަދާ ދޮގުތަކާ ދެކޮޅަށް އަޅުގަނޑު މިދަނީ ކޮމެންޓްކުރަމުން. އޮޅުވާލައިގެން ފައިސާ ޗާޕުކުރުންވެސް އަޅުގަނޑު ބަލައިނުގަންނަން.