ބަންގްލާދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން އައި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރު އެ ގައުމުގެ ފުލުހުންގެ ތެރޭގައި އޮންނަ ޑިޓެކްޓިވް ބްރާންޗުން ތަހުގީގުކުރަން ފަށައިފި އެވެ.

މި ތަހުގީގު މި ފެށީ، ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުގައި އޮތް ނަމަވެސް އެ ރިޕޯޓް ގަބޫލުކުރަން އާއިލާ އިން ދެކޮޅު ހަދާފައި ވަނިކޮށެވެ. އާއިލާ އިން ބުނާގޮތުގައި ރައުދާ އަމިއްލަ އަށް މަރުވާން ޖެހޭ ސަބަބެއް ނެތްއިރު އޭނާގެ މަރުގައި ޝައްކު އުފެދޭ ބައިވަރު ކަންކަން އެބަހުއްޓެވެ. އޭގެތެރޭގައި ރައުދާ އަށް މީހަކު އަނިޔާކުރި ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރި ކަމަށް ވެސް އާއިލާ އިން ބުނެފައިވެ އެވެ.

ރާޖްޝާހީ މެޓްރޯޕޮލިޓަންގެ ޑިޓެކްޓިވް ބްރާންޗުގެ އެސިސްޓެންޓް ކޮމިޝަނާ އަމީން ހުސެއިން ޑެއިލީސްޓާ އަށް ވިދާޅުވީ މައްސަލައިިިގެ ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. އެ މައްސަލަ އަށް އިންވެސްޓިގޭޓިވް އޮފިސަރެއް ވެސް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައުދާގެ މަރުގެ ތަހުގީގު އަލުން ފެށިއިރު، ރާޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ ފޮރެންސިކް ޑިޕާޓްމަންޓުގެ ވެރިޔާ ޕްރޮފެސަރު މަންސޫރު ރަހްމާނާ ހަވާލާދީ ބަންގްލާދޭޝްގެ ޑެއިލީ ސްޓާ ނޫހުން ބުނި ގޮތުގައި ރައުދާ މަރުވެފައި ވަނީ ދަންޖެހިގެން، އަމިއްލައަށް ކަމަށް އޮޓޮޕްސީން ވަނީ އެނގިފަ އެވެ. އޮޓޮޕްސީ ހެދުމުގައި ބައިވެރިވި ތިން މީހުންގެ ތެރެއިން މީހަކާ ހަވާލާދީ ޑާކާ ޓްރިބިއުން އިން ބުނީ ރައުދާ އަށް ޖިންސީ ގޮތުން އަދި އެހެން ގޮތަކުން ވެސް އަނިޔާއެއް ދީފައި ހުރި ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

އެކަމަކު ރައުދާގެ ބައްޕަ މުހައްމަދު އާތިފް ބުނެފައިވާ ގޮތުގައި ރައުދާގެ ކަރާއި މޫނުމަތިން ފެންނަން ހުރި ނިޝާންތަކުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އާއިލާގެ އިތުރުން ރައުދާ ދަންނަ މީހުން ވެސް އަންނަނީ އޭނާގެ މަރާ ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި، ރައުދާގެ ކޮޓަރި ތެރެ ހުރީ އޭނާ ދަންޖެހިގެން މަރުވި ކަމަށް ދައްކަން ވަރަށް ބޮޑަށް ތަރުތީބުކޮށްފަ އެވެ. އޭނާ ދަންޖެހިގެން މަރުވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ބުނެ ވެސް އެތައް ބަޔަކު ދަނީ ތަފާތު ސަބަބުތައް ދައްކަމުންނެވެ. އެއް ކަމަކީ، ފޭސްބުކްގައި މީހަކު ލިޔެފައިވާ ގޮތުގައި، މަރުވެފައި ހުއްޓާ ފެނުމާ ހަމައަށް ވެސް އޭނާގެ އިންސްޓަގްރާމްގައި ބަރާބަރަށް އާއްމުކުރަމުން ދިޔަ ފޮޓޯތަކެވެ. އެ ފޮޓޯތަކުގައި ރައުދާ އަށް "ބޮޑު ކަމެއް" ނުވަތަ އެއްވެސް ހާސްކަމެއް ދިމާވެގެން އުޅޭ ކަމެއް ދޭހަ ނުވާ ކަމަށް ބައެއް މީހުން ބުނެ އެވެ. ރައުދާގެ އާއްމުކުރާ އެހެން ފޮޓޯތަކެކޭ އެއްގޮތަށް، އެންމެ ފަހުން ވެސް އާއްމުކޮށްފައި ވަނީ އޭނާ މޮޑެލްކޮށްފައި ހުރި ފޮޓޯތަކެވެ.