ދޯހާ (ނޮވެމްބަރު 17) - ފީފާ ދި ބެސްޓް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފްރާންސް އާއި ޕީއެސްޖީގެ ތަރި އުސްމާން ޑެމްބެލޭ ހޯދައިފި އެވެ.

ނިމިދިޔަ ސީޒަންގައި ޕީއެސްޖީ އާއެކު ތާރީހީ ކާމިޔާބީތަކެއް ހޯދި ޑެމްބެލޭ ވަނީ ސެޕްޓެމްބަރު މަހު ބެލޮންޑިއޯ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.

ފީފާ ބެސްޓް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕީއެސްޖީގެ ތާރީހުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ލުއިސް އެންރީކޭ އެވެ.

ފީފާ ބެސްޓް އެވޯޑް ދިނުމުގައި ބަލަނީ، ކޮންމެ އަހަރެއްގެ ޖެނުއަރީ އިން ޑިސެމްބަރަށް ކުޅުންތެރިންނާއި ކޯޗުން ހޯދާފައިވާ ކާމިޔާބީތަކަށެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިން އާއި ބާސެލޯނާގެ އައިޓާނާ ބޮންމާޓީ އެވެ. މިއީ އޭނާ މި މަގާމު ޖެހިޖެހިގެން ހޯދި ތިން ވަނަ ފަހަރެވެ. އަދި އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު ސަރީނާ ވިއެގްމަން އެވެ. މިއީ ވިއެގްމަން އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ފަސް ވަނަ ފަހަރެވެ.

އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޕީއެސްޖީ ދޫކޮށް މި ސީޒަންގައި މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިޓަލީގެ ޖިއާންލުއިޖީ ޑޮންނަރުއްމާ އެވެ. އެންމެ މޮޅު އަންހެން ކީޕަރަކީ ޗެލްސީ އާއި އިންގްލެންޑްގެ ހަނާ ހެމްޕްޓަން އެވެ.

މި އަހަރުގެ އެންމެ ރީތި ގޯލް ޖަހައިގެން ޕުސްކަސް އެވޯޑް ހޯދީ އާޖެންޓީނާގެ އިންޑިޕެންޑެންޓޭ އަށް ކުޅެމުން އަންނަ އެ ގައުމުގެ ސަންޓިއާގޯ މޮންޓިއެލް އެވެ. އަންހެން ފުޓްބޯޅައިގައި އެންމެ ރީތި ގޯލު ހޮވަން ފީފާ އިން މިދިޔަ އަހަރު ތައާރަފް ކުރި މާތާ އެވޯޑް މި އަހަރު ކާމިޔާބު ކުރީ މެކްސިކޯގެ އޫނާލް އަށް ކުޅޭ އެ ގައުމުގެ ލިޒްބެތު އޮވާލް އެވެ.

ފީފާ އިން ހޮވި 2025 ގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމުގައި ހިމެނެނީ ކީޕަރު ޑޮންނަރުއްމާގެ އިތުރުން، ޑިފެންޑަރު ވާޖިލް ވެން ޑައިކް، އަޝްރަފް ހަކީމީ، ނޫނޯ މެންޑޭޒް، ވިލިއަމް ޕާޗޯ އާއި މިޑްފީލްޑަރު ކޯލް ޕާމާ، ޖޫޑް ބެލިންގްހަމް، ވިޓީނިއާ، ޕެޑްރީ އަދި ފޯވާޑް ޑެމްބެލޭ އާއި ލަމީން ޔަމާލް އެވެ.