ފަހު މެޗުގައި އޮޑި ސްޕޯޓްސްގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި އެފްއޭއެމް އަންހެން ލީގުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި މެދުނުކެނޑި ވާދަކުރަމުން އަންނަ އެންމެ ދުވަސްވީ ކްލަބުން މިއަދު ހޯދި ތައްޓާ އެކު ފުޓްބޯޅައިން މި އަހަރު އެ ޓީމުން ވަނީ ހަތަރު ތަށި ހޯދައިފަ އެވެ.

ފުޓްބޯޅައިން މާޒިޔާއިން މި އަހަރު ހޯދި ކާމިޔާބުތައް:

- ފެބްރުއަރީ މަހު ބޭއްވި 19 އަހަރުންދަށުގެ ޔޫތު މުބާރާތުގެ ޗެމްޕިއަންކަން

- އެފްއޭއެމުން އެފްސީޒަނުގައި ބޭއްވި، އެފްއޭއެމް ލީގު ކަޕް ޗެންޕިއަންކަން

- ރަސްމީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް

- އެފްއޭއެމް އަންހެން ލީގުގެ ޗެމްޕިއަންކަން

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ލަނޑުތައް ޖެހީ ނާޕާލްގެ ދެ ކުޅުންތެރިންކަމަށްވާ ރޭކާ ޕޯޑެލް އާއި ދީޕާ ޝާހީ އެވެ. މުޅި މުބާރާތުގައި ވެސް އެ ދެ ކުޅުންތެރިން ވަނީ މާޒިޔާގެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހާސިލު ކުރީ ވެސް ރޭކާ އެވެ. އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ ރެކޯޑް ހޯދީ އޮޑީގެ ކެޕްޓަން ފާތިމަތު ސާލިޔާ އެވެ.

އެންމެ އުއްމީދީ ކުޅުންތެރިޔާއަކީ ވިކްޓަރީގެ އާއިޝަތު ޝަހާ ޝަރީފެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ ވިކްޓަރީގެ ރަސްޓަލައެވޭ ލީލާ ރަމެޝޮވްނާ އެވެ. އުޒްބެކިސްތާނުގެ ފޯވާޑް ވަނީ ލީގުގައި ވިކްޓަރީން ކުޅުނު ފަސް މެޗުގައި ނުވަ ލަނޑު ޖަހައިފަ އެވެ.

ލީގުގެ ޑްރީމް ޓީމު:

- އާއިޝަތު ލީޒާ (މާޒިޔާ)

- ފިރުޝާނާ ނަސީރު (އޮޑި ސްޕޯޓްސް)

- މައީޝާ އަބްދުލްހަންނާން (ނިއު ރޭޑިއަންޓް)

- ރުޝާނިއާ ސަފީނާ (ވިކްޓަރީ)

- ޝަހުފާ ޝިއުތު (މާޒިޔާ)

- ނަސްތާޝިއާ ސުޗީ ރަމަދާނީ (އޮޑި ސްޕޯޓްސް)

- ދީޕާ ޝާހީ (މާޒިޔާ)

- އިނާޝާ އާދަމް (އޮޑި ސްޕޯޓްސް)

- ރޭކާ ޕޯޑެލް (މާޒިޔާ)

- ފާތިމަތު ސާލިޔާ (އޮޑި ސްޕޯޓްސް)

- ރަސްޓަލައެވޭ ލީލާ ރަމެޝޮވްނާ (ވިކްޓަރީ)

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ބިސްބުރު ސްޕޯޓްސް އެވެ.