ސްރީ ލަންކާގެ ދެކުނު ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެއްޗާ އެކު ދަތުރުކުރި މަސްބޯޓެއް އަނެއްކާވެސް އަތުލައިގެންފި އެވެ.

ސްރީ ލަންކާގެ ނޭވީން ބުނި ގޮތުގައި ކަނޑުމަތިން ހިފެހެއްޓުމަށް ފަހު އިއްޔެ ލަންކާ ބަނދަރަށް ގެންދިޔަ ބޯޓުގައި 115 ކިލޯގެ ހެރޮއިން އާއި 261 ކިލޯގެ ކްރިސްޓަލް މެތު ހުއްޓެވެ. މި ތަކެތި ހުރީ ފަސް ބަސްތާގައި ކަމަށާއި ވަކިވަކި 200 ޕެކެޓް އޭގެ ތެރޭގައި ހުރި ކަމަށް ސިފައިން ބުންޏެވެ. މި ތަކެތި ހުރި ބޯޓުގައި ތިބި ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި އެންމެންނަކީ ވެސް ލަންކާ މީހުންނެވެ.

ސިފައިން ބުނީ މި ބޯޓުން ފިސްތޯލައަކާއި ރިވޯލްވާއަކާއި އޭގައި ބޭނުންކުރާ ދެ މެގަޒިން ވެސް ފެނުނު ކަމަށެވެ. އަދި މުއާސަލާތުކުރުމަށް ބޭނުންކުރި ސެޓެލައިޓް ފޯނު ވެސް ވަނީ ފެނިފަ އެވެ.

ސްރީ ލަންކާ ސިފައިން އަތުލައިގަތް މަސްތުވާތަކެތި ބޯޓުން ބާލަނީ. -- ފޮޓޯ: ލަންކާ ނޭވީ
ސްރީ ލަންކާ ސިފައިން އަތުލައިގަތް މަސްތުވާތަކެތި ބޯޓުން ބާލަނީ. -- ފޮޓޯ: ލަންކާ ނޭވީ

ލަންކާ ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ ރާވައިގެން ޖަރީމާތައް ހިންގާ އުނަކުރުވޭ ސަންތާ ނަމަކަށް ކިޔާ މީހެއްގެ ތަކެއްޗެވެ.

ސްރީ ލަންކާ ސިފައިން އަތުލައިގަތް މަސްތުވާތަކެއްޗާއި މީހުން އަދި ހަތިޔާރު. -- ފޮޓޯ: ލަންކާ ނޭވީ
ސްރީ ލަންކާ ސިފައިން އަތުލައިގަތް މަސްތުވާތަކެއްޗާއި މީހުން އަދި ހަތިޔާރު. -- ފޮޓޯ: ލަންކާ ނޭވީ

މަސްތުވާތަކެތި އަތުލައިގަތީ މަސްބޯޓެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކަނޑުގެ ސިފައިންނަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ބުނެފައިވެ އެވެ.

ކަނޑުމަގުން ލަންކާއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެެއްގެ މަސްތުވާތަކެތި އެ ގައުމުން ވަނީ މި ފަހުން އަތުލައިގެންފަ އެވެ.