އިޒްރޭލުން ހިފާފައި އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނޫރް ޝަމްސް ރެފިއުޖީ ކޭމްޕުގައި ހުރި، ފަލަސްތީނު މީހުން އުޅޭ 25 އިމާރާތެއް ތަޅާލަން ނިންމައި އިޒްރޭލު ސިފައިން އެކަން އަންގައިފި އެވެ.

ނޫރް ޝަމްސް ނިސްބަތްވާ، ތުލްކަރަމް ގަވަރުނަރޭޓްގެ ގަވަރުނަރު އަބްދުﷲ ކާމިލް އޭއެފްޕީއަށް ވިދާޅުވީ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ "ކޯގަޓް" އިން މިކަން ރަސްމީކޮށް މިހާރު އަންގާފައިވާ ކަމަށެވެ.

އިޒްރޭލުން އަޅުވެތިކޮށްފައި އޮންނަ ފަލަސްތީނުގެ ސަރަހައްދުތަކުގައި މަދަނީ ކަންކަން ކޯޑިނޭޓްކުރާ ކޯގަޓްގެ ބަހެއް މިކަމާ ބެހޭ ގޮތުން ހޯދަން އޭއެފްޕީން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ނޫރް ޝަމްސް ސަރަހައްދުގެ ތުލްކަރަމް ކޭމްޕު ހިންގާ ކޮމިޓީގެ ވެރިޔާ ފައިސަލް ސަލާމާ ވިދާޅުވީ އެ އިމާރާތްތައް ތަޅާލުމުން 100 އާއިލާއަކަށް އެކަމުގެ ދަތިކަން ފޯރާނެ ކަމަށެވެ.

"އަސްކަރިއްޔާ އާއި ސިވިލް ކޯޑިނޭޝަނުން އަޅުގަނޑުމެންނަށް ވަނީ ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަހު 25 އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާނެކަން އަންގާފައި،" އޭނާ ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާއާ ސުވާލުކުރުމުން ބުނީ "އެކަން ބަލަމުން އަންނަ" ކަމަށެވެ.

ހުޅަނގު އައްސޭރި އަކީ އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ހިފާފައި އޮންނަ ބިމެކެވެ.

އިޒްރޭލުން މި އަހަރުގެ ކުރީކޮޅުން ފެށިގެން ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕުތައް ހިމެނޭ ސަރަހައްދުތަކުގައި އަންނަނީ އަސްކަރީ އަނިޔާވެރި އޮޕަރޭޝަންތައް ހިންގަމުންނެވެ. އިޒްރޭލުން ބުނަމުންދަނީ އެކަން ކުރަނީ ރެފިއުޖީ ކޭމްޕުތަކުގެ ތެރެއިން ހަނގުރާމަވެރިން ހިމާޔަތް ހޯދުން ހުއްޓުވުން ކަމަށެވެ. މީގެ ތެރޭގައި ނޫރް ޝަމްސް، ތުލްކަރަމް އަދި ޖިނީންގެ ކޭމްޕްތައް ހިމެނެ އެވެ.

އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އެ ތަންތަނުން 30،000 މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެ އެވެ.

މި އޮޕަރޭޝަންތަކުގެ ތެރޭގައި ވެސް އިޒްރޭލުން ވަނީ ފަލަސްތީނު ރައްޔިތުންގެ އެތައް ގެއެއް ތަޅާލައި ހާލުގައި ޖައްސައިފަ އެވެ. -- އޭއެފްޕީ