މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ނިންމަައި އެތަން ހުޅުވައިފި އެވެ.

އެ މަޝްރޫއުއަށް ފައިނޭންސް ހަމަޖައްސާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށެވެ. އަދި މަސައްކަތް ކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

އާ އޭޕްރަން އާ އެކު އެއާކްރާފްޓްތަކުގެ މޫވްމެންޓްތައް އިތުރުވެ، ގްރައުންޑް ހޭންޑްލިން ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް މާފަރު އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ: މިހާރު
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ: މިހާރު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ގިނަ ޕްރައިވެޓް ޖެޓްތައް ޖައްސާ އެއާޕޯޓަކަށްވާ އިރު އޭޕްރަން ބޮޑުކުރުމުން އެފަދަ އޮޕަރޭޝަންތަކަށް ވެސް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ނިންމުމަށް ފަހު މިއަދު ވަނީ އެ އެއާޕޯޓުގެ ޓާމިނަލް ބިލްޑިން ބޮޑުކުރުމުގެ މަޝްރޫއުގެ އެގްރީމެންޓުގައި ވެސް މިއަދު ސޮއިކޮށްފަ އެވެ. އެ މަޝްރޫއުއާ އެކު މާފަރު އެއާޕޯޓުގެ ޓާމިނަލް އިން ފަސިންޖަރުންނަށް ހިދުމަތް ދޭ މިންވަރު އިތުރު ކުރެވޭނެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކުރަން ފެށި ފަހުން އެ އެއާޕޯޓުގެ ހިދުމަތް ވަނީ އެކި ގޮތްގޮތަށް ފުޅާކޮށްފަ އެވެ.

މާފަރު އެއާޕޯޓު ތަރައްގީކުރީ އަބޫ ދާބީ ފަންޑް ފޯ ޑިވަލޮޕްމެންޓް (އޭޑީއެފްޑީ) މެދުވެރިކޮށެވެ.

މިދިޔަ ޖުލައި މަހު މާފަރު އެއާޕޯޓު ވަނީ އިންޓަނޭޝަނަލް ފެންވަރަށް އިތުރަށް ތަރައްގީކޮށްފަ އެވެ. އެ އެއާޕޯޓުގެ ރަންވޭ 2،850 މީޓަރަށް ބޮޑު ކުރުމާ އެކު، މިހާރު ވައިޑް-ބޮޑީ މަތިންދާބޯޓުތަކަށް ޖެއްސޭނެ އެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 2018 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 49 މިލިއަން ޑޮލަރު (754 މިލިއަން ރުފިޔާ) އެވެ. އަދި ދެވަނަ ފިޔަވަހި 2022 ވަނަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 27 މިލިއަން ޑޮލަރު (415 މިލިއަން ރުފިޔާ) އަށެވެ.