އިޒްރޭލުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ޚަބަރު ފަތުރާ ކަމަށް އިޒްރޭލަށް ގަބޫލުކުރެވޭ ބޭރުގެ މީޑިއާތައް މަނާކުރުމުގެ ބާރު ލިބޭ ގޮތަށް ހަދާފައިވާ ގާނޫނު އިތުރު ދެ އަހަރަށް ދަމަހައްޓަން ނިންމައިފި އެވެ.

މިއީ ޣައްޒާއަށް އެންމެ ވަރުގަދައަށް ހަމަލާ ދެމުން ދިޔައިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ގަތަރުގެ އަލްޖަޒީރާއަށް އަމާޒުކޮށްގެން އިޒްރޭލުން ހެދި ގާނޫނެކެވެ. އިޒްރޭލުން ބުނާ ގޮތުގައި އަލްޖަޒީރާ އަކީ ހަމާސްއަށް އެހީވެ ހިތްވަރު ލިބޭ ގޮތަށް މަސައްކަތްކުރާ މީޑިއާއެކެވެ.

މި ގާނޫނު އެންމެ ފުރަތަމަ ހެދީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށް ފަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި އެކަނި އަމަލުކުރެވޭ ގޮތަށެވެ. އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ނެސެޓުން މި މަހުގެ ފުރަތަމަ ދުވަހު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފަ އެވެ.

އެކަމަކު ނެސެޓުން ދެ ދުވަހު މަސައްކަތްކޮށްގެން ގާނޫނަށް ބާރު ދީ އަލުން ފާސްކުރި ބިލާ އެކު އިތުރު ދެ އަހަރަށް މިކަން ދެމިގެންދާނެ އެވެ.

ނެސެޓްގެ އެކްސް އެކައުންޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުގެ ސަލާމަތަށް ގެއްލުންވާ ގޮތަށް ބޭރުގެ މީޑިއާތަކުން ބްރޯޑްކާސްޓްކުރުން އެ އިސްލާހުގެ ދަށުން ޑިސެމްބަރު 31، 2027 ގެ ނިޔަލަށް، ވަގުތީ އުސޫލެއްގެ ދަށުން މަނާވާނެ ކަމަށެވެ.

މި ގާނޫނުގެ ދަށުން، އިޒްރޭލަށް ނުރައްކާ މީޑިއާއެއް ކަމަށް ކަނޑަައަޅާނީ ބޮޑުވަޒީރެވެ. އަދި ބޮޑުވަޒީރުގެ ނިންމުމާ އެކު ކޮމިއުނިކޭޝަން މިނިސްޓަރު އެ ނިންމުން ތަންފީޒުކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން މީޑިއާ އައުޓްލެޓުގެ އޮފީސްތައް ބަންދުކުރުމާއި، ބްރޯޑްކާސްޓްކުރާ ސާމާނު ހިފެހެއްޓުމާއި، ވެބްސައިޓް ބްލޮކް ކުރުމުގެ ބާރު ވެސް މިނިސްޓަރަށް ލިބިގެންވެ އެވެ.

ޣައްޒާއަށް ދިން ހަމަލާތަކުގެ ތެރޭގައި އިޒްރޭލުން ވަނީ އަލްޖަޒީރާގެ އޮފީސް ބަންދުކުރުމުގެ އިތުރުން އެ ތަނަށް މަސައްކަތްކުރާ އެތައް ނޫސްވެރިންނަކާއި މުވައްޒަފުންނެއް ޝަހީދުކޮށްފަ އެވެ.