ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑެސީ"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.

އެ ފިލްމު ގެނެސްދޭ ޔުނިވާސަލް ޕިކްޗާސް އިން އިއްޔެ އާންމުކުރި މިނެޓަކާއި 53 ސިކުންތުގެ ޓްރެއިލާގައި ވަނީ ފިލްމުގެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. އަދި ފިލްމުގެ މުހިންމު ރޯލުތައް ކުޅޭ އެކްޓަރުންގެ ފުރަތަމަ ފެނިލުންތައް ދައްކާލާފައިވެ އެވެ.

"ދަ އޮޑެސީ" ޕްރިމިއާކުރުމުގެ އަހަރެއް ކުރިން މިދިޔަ ޖުލައި މަހު ވަނީ އެ ފިލްމަށް ޓިކެޓް ވިއްކަން ވެސް ފަށައިފަ އެވެ.

"ދަ އޮޑެސީ"އަކީ ގްރީކްގެ ޅެމެއް ކަމަށްވާ "އޮޑިސުސް"އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އޭގައި ދައްކާނީ ގްރީކުގެ ބަތަލަކު ހަނގުރާމައެއް ނިންމާފައި އެނބުރި އޭނާގެ ވަޒަނަށް ދިއުމަށް ކުރާ ދަތުރުގައި ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެކެވެ.

ނޯލަން ހަދާ އެ ފިލްމުގެ ލީޑު ރޯލަށް ނަގާފައި ވަނީ މާވެލްގެ "ސްޕައިޑަމޭން"ގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑެވެ. އަދި އޭނާގެ ލޯބިވެރިޔާ، ހޮލީވުޑްގެ އެކްޓްރެސް ޒެންޑަޔާ ވެސް މުހިންމު ރޯލެއް ކުޅެ އެވެ.

އެ ދެތަރިންގެ އިތުރުން ނޯލަންގެ ފިލްމުތަކުގައި ކުރިން މަސައްކަތް ކޮށްފައިވާ އޭން ހެތުވޭ، ލުޕިތާ ޔޯންގް، ރޮބާޓް ޕެޓިންސަން، ޗާލީޒް ތީރޮން އަދި މެޓް ޑޭމަން ވެސް "ދަ އޮޑެސީ"ގައި އުޅެ އެވެ.

ނޯލަން އާއި އޭނާގެ އަންހެނުން އެމާ ތޯމަސް ޕްރޮޑިއުސްކުރާ "އޮޑެސީ" ޕްރިމިއާ ކުރަނީ އަންނަ އަހަރު ޖުލައި 17 ގަ އެވެ.

ނޯލަންގެ އެންމެފަހުގެ ފިލްމަކީ 2022 ވަނަ އަހަރު ގެނެސްދިން "އޮޕެންހައިމާ" އެވެ. ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި އެ ފިލްމަށް ވަނީ 2023 ވަނަ އަހަރުގެ އޮސްކާގައި ވެސް ހަތް އެވޯޑެއް ލިބިފަ އެވެ. އެ އަހަރު އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ވެސް ލިބުނީ އެ ފިލްމަށެވެ.