ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖަ ޓާމިނަލުން ގަތަރުގެ ގައުމީ އެއާލައިން, ގަތަރު އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.
އާ ޓާމިނަލުން ގަތަރު އެއާވޭސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން އިއްޔެ ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 162 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި އެ ޓާމިނަލަށް ކައިރިކުރި ގަތަރު އެއާވޭސްގެ ފުރަތަމަ ފްލައިޓް, ކިއުއާރް674 އިން ރާއްޖެ އައި 222 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާ އެކު މަރުހަބާ ކިޔާފައިވެ އެވެ.
ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފެށީ ޑިސެންބަރު 18، 2001 ގަ އެވެ.
އާ ޓާމިނަލުން މިހާރު 37 އެއާލައިނަކަށް ހިދުމަތްދޭ އިރު އޭގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ދަތުރު ކުރާ ހުރިހާ އެއާލައިނެއް ވެސް ހިމެނެ އެވެ.
މި އަހަރުގެ ޖުލައި 26 ގައި ހުޅުވި އާ ޓާމިނަލުން މިހާތަނަށް ފަސް ލައްކަ އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފައިވެ އެވެ. އެމްއޭސީއެލް އިން ބުނި ގޮތުގައި އެއީ ރާއްޖެއިން ފުރި 252،000 ފަސިންޖަރުންނަށާއި ރާއްޖެ އައި 255،000 ފަސިންޖަރުންނަށެވެ.