އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވައި ނުސާފުވެ، ބޭރުގައި އުޅުން ނުރައްކާވުމުން ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް އަދި އިމާރާތްކުރުމުގެ މަސައްކަތްކުރުން މަނާކޮށްފި އެވެ.

ދިއްލީގެ އިތުރުން އެ ސިޓީގެ ވަށައިގެންވާ އަވަށްތަކުގައި ވެސް ވަނީ މިގޮތަށް އަމަލުކުރަން އަންގައިފަ އެވެ.

ވިހަ ދުމުގެ އަސަރު މިއަދު ހެނދުނު ވަރަށް ބޮޑަށް ގަދަވެ ދަތުރުކުރުމަށް ވެސް ހުރަސްއެޅި ފްލައިޓްތަކާއި ރޭލުތައް ވެސް ހުއްޓުމަކަށް އައިސްފައިވެ އެވެ.

ފުއްޕާމޭ ހަލާކުވާން މެދުވެރިވާ ޕީއެމް2.5 ޕާޓިއުލޭޓް މެޓާ އާއި އެހެން ވިހަ މާއްދާތައް މިންކުރާ އެއާކޮލިޓީ އިންޑެކްސް (އޭކިއުއައި) މިއަދު ދިއްލީގައި ހުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑާ އަޅާބަލާއިރު 30 ގުނަ މަތީގަ އެވެ. މިއީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ވަރަށް ބޮޑަށް ނުރައްކާވާނެ މިންވަރެކެވެ.

އިންޑިއަން ކޮމިޝަން ފޯ އެއާ ކޮލިޓީ މެނޭޖްމަންޓް (ސީއޭކިއުއެމް) އިން އިއްޔެ ވަނީ ވައި ނުސާފުވުމުން އަޅަންޖެހޭ ފިޔަވަޅުތަކުގެ އެންމެ މަތީ ދަރަޖައިން އަމަލުކުރަން އާންމުންނަށް އަންގައިފަ އެވެ.

މި އެންގުމާ އެކު، ބޮޑެތި ޑީސަލް ޓްރަކްތައް ދިއްލީއަށް އެތެރެވުން މަނާކޮށް، ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓާލައި، ސްކޫލްތައް ހައިބްރިޑް ކްލާސްތަކަށް ބަދަލުވުމަށް ވަނީ އަންގައިފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ވަކީލުން ވެސް ކޯޓަށް ހާޒިރުވުމުގެ ބަދަލުގައި އޮންލައިންކޮށް ބައިވެރިވާން އެދިފަ އެވެ.

ވައިގެ ނުސާފުކަން ދަށްވުމުން ދިއުމަށް ފަހު ކުއްލިއަކަށް ގޯސްވީ ވައިގެ ތެތްކަން އިތުރުވުމާ އެކު ވައިގެ މިސްރާބު ވެސް ބަދަލުވުމުން ކަމަށް ސީއޭކިއުއެމް އިން ވަނީ ބުނެފަ އެވެ.

ހާލަތު ނުރައްކާވެ މިހާރު ވަނީ ފުއްޕާމެ އާއި ހިތުގެ ބަލި ހުންނަ މީހުންނާއި ކުޑަކުދިން ގޭތެރޭގައި ތިބުމަށް އެދިފަ އެވެ. އަދި ބޭރަށް ނުކުންނަން ޖެހޭ ނަމަ މާސްކް އަޅަން ލަފާ ދީފައިވެ އެވެ.

ވައި ތަޣައްޔަރުވުމުގެ މައްސަލަ އަކީ ދިއްލީގައި ވަރަށް އާންމު އަދި ފިނި މޫސުމުގައި ވަކިން ބޮޑު މައްސަލައެކެވެ. ދަނޑުވެރިން އެކި ބޭނުންތަކަށް އަލިފާން ރޯކުރުމުންނާއި ފެކްޓްރީތަކާއި ޓްރެފިކް ދުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ވިހަ ދުމުގެ މައްސަލަ މި ދުވަސްވަރު ނިއު ދިއްލީގައި ވަރަށް ބޮޑުވެ އެވެ.