ނިއު ނޯމަލްއަށް މާފަރު އެއާޕޯޓުގެ ތައްޔާރީތައް ވެސް އެސްއޯއީ ކޮމިޓީން ބަލައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން އަންނަ މަހު ނިމުމަކަށް ގެނެސް އެއާޕޯޓުތައް ހުޅުވަން ވާއިރަށް، "ނިއު ނޯމަލް" އަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ވެފައިވާ ތައްޔާރީތައް ވެސް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން މިއަދު ބަލައިފި އެވެ.


ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ގެ މެމްބަރުން އިއްޔެ ވަނީ ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޒިޔާރަތް ކުރައްވައި، ނިއު ނޯމަލް އަށް ތައްޔާރު ވެފައިވާ ވަރު ބައްލަވައިފަ އެވެ.

އެ ސިލްސިލާ ޒިޔާރަތުގެ ތެރެއިން، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތައްޔާރީތައް ބެއްލެވުމަށް ވަޑައިގަތީ އެސްއޯއީ ކޮމިޓީގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އާއި ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް އަދި ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދެވެ.

އެ ބޭފުޅުން މާފަރު އެއާޕޯޓަށް ވަޑައިގަތީ، ނިއު ނޯމަލްގެ ތައްޔާރީތައް ބެލުމަށްޓަކައި ކަމާ ބެހޭ ފަރާތްތައް ގޮވައިގެން، އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބޭއްވި އެއާޓެކްސީގެ ޚާއްސަ ބޯޓެއްގަ އެވެ. މި ދަތުރުގައި އެސްއޯއީ ކޮމިޓީގެ ތިން މެމްބަރުންގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި މޯލްޑިވްސް އިމިގްރޭޝަނާއި ކަސްޓަމްސް އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވެސް ބައިވެރިވެވަޑައިގަތެވެ.

ނިއު ނޯމަލް އަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ވެފައިވާ ތައްޔާރީތައް، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ، މިއަދު ސާފުކޮށްދެއްވަނީ.

ރިޒްވީ، ވަނީ ނިއު ނޯމަލް އަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކަށް ސާފުކޮށްދެއްވައިފަ އެވެ.

"އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައި. މިއަދު އިންސްޕެކްޓް ކުރެއްވި ބޭފުޅުން ވެސް ތިއްބެވީ އެ އިންތިޒާމުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންފައި،" ރިޒްވީ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ލެބޯރެޓަރީއެއް ގާއިމް ކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެ ތަން ގާއިމްކޮށް، ވަސީލަތްތައް ގެނައީ ރާއްޖޭގައި ރިސޯޓު ހިންގާ ސޮނެވާ ގްރޫޕުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި މާފަރު އެއާޕޯޓަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނުން ހިންގާ ފުރަތަމަ އެއާޕޯޓެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި އެ މަޝްރޫއަށް ޚަރަދުކުރީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިންނެވެ. އެގޮތުން 60 މިލިއަން ޑޮލަރު އެ ފަންޑުން ހޭދަކުރި އެވެ. އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ނިއު ނޯމަލް އަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ވެފައިވާ ތައްޔާރީތައް އެސްއޯއީ ކޮމިޓީގެ މެމްބަރުން މިއަދު ބައްލަވަނީ.

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، އަންނަ މަހުގެ 15 ން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާއިރު، އެއާޕޯޓުތަކުގައި ކަންކަން ކުރަން ޖެހެނީ ޚާއްސަ ގައިޑްލައިނެއްގައި ބަޔާންކުރާ ގޮތަށެވެ. އޭގެ ތެރޭގައި ސޯޝަލް ޑިސްޓެންސިން ފަދަ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ކަނޑައަޅާފައި ވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން މިދިޔަ ހަފުތާގައި ވަނީ އެސްއޯއީ ކޮމިޓީ އަށް ގޮސް ނިއު ނޯމަލްގެ އިންތިޒާމުތަކުގެ މައުލޫމާތު އެ ކޮމިޓީއާ ހިއްސާ ކޮށްފަ އެވެ.

އެސްއޯއީ ކޮމިޓީން ނިންމާފައި ވަނީ ނިއު ނޯމަލް އަށް އެއާޕޯޓުތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ފަހު، ރިޕޯޓެއް ތައްޔާރު ކުރުމަށެވެ. އެކަމަކު، ކޮމިޓީން ކަނޑައަޅާފައިވާ ގޮތުން އެ ރިޕޯޓު ތައްޔާރު ކުރާނީ މެމްބަރުން އެއާޕޯޓަށް ވަޑައިގެން ތައްޔާރީތައް ބެއްލެވުމަށް ފަހު އެވެ.

ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ތަޖުރިބާގެ އަލީގައި ވިދާޅުވެފައި ވަނީ މެމްބަރުން މީގެ ކުރިން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ފާހަގަކުރެއްވި، ބައެއް ކަންކަން ފަހުން ރަނގަޅު ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެ ދަތުރު ކުރީތީ ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ ހަމަ ވަރަށް ބޮޑު ހަރަދެއް ސަރުކާރުން ކޮށް، މިއިން ދުވަހަކު އައްޑު އަތޮޅު އެއާޕޯޓަށް ނުލިބޭ ބޮޑު ތަރައްގީއެއް ލިބި، އެ ތަނަށް ކުރި ދަތުރަކަށް ފަހު، އެކަން ކުރެވިއްޖެ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އަޅުގަނޑުމެން ވެލާނާ އެއާޕޯޓަށް ދަތުރެއް ކޮށްފިއްޔާ އެ ކަހަލަ ކުރިއެރުމެއް އައުމުގެ ފުރުސަތު ބޮޑުކަމަށް ފެނޭ،" ހަލީމް ކުރިން ވިދާޅުވެފައި ވެ އެވެ.