މި މަހު ކުރީކޮޅު މަރުވި ބޮލީވުޑްގެ ލެޖެންޑް ދަރުމެންދުރަ ފެންނާނެ އެންމެ ފަހު ފިލްމު "އިއްކިސް" ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ބޮލީވުޑްގެ އާ އެކްޓަރު އަދި ސުޕަސްޓާރު އަަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔަ ނަންދާގެ ދެވަނަ އަދި އަކްޝޭ ކުމާރްގެ ކޮއްކޮ އަލްކާ ބާޓީއާގެ ދަރިފުޅު ސިމަރް ބާޓިއާ ބޮލީވުޑަށް ތައާރަފުވާ "އިއްކިސް" ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖައްސާފައި ވަނީ މި މަހު 25 ގަ އެވެ. އޭގެ ކުރިން މިދިޔަ މަހު ވެސް މި ފިލްމު ރިލީޒްކުރަން މަސައްކަތްކުރި އެވެ.

ނަމަވެސް، "އިއްކިސް" ގެނެސްދޭ މެޑްކޮ ފިލްމްސް އިން އިއްޔެ އިއުލާންކުރި ގޮތުގައި، އެ ފިލްމު ރިލީޒްކުރާނީ އާ އަހަރާ ދިމާކޮށް އަންނަ މަހު އެކެއްގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "އިއްކިސް" ފަސްކުރަން ނިންމީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑްގެ ފިލްމު "ދުރަންދަރު"އަށް ލިބޭ ތަރުހީބު ވަރަށް ބޮޑުވުމާ އެކު، މި މަސް ނިމެންދެން ސިނަމާތަކުގައި އެ ފިލްމު ދައްކާނެ ކަމަށް ބެލެވޭތީ އެވެ. އެހެންވެ، މިވަގުތު "އިއްކިސް" ރިލީޒްކޮށްފި ނަމަ، ފިލްމަށް ލިބޭ ތަރުހީބު ކުޑަވާނެތީ ރިލީޒްކުރާ ތާރީހު ފަސްކުރީ އެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ހަނގުރާމަ މަތީ ފިލްމު "އިއްކިސް"ގައި އަގަސްތިޔަ ކުޅެނީ އިންޑިއާގެ އަސްކަރިއްޔާގެ ސެކަންޑް ލުޓެނެންޓް އަރުން ކެތަރުޕަލްގެ ރޯލެވެ. އަރުންއަކީ އިންޑިއާގެ އަސްކަރިއްޔާއިން ދޭ އެންމެ މަތީ ޝަރަފުގެ އެވޯޑް ކަމަށްވާ ޕަރަމް ވީ ޗަކްރާ އެންމެ ހަގު އުމުރުގައި ލިބުނު ސިފައިންގެ މީހާ އެވެ. އޭނާއަށް އެ އެވޯޑް ލިބުނީ 21 އަހަރުގަ އެވެ.

އެ ފިލްމުގައި ދައްކާނީ އަރުންގެ ސިފައިންގެ ތެރެއަށް ވަތް ހިސާބުން އޭނާގެ ދިރިއުޅުމުގައި ހިނގާފައިވާ ކަންކަމެވެ. އަދި އޭނާގެ ބައްޕަގެ ރޯލު ކުޅުނީ ދަރްމެންދުރަ އެވެ.

އަގަސްތިޔައަކީ އަމީތާބްގެ ދޮށީ ދަރިފުޅު ޝްވެތާ ބައްޗަން ނަންދާގެ ހަގު ދަރިފުޅެވެ. ޝްވެތާގެ ފިރިމީހާ ނިކިލް ނަންދާއަކީ ބޮލީވުޑްގެ ކުރީގެ ލެޖެންޑް ރާޖް ކަޕޫރުގެ ދަރިފުޅު ރީތޫ ނަންދާ ދަރިއެކެވެ. އެހެންކަމުން، އަގަސްތިޔައަކީ ރާޖް ކަޕޫރަށް މުނިކާފަ ކިޔާ ކުއްޖެކެވެ.

އަގަސްތިޔަ ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އިންނެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، އަގަސްތިޔަގެ އެކްޓިންނަށް ތައުރީފު ލިބިފައިވެ އެވެ.

"އިއްކިސް" ޑައިރެކްޓުކުރީ "ބަދުލާޕޫރް" އާއި "އަންދާދުން" އަދި "މެރީ ކްރިސްމަސް" ކަހަލަ ފިލްމުތައް ގެނެސްދީފައިވާ ސްރީރާމް ރާގަވަން އެވެ.