ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އިންޓަ މިލާން އަތުން ފަހު ވަގުތު 1-0 އިން މޮޅުވެ، މައްސަލަގަނޑެއްގެ ތެރޭގައި އޮތް އިންގްލެންޑުގެ ލިވަޕޫލުން ޔޫރަޕުގައި ދިރުން ހޯދައިފި އެވެ.

ޕްރިމިއާ ލީގުގައި ނަތީޖާ ގޯސްވެ، އެންމެ ފަހުން ކޯޗު އާންސް ސްލޮޓް އާއި ފޯވާޑް މުހައްމަދު ސަލާހުއާ މައްސަލަ ޖެހި ލިވަޕޫލް އޮތީ ވަރަށް އުނދަގޫ ހާލަތެއްގަ އެވެ. ލީގުގައި އެންމެ ފަހުން ލީޑްސް ޔުނައިޓެޑާ ކުޅެ 3-3 އިން އެއްވަރުވި މެޗަށް ފަހު ސަލާހު، ކޯޗާއި ޓީމަށް ފާޑުކިއުމުން މި މެޗުގެ ސްކޮޑަށް އޭނާ ނުނަގަ އެވެ. އޭގެ ސަބަބުން ވަރަށް ގިނަ ސަޕޯޓަރުން ވެސް ތިބީ ހިތްހަމަނުޖެހިފަ އެވެ.

އެކަމަކު މި މޮޅާ އެކު ލިވަޕޫލް މިވަނީ 12 ޕޮއިންޓް ހަމަކޮށް ޗެމްޕިއަންސް ލީގު ތާވަލުގެ 8 ވަނަ އަށް އަރައިފަ އެވެ. އެކަމަކު މި ހަފުތާގައި ކުޅޭ އެހެން މެޗުތަކަށް ފަހު ލިވަޕޫލް ސޮއްސާލުމުގެ ފުރުސަތު އެބައޮތެވެ. އެހެންވިޔަސް މުބާރާތުގެ ގަދަ 16 ޓީމުގެ ބުރަށް އޮޓޮމެޓިކުން ކޮލިފައިވާ 8 ޓީމުގެ ތެރޭ ލީގު ބުރު ނިންމާލުމުގެ ފުރުސަތު ލިވަޕޫލަށް މިހާރު ވަނީ ބޮޑުވެފަ އެވެ.

އެކަމަކު ރޭގެ މެޗުގައި ލިވަޕޫލް މޮޅުވި ގޯލް ޑޮމިނިކް ސޮބޮލްސައި ޖެހި ޕެނަލްޓީއަކީ ނުހައްގުން ދިން އެއްޗެއް ކަމަށް ބުނެ އިންޓަ އާއި އިޓަލީގެ މީޑިއާގެ ފާޑުކިއުން ވަނީ ބޮޑުވެފަ އެވެ. ރެފްރީ މި ޕެނަލްޓީ ދިނީ ލިވަޕޫލުގެ ފްލޮރިން ވާޓްޒް އޭރިއާ ތެރެއިން ބޯޅައާ ދިމާލަށް ދަނިކޮށް ފަހަތުގައި ހުރެ އިންޓަގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ ކުރި ފައުލަކަށެވެ. ރީޕްލޭ އިން ފެންނަ ގޮތުގައި ވާޓްޒް ވެއްޓެނީ، އޭނާގެ ޖާޒީގައި ހިފައި ބަސްޓޯނީ ދަމައިގަތުމުންނެވެ. އެކަމަކު އެއް ބަޔަކު ދެކޭ ގޮތުގައި ވާޓްޒް އެގޮތަށް ވެއްޓޭހާ ބާރަށް ބަސްޓޯނީ ނުހިފަހައްޓަ އެވެ.

"އަހަރެމެން މިތިބީ ހިތްހަމަނުޖެހިފައި. ރުޅިވެސް އައިސްފައި،" ވާޓްޒް ޑައިވްކުރީ ކަމަށް ތުހުމަތުކޮށް އިންޓަގެ މިޑްފީލްޑަރު ޕިއޮޓްރޭ ޒިއެލިންސްކީ ބުންޏެވެ.

"އަހަރެމެން ރަނގަޅަށް ކުޅުނިން. އެޓޭކުގައި ކުޑަކޮށް ލޮނުމަޑުކޮށް ދިޔައީ ގޯލެއް ނުޖެހުނީ. އެކަމަކު މެޗު ގެއްލުވާލީ ރެފްރީ. އެއީ ޕެނަލްޓީއެއް ނަމަ ހުރިހާ ފައުލެއް ވާނީ ޕެނަލްޓީއަށް."

މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ވައްދާލި ގޯލް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. އެއީ އެ ގޯލުގެ ބިލްޑްއަޕުގައި ލިވަޕޫލުގެ ހޫގޯ އެކިޓިކޭ އަތުގައި ބޯޅަ ޖެހިފައިވާތީ އެވެ.

ލިވަޕޫލުގެ ކޯޗު ސްލޮޓް ބުނީ އެއީ ނަސީބު ޕެނަލްޓީއެއް ކަމަށާއި އެކަމަކު ކޮނާޓޭގެ ލަނޑު ބަލައިނުގަތީ ބޭއިންސާފުން ކަމަށެވެ.

"އެއީ ރަނގަޅު ޕެނަލްޓީއެއް. އެކަމަކު ޕްރިމިއާ ލީގުގައި އެކަހަލަ ފައުލަށް ޕެނަލްޓީ ނުދޭނެ. ދޭ ނަމަ އަހަރެމެންނަށް މިހާތަނަށް 10 ވަރަކަށް ޕެނަލްޓީ ލިބިފައި އޮންނަންވާނީ،" ސްލޮޓް ބުންޏެވެ.

ނޫސްވެރިން ތަކުތާރުކޮށް ސުވާލުކުރުމުން ވެސް ސްލޮޓް ވަނީ އޭނާއާ ސަލާހުއާ ޖެހިފައިވާ މައްސަލައާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.

މި ނަތީޖާއާ އެކު އިންޓަ އޮތީ 12 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެކަމަކު އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން އިންޓަ ގަދަ އަށަކުން މިވަގުތަށް ކެޓުމުގެ ފުރުސަތު އެބައޮތެވެ. އިޓާލިއަން ލީގުގެ ތިން ވަނައިގައި އޮތް އިންޓަ އަށް މި ސީޒަނުގައި ބޮޑެތި މެޗުތަކުގައި ނަތީޖާ ވަރަށް ދަށެވެ.