ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ ހިތާވެގެން އުޅޭކަން ރަސްމީކޮށް އިއްޔެ އިއުލާންކޮށްފި އެވެ.
އެ ގުޅުން ރަސްމީކޮށް އިއުލާންކުރީ ޓްރޫޑޯ، 53، އާއި ޕެރީ، 41، އެކުގައި ޖަޕާނަށް ކުރި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށް، ޕެރީގެ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. ޕެރީ އެ ޕޯސްޓުކުރީ އެ މީހުން ހިތާވެގެން އުޅޭ ކަމަށް ބުނާ އަޑުތައް ފެތުރުނުތާ އެތައް މަހެއް ފަހުންނެވެ.
"ޓޯކިޔޯ ޓައިމްސް އޮން ޓުއާ އެންޑް މޯ،" އެ ޕޯސްޓުގެ ކެޕްޝަންގައި ޕެރީ ލިޔެފައިވެ އެވެ.
ޓްރޫޑޯ އާއި ޕެރީ އެކުގައި އެތައް ތަނަކުން ފެނިގެން މީޑިއާގެ ސަމާލުކަމަށް މިދިޔަ ދުވަސްތަކުގައި އެކަން އައިސްފައިވެ އެވެ. އަދި މި އަހަރު ކުރީކޮޅު ކެނެޑާގައި ބޭއްވި ޕެރީގެ ކޮންސާޓަށް ވެސް ޓްރޫޑޯ ވަޑައިގަތެވެ.
ޕެރީ ޖަޕާނަށް ދިޔައީ އޭނާގެ ވޯލްޑް ޓުއާގެ ދަށުން ޝޯތަކެއް ދޭށެވެ. އެ ޝޯތައް ބޭއްވީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު އެވެ.
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އާއި އޭނާގެ އަނބިކަނބަލުން ޔޫކޯއާ ބައްދަލުކުރައްވައި ޓްރޫޑޯ އާއި ޕެރީ އެ ދެކަނބަލުންނާ އެކުގައި ނަގާފައިވާ ފޮޓޯއެއް ވެސް ޓްރޫޑޯގެ އެކްސްގައި މިދިޔަ ބުރާސްފަތި ރީޕޯސްޓް ކުރެއްވި އެވެ.
ޕެރީ 10 ވަރަކަށް އަހަރު ދުވަސް ވަންދެން ރަށްޓެހިވެގެން އުޅުނު އިނގިރޭސި އެކްޓަރު އޮލާންޑޯ ބްލޫމްއާ ވަކިވީ 2017 ވަނަ އަހަރު އެވެ.
ކެނެޑާގެ ބޮޑުވަރީޒުކަން 2015 އިން ފެށިގެން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ކުރެއްވި ޓްރޫޑޯ ކުރިން ކައިވެންޏެއް ކުރެއްވި އެވެ. ސޯފީ ގްރެގޯއީއާ އެކުގައި 18 އަހަރު އުޅުއްވުމަށް ފަހު އެ ކައިވެނި ރޫޅާލެއްވީ 2023 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ތިން ދަރިން ތިބެ އެވެ.