ނާޒިމް ކޮޓަރީގައި ހަތިޔާރު ބޭއްވީ އާސިފް ކިޔާ ފުލުހެއް: ނާޒިމްގެ ވަކީލް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެއް ކަމަށާއި އެކަމަށް ހެކިބަސް ދޭނެ ހެކިން އެބަތިބި ކަމަށް ނާޒިމްގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ނާޒިމްގެ ކޮޓަރިން ފިސްތޯލަ އާއި ތިން ވަޒަން ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރި މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އިޖްރާއީ އަޑުއެހުމުގައި ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ އެ ހަތިޔާރުތައް އެތަނުގައި ބެހެއްޓީ އާސިފް ނަމަކަށް ކިިޔާ ފުލުހެއް ކަމަށެވެ.

އެ ކޮޓަރި ފާސް ކުރަން ފުލުހުން ހަރަކާތްތެރިވިއިރު، އެ ހަތިޔާރު ފެނުނު ކަބަޑު ކައިރިއަށް އެ މީހާ ގޮސް ހަތިޔާރު ފެނުނު ކަޅު ކުލައިގެ ކުޑަ ދަބަސް އޭނާގެ އަންބޮނޑިން ނެގި ކަމަށާއި އަދި އޭތި އެނދުމަތީގައި ބޭއްވުމަށް ފަހު އެ ހުޅުވާ ވެސް ނުލާ އެއީ ކާކުގެ އެއްޗެއްތޯ އެހި ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ދަބަސް ކަބަޑުގެ ތެރެއަށް ލައި އޭގެ ފޮޓޯ ނެގީ އޭގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން އެގޮތަށް ހިނގި ކަމަށް ހެކިބަސް ދޭނެ މީހުން ވެސް އެބަތިބި ކަމަށް ސުއޫދު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހަތިޔާރު އެތަނުގައި ބޭއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ރާވައިގެން ކަމަށާއި އެކަން ސާބިތުކުރަން އެ ދެ ބޭފުޅުން ހާޒިރުކޮށްދޭން ސުއޫދު އެދިވަޑައިގަތެވެ. އަދި ހަތިޔާރު ފެނިގެން ނާޒިމްގެ އެޕާޓްމެންޓްގައި ފުލުހުން ހަރަކާތްތެރިވި ވަގުތު އެގޭ ކައިރީގައި އޮތް ފުލުހުންގެ ކާރެއްގެ ތެރޭގައި އަދީބާއި ހުސައިން ވަހީދާއި އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ތިއްބެވި ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި އެކަން ސާބިތުކުރަން މުހުތާޒް ވެސް ހާޒިރުކޮށްދޭން ސުއޫދު އެދިވަޑައިގަތެވެ.

މީގެ އިތުރުން އެ ހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ކުރިން އަދީބާއި ނާޒިމާއި ހޯމް މިނިސްޓަރު އުމަރު ނަސީރާ އެކު ހެދި ކޮންފަރެންސް ކޯލެއްގައި ނާޒިމަށް އަދީބު އިންޒާރު ދިން ކަން ސާބިތުކުރަން މިނިސްޓަރު އުމަރު ވެސް ހާޒިރުކޮށްދޭން ނާޒިމްގެ ފަރާތުން މިއަދު އެދުނެވެ.

މީގެ އިތުރުން ނާޒިމްގެ އެޕާޓްމެންޓް ފާސްކުރަން ފުލުހުން ކޯޓު އަމުރު ހޯދީ ދޮގު މައުލޫމާތުތަކެއް ދީގެން ކަން ސާބިތުކުރަން، އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވެސް ޝަރީއަތަށް ހާޒިރުކޮށްދޭން ނާޒިމްގެ ވަކީލް ސުއޫދު އެދިވަޑައިގަތެވެ.

އެ ހަތިޔާރު ފެނުނީ ތަޅުލާފައި ހުރި ތަނަކުން ކަމަށް ނުވެފައި ކޮންމެ ބަޔަކަށް ވެސް އެތަނަށް ވަނުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ސުއޫދު ވިދާޅުވީ އެ ހަތިޔާރަކީ ނާޒިމްގެ ކޮންޓްރޯލްގެ ދަށުގައި އޮތް އެއްޗެއް ކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި މަނާ އެއްޗެއް އޮތީ މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ނަމަ އެ އެއްޗެއްގެ ޒިންމާ އެ މީހަކު އުފުލަން ނުޖެހޭނެ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ފެނުނު އެއްވެސް ހަތިޔާރަކުން ނާޒިމްގެ އިނގިލީގެ ނިޝާން ނުފެނި، އެގޭގައި ނޫޅޭ އިތުރު ތިން ވަނަ މީހެއްގެ އިނގިލީގެ ނިޝާން ފެނިފައިވާއިރު އެއީ ކާކުކަން ދައުލަތުން ހޯދަން މަސައްކަތް ނުކުރާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެކަން ފުލުހުން ހޯދި ނަމަ އެއީ ނާޒިމްގެ އެއްޗެއް ނޫން ކަން ސާބިތުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ފިސްތޯލަ އަކީ ސިފައިންގެ ބަޑި ގުދަނުން ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށް ސިފައިންގެ ކެޕްޓަން އަލީ އިހުސާން ހައި ކޯޓުގައި ހެކިބަސް ދީފައިވާ ކަން ވެސް ސުއޫދު ފާހަގަ ކުރެއްވި އެވެ. އަދި ދަށު ކޯޓާއި ހައި ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރި އިޖްރައާތާ ގުޅޭ ގިނަ މައްސަލަތަކަކާއި ތަހުގީގާއި ބަލައި، ފާސް ކުރުމުގައި އަމަލުކުރި އިޖްރައާތުގެ މައްސަލަތަކެއް ވެސް ސުއޫދު މިއަދު ފާހަގަ ކުރެއްވި އެވެ.

ދޮޅު ގަޑިއެއްހާ އިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލީ ދައުލަތަށް ޖަވާބުދާރީވާން ފުރުސަތު ދޭން ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ. އެ މައްސަލަ ބަލަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.