ތިމާވެށީގެ ނާޒުކު ކަމަކީ ދިވެހިރާއްޖެ އަށް އޮތް އެންމެ ބޮޑު ގައުމީ ނުރައްކަލެވެ. ހާރިޖީ ގޮތުން ރާއްޖެ އަންނަނީ މިކަމުގައި ހައްލު ހޯދުމަށް ބައިނަލްއަގުވާމީ އެކި ގޮތްގޮތުން ވަކާލާތު ކުރަމުންނެވެ. ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ. އެހެނީ، ރާއްޖޭގެ އިގުތިސާދު ބަރޯސާވެފައިވާ ޓޫރިޒަމް ދެމިއޮތުމަށް ތިމާވެށީގެ ރައްކާތެރިކަމަކީ އެންމެ މުހިންމު އެއް ރުކުނެވެ.
މި ފަހުގެ އަހަރުތަކުގައި ތިމާވެށީގެ އައު ނުރައްކަލެއް ރާއްޖެ އަށް މިދަނީ ކުރިމަތިވަމުންނެވެ. ރާއްޖޭގެ މައްޗަށް އާއްމު ގޮތެއްގައި އިރުވައި މޫސުމުގެ ކުރީކޮޅު ޖަމާވާ ނުސާފުވައި މިވަނީ ނުރައްކާތެރި މިންވަރަށް އިތުރުވެފަ އެވެ. އަދި މި މިންވަރު ލަފާ ކުރެވޭ ގޮތުން ދާނީ އަހަރުން އަހަރަށް މަތިވަމުންނެވެ. މިކަމަކީ ދިވެހިރާއްޖެއިން އިސްނަގައި، ރައްކާތެރިކަން ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމެކެވެ.
ރާއްޖޭގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލެ ސަރަހައްދުގެ ވައިގެ ނުސާފުކަން ވަނީ 170 އަށް އަރައިފަ އެވެ. ވައިގެ ނުސާފުކަން 151-200 އާ ދެމެދު އާ ދެމެދުގައި ހުންނަ ނަމަ އެ ހުރީ އިންސާނުންނަށް ވަރަށް ބޮޑަށް ނުރައްކާވާ މިންވަރަށެވެ. މިކަން މިގޮތުގައި ތަހައްމަލު ކުރަން ޖެހޭ ނަމަ ސިއްހީ މައްސަލަތަކާއި ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިކަމަށް ނުރަނގަޅު އަސަރުކުރާނެ އެވެ.
ނުސާފުވައި ރާއްޖެ މަތީ ޖަމާވަނީ ކީއްވެ؟
ނުސާފުވައި ރާއްޖެ މަތީ ޖަމާވުމުގައި ބެލެވޭ އޮތީ މައިގަނޑު ދެ ސަބަބެކެވެ. އެންމެ ފުރަތަމަ ސަބަބަކަށް އޮތީ ސައުތު އޭޝިއާ ބައްރުގެ ގައުމުތަކުގައި ހިމެނޭ އަވަށްޓެރި އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުން ހިޖުރަ ކޮށްފައި އަންނަ ނުސާފުވައި ދައުރުވުމުގެ ނިސްބަތް ދަށްވުމާ ގުޅިގެން ރާއްޖެ މަތީގައި ޖަމާވުމެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން ޑިސެމްބަރު 2024 ގައި އާންމުކޮށްފައިވާ ދިރާސާ ކަރުދާހުން ހާމަވާގޮތުގައި މާލޭ މަތީގައި އުފެދޭ ނުސާފުވައިގެ 70 ޕަސެންޓު ނިސްބަތް ވަނީ ސަރަހައްދީ ގޮތުން ރާއްޖެ މައްޗަށް ޖަމާވާ ނުސާފު ވަޔަށެވެ. މިފަދަ ނުސާފު ވައި އެ ގައުމުތަކުގައި އުފެދެނީ ގިނަ އަދަދަކަށް ދަނޑުވެރިކަމުން އުފެދޭ ކުނި ނައްތާލުމަށް އެ ތަކެތި އެންދުމާއި ކަރަންޓު އުފެއްދުމަށް ކޯލް އެންދުމާއި އަދި އުމްރާނީ ތަރައްގީ އަށް ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި އާއި ދުމުގެ ސަބަބުންނެވެ.
ދިވެހިރާއްޖެ ވެސް ދެންނެވުނު ބީދައިން މަސައްކަތް ކުރަން ޖެހެ އެވެ. ރާއްޖެ ނިސްބަތްވާ ސާކުގެ މެމްބަރު ގައުމުތަކުގެ މެދުގައި މިފަދަ އެއްބަސްވުމަކަށް މަސައްކަތް ކުރަން ޖެހެ އެވެ.
އަވަށްޓެރި އިންޑިޔާ އަށް ބަލާ ނަމަ 75 ޕަސެންޓު ކަރަންޓު އެ ގައުމުގައި އުފައްދަނީ ކޯލު އަންދައިގެން ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. އަދި މަދަނިއްޔަތު ނުވަތަ އާބަނައިޒޭޝަން އެ ގައުމުގައި އިތުރުވަމުންދާ ނިސްބަތުން ކޯލް އެންދުން ކުރިއަށް އޮތް ތަނުގައި އިތުރު ވާނެ ކަމަށް ލަފާކުރެވެ އެވެ.
ދެވަނަ ސަބަބަކީ ރާއްޖެ އޮތް ސަރަހައްދަކީ ދުނިޔޭ ކަނޑު ދަތުރުފަތުރުކުރާ ބޮޑު ކަނޑުއޮޅިއަކަށް ވުމެވެ. މިފަދަ ކަނޑު ދަތުރުފަތުރުކުރާ ބޮޑެތި ބޯޓުފަހަރުން ދުއްވުމަށް އަންދާ ނުރައްކާތެރި ސަލްފާ އޮކްސައިޑް އެންދުމުން ބޭރު ކުރާ ދުން ރާއްޖެ މައްޗަށް ޖަމާވުމުގެ ފުރުސަތު އޮތުމެވެ. ދިވެހިރާއްޖެ އޮންނަ ލޮކޭޝަނަކީ ޖިއޮގުރަފީގެ ގޮތުން ވައި ދައުރުވާ މަގެއްގެ މެދެވެ. މިފަދަ ދުމުގެ އަސަރު އިރުވައި މޫސުމުގެ ކުރީކޮޅު ބޮޑަށް ކުރަނީ ވައި ދައުރުވުން ދަށްވުމާއި ވިއްސާރަ ވެހުން މަދުވުމުންނެވެ.
ވައިގެ ފެންވަރު ދެނެގަތުމަށް މާލެ ސަރަހައްދުގައި ބެހެއްޓިފައިވާ އާލާތްތަކުން އެއްކުރެވިފައިވާ ތަފާސް ހިސާބު (މިނިސްޓްރީ އޮފް އެންވައިރަމެންޓް – 2024)
ރާއްޖެއަށް އޮތީ މިކަމުގައި ޔޫރަޕުން ކުރި ހޯދި ގޮތުގައި ކުރިއަށް ދިޔުން
ރާއްޖޭގެ ވައިގެ ސާފުކަން ތަޣައްޔަރު ވަމުންދާ ދިޔުމަށް އެންމެ ރަނގަޅު ހައްލެއް ހޯދެން އޮތީ ޔޫރަޕްގެ ގައުމުތަކުން 1960 ގެ ކުރީކޮޅު އުފަންވި މި މައްސަލަ އަށް ހައްލު ހޯދި ގޮތުގައި މަސައްކަތް ކޮށްގެންނެވެ.
ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ އިނގިރޭސި ވިލާތް އަދި ޖަރުމަނު ފަދަ ގައުމުތަކުން އިންޑަސްޓްރިއަލް މަސައްކަތްތައް 1960 ގެ އަހަރުތަކުގައި ކުރިއަށް ގެންދަން ފެށުމުން ނުސާފުވައި އެތައް ގުނައަކުން އިތުރުވެ، ސްކެންޑިނޭވިއާ ފަދަ ގައުމުތަކަށް ޖަމާވަމުން ދިޔަ އެވެ. އަދި އެސިޑް ވާރޭ ވެހުން ފަދަ ނުރައްކާތެރި ހާދިސާތައް ވަނީ ހިނގައިފަ އެވެ. ނަތީޖާއަކަށްވީ 1979 ވަނަ އަހަރު ވިލާތުގެ އިއްތިހާދުން އިސްނަގައި ލޯންގްރޭންޖް ޓްރާންސްބައުންޑަރީ އެއާ ޕޮލިއުޝަން ނަމުގައި މުއާހަދާއެއް ފާސްކޮށް، ގައުމުތައް ގުޅިގެން މިފަދަ ނުސާފުވައި މޮނިޓަ ކުރުމުގައި އެކުގައި މަސައްކަތްކުރަން ފެށުމާއި އެފަދަ ނުސާފުވައި އުފެދުމަށް މެދުވެރިވާ ކަންކަން މަދުކުރުމުގެ އިމަކަށް އެއްބަސްވެ، އަމަލު ކުރަން ފެށުމެވެ.
ޔޫރަޕުގެ ތިމާވެއްޓާ ބެހޭ އެޖެންސީން ހާމަކުރާގޮތުގައި 1990 އިން 2012 ވަނަ އަހަރާ ދޭތެރޭ ނުސާފުވައިގެ 80 ޕަސެންޓު ވަނީ އެ ބައްރުން ނައްތާލެވިފަ އެވެ.
ދިވެހިރާއްޖެ ވެސް ދެންނެވުނު ބީދައިން މަސައްކަތް ކުރަން ޖެހެ އެވެ. ރާއްޖެ ނިސްބަތްވާ ސާކުގެ މެމްބަރު ގައުމުތަކުގެ މެދުގައި މިފަދަ އެއްބަސްވުމަކަށް މަސައްކަތް ކުރަން ޖެހެ އެވެ. މި ގޮތުން، މޫސުމީ މިފަދަ މައްސަލަތައް ދެނެގަތުމަށް ސާކުގެ ގައުމުތަކާއެކު އެއްބާރުލުން ދިނުމާއި މައުލޫމާތު ހިއްސާކުރުމާއި ނުސާފުވައި އުފެދުމަށް މަގުފަހިކުރާ އިންތަކަކަށް އެއްބަސްވުމަކަށް އައުމަށް ރާއްޖެ އިސްނަގަން ޖެހެ އެވެ.
ޖުލައި 28، 2022 ގައި އދ. ގެ އާންމު ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ސާފު، ސިއްހަތު ރަނގަޅު އަދި ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ހައްގެއް ކަމަށް ބަޔާންކޮށްފައި ވެ އެވެ. ހަމަ އެހެންމެ، ބައިނަލްއަގުވާމީ ތިމާވެއްޓާ ބެހޭ ގާނޫނުގައި ހިމެނޭ ސްޓޮކްހޯމް ޕްރިންސިޕަލް 21 ގައި ވެސް ވަރަށް ސަރީހަކޮށް ވަނީ އެއް ގައުމުން އަނެއް ގައުމަށް ގެއްލުން ލިބޭ ކަންކަމުން ރައްކާތެރިވުމުގެ ގާނޫނީ ހިމާޔަތްތެރިކަން ބަޔާންކޮށްފަ އެވެ. އެހެންކަމުން، މި ހައްގު ހޯދެން އޮތީ ދިވެހިރާއްޖޭގެ ހާރިޖީ ގޮތުން އިސްނަގައި، ހާސިލްކުރެވޭނެ ކާމިޔާބަކާ ގުޅިފަ އެވެ.
އެޑިޓަރުގެ ނޯޓު:
އަނިލް އާދަމަކީ މިދިޔަ 20 އަހަރު ދައުލަތުގެ އެކި މަގާމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގައި ކޯޕަރޭޓް ގަވަނަންސާއި އިންވެސްޓްމަންޓް އަދި ސްޓްރެޓެޖީގެ ދާއިރާގައި ކޮންސަލްޓިން ދިނުމާއި މަތީ ތައުލީމު ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.