މި ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވަމުން ދިޔަ މާޒިޔާގެ މައްޗަށް ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ފުލުގައި އޮތް ޓީސީން ނިމުން ގެނެސްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ.
މިއަދުގެ މެޗާ ހަމައަށް، މާޒިޔާއިން ވަނީ ރަސްމީ ފުޓްބޯޅަ ސީޒަންގައި އެ ޓީމުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ.
މިއަދުގެ މެޗުގައި ވެސް މާޒިޔާ ފަހު ވަގުތާ ހަމައަށް މާޒިޔާ ދިޔައީ ލީޑްގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު އެ ޓީމުން ކުޅުނީ އެއް ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމު އައިސަމް އިބްރާހިމް (ޓޯނީ) އަށް ރަތް ކާޑް ދެއްކި އެވެ. އޭނާ އަށް ރަތް ކާޑް ދެއްކީ ޓީސީގެ ހާފުގެ ތެރެއިން އެ ޓީމުގެ ހަސަން އީނާޒަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މާޒިޔާގެ ލަނޑު ނާއިޒު ހަސަން (ދާދު) ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) ދިން ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އޭރިއާ ތެރޭގައި ހުރެފައި ހަމްޕް، ދާދު އަށް ދިން ކުރު ޕާސް، އޭނާ އެއްފަހަރުން ޖަހައި ފޮނުވާލީ ގޯލްގެ އެތެރެއިން ފުރާޅެއްހެން އޮތް މަތީ ދާގަނޑަށެވެ.
ޓީސީން ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓްގައި އަހްމަދު މައިޝް ރަޝީދެވެ.
ފަހު ވަގުތު ޖެހި އެ ލަނޑާ އެކު ޓީސީގެ ކުޅުންތެރިން ވަރަށް ބޑަށް އުފާފާޅު ކުރި އެވެ.
މެޗު އެއްވަރުކޮށް، ޓީސީން މިހާރު ވަނީ ތާވަލުގެ ފުލުން އަރައިގެންފަ އެވެ. އެ ޓީމުން މިހާރު ވަނީ ޖުމުލަ ހަ ޕޮއިންޓް ހޯދާފަ އެވެ. މިހާރު ފުލުގައި އޮތީ ފަސް ޕޮއިންޓާ އެކު އޮތް ގްރީން ސްޓްރީޓްސް އެވެ.