ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް، ލިވަޕޫލަށް އަލުން ކުޅެފާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި، އިންޓަ މިލާނާ ދެކޮޅަށް މިރޭ ލިވަޕޫލުން ކުޅޭ މެޗަށް ނެގި ސްކޮޑްގައި ސަލާހް ހިމަނާފައެއް ނުވެ އެވެ. ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް، ލީގުގައި އެކަށީގެންވާ ކުޅުމެއް މި ސީޒަނުގައި ނުދެއްކެ އެވެ.
ކުރިމަތިވެފައިވާ ޕްރެޝަރުގައި ސަލާހް ވަނީ ލިވަޕޫލް ރޫޅިގެންދާ ވަރުގެ އިންޓަވިއުއެއް ދީފަ އެވެ. އެ އިންޓަވިއުގައި އޭނާ ބުނީ ކަންކަން ގޯހަށް ދިއުމުން އޭނާއަކީ ގުރުބާންކުރަން ގެންގުޅޭ ބަކަރިއަކަށް ހަދާފައިވާ ކަމަށެވެ.
ވިދިވިދިގެން ތިން މެޗުގައި ފުރަތަމަ 11 އިން ފުރުސަތު ނުދީ ބެހެއްޓުމަށް ފަހު، މިފަހަރު ސްލޮޓް ނިންމީ މިސްރުގެ ކެޕްޓަން މެޗުގެ ސްކޮޑުން ކަޓުވާލުމަށެވެ.
ސަލާހް އަލުން ލިވަޕޫލްގެ ޓީމަށް ކުޅެފާނެ ކަމާ މެދު އެއްޗެއް ނޭނގޭ ކަމަށް ސްލޮޓް ބުންޏެވެ.
"އަހަންނަކަށް ނޭނގެ ތިއަށް އެއްޗެއް ބުނާކަށް. އެ ސުވާލަށް މިވަގުތު ދޭނެ ޖަވާބެއް ނެތް،" ސަލާހް އަލުން ލިވަޕޫލަށް ކުޅެފާނެތޯ ސުވާލު ކުރުމުން ސްލޮޓް ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ކުޅުންތެރިޔަކު އެނބުރި އައުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ. އަހަރެން އެހިސާބުން ދޫކޮށްލާނަން.
"އަހަރެމެން މި ތިބީ ބޮޑު މެޗެއްގެ ކުރިމަތީގައި ލީޑްސް އަތުން 3-3 އިން އެއްވަރުވި މެޗަށް ފަހު އެންމެ 36 ގަޑިއިރު (އިއްޔެއާ ހަމަ އަށް) މިވީ.
"އަހަރެން މަސައްކަތް ކުރީ އަހަރެންގެ ޓީމު އެންމެ ރަނގަޅަށް ތައްޔާރު ކުރަން. އެހެންވެ އަހަރެމެން ނިންމީ މޯ [ސަލާހް] މި މެޗަށް ނުގެންނަން. (މެޗުގެ) ފަހުން އަހަރެމެން އަނެއްކާވެސް ހާލަތު ބަލާނަން."
ލިވަޕޫލާއި އިންޓަ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ މެންދަމު 1 ޖަހާއިރު އެވެ.