ލަންޑަން (ޑިސެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި 1-0 އިން އެވަޓަން ބަލިކޮށް، އާސެނަލް ލީގު ތާވަލްގެ އެއްވަނއިގައި އޮތް ދެ ޕޮއިންޓުގެ ފަރަގު ދަމަހައްޓައިފި އެވެ.

އެވަޓަންގެ ދަނޑުގައި އާސެނަލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ 27 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ވިކްޓާ ޔޯކެރޭސް އެވެ.

އާސެނަލް މެޗުގެ ކުރިން އާލިން ހާލަންޑްގެ ދެ ލަނޑާއި ތެއްޖާނީ ރެއިންޑާސްގެ ލަނޑަކުން 3-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްގެން 17 މެޗުން 37 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ނަމަވެސް އެވަޓަން ބަލިކޮށްގެން އާސެނަލް ވަނީ 39 ޕޮއިންޓާ އެކު އަލުން އެއްވަނައަށް ޖެހިލައިފަ އެވެ.

ސިޓީގެ ފޮޑެން (ކ) އާއި ހާލަންޑް (ވ).-- ފޮޓޯ: އޭއެފްޕީ
ސިޓީގެ ފޮޑެން (ކ) އާއި ހާލަންޑް (ވ).-- ފޮޓޯ: އޭއެފްޕީ

ލީގުގައި ރޭ ބްރައިޓަން އާއި ސަންޑަލެންޑް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. ސަންޑަލެންޑް އޮތީ 27 ޕޮއިންޓާ އެކު ހަވަނައިގަ އެވެ. ބޯންމަތާއި ބާންލީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ދެވަނަ ހާފުގައި އެންޓޮއިން ސެމެންޔޯ ޖަހައިދިން ލަނޑުން ބޯންމަތު މޮޅުވާން ދަނިކޮށް ފަހު ވަގުތު ބާންލީ އަށް އެއްވަރު ކޮށްދިނީ އާމަންޑޯ ބްރޯޔާ އެވެ.

ރެލިގޭޝަން ޒޯނުގައި އޮތުމަށް ފަހު މިހާރު ރަނގަޅު ފޯމެއްގައި އޮތް ލީޑްސް ޔުނައިޓެޑް ވަނީ ރޭ 4-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ޑޮމިނިކް ކެލްވާޓް-ލެވީން ދެ ގޯލު ޖަހައިދިން އިރު އީތަން އަމްޕަޑޫ އާއި އެންތޮން ސްޓަޗް ވެސް ވަނީ ލީޑްސް އަށް ގޯލެއް ޖަހައިދީފަ އެވެ. ޕެލަސްގެ ހަމައެކަނި ލަނޑު ޖެހީ، އިތުރު ވަގުތުގެ 11 ވަނަ މިނިޓުގައި ސްޓަޗް ލީޑްސްގެ ފަހު ލަނޑު ޖެހުމުގެ ނުވަ މިނިޓު ކުރިންނެވެ. ޖަސްޓިން ޑެވެނީ މި ލަނޑު ޖެހީ ޕެނަލްޓިއަކުންނެވެ.

ލީޑްސް އިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ
ލީޑްސް އިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ

މިއާ އެކު، ލީޑްސް އޮތީ 19 ޕޮއިންޓާ އެކު 17 ވަނައިގަ އެވެ. އަދި ޕެލަސް އޮތީ 26 ޕޮއިންޓާ އެކު އަށްވަނައިގަ އެވެ.

ހަތް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ އެއް މެޗު މަދުން ކުޅެގެން 26 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ތިންވަނައިގައި 33 ޕޮއިންޓާ އެކު އޮތް އެސްތަން ވިލާއާ ދެކޮޅަށް މިރޭ ރަށުން ބޭރުގައި ޔުނައިޓެޑް ނުކުންނާނެ އެވެ.

މި މެޗުން މޮޅުވެގެން އެސްޓަން ވިލާ އަށް، ދެވަނައިގައި އޮތް ސިޓާއާ ޕޮއިންޓަކަށް ގާތަށް ޖެހިލެވޭނެ އެވެ.