އިންޑިއާއިން މިހާތަނަށް ލޯންޗުކުރި އެންމެ ބަރު ސެޓެލައިޓް މިއަދު ކާމިޔާބުކަމާ އެކު ލޯންޗުކޮށް ޖައްވީ ރޭހުގައި އިތުރު ކުރިއެރުމެއް ހޯދައިދި އެވެ.

އެލްވީއެމް3-އެމް6 ރޮކެޓުން ލޯ-އާތު އޯބިޓަށް ލޯންޗުކުރީ އެމެރިކާގައި އުފައްދާފައިވާ އޭއެސްޓީ ސްޕޭސް މޯބައިލް ކޮމިއުނިކޭޝަންސް ސެޓެލައިޓެކެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ބުނީ މިއީ އިންޑިއާގެ ބިމުން އުދުއްސާލި އެންމެ ބަރު ޕޭލޯޑް ކަމަށެވެ.

މިއީ އިންސާނުން ނުލައި އަދި އިންސާނުންނާ އެކު ސްޕޭސްފްލައިޓްތައް އަގު ހެޔޮކޮށް އުދުއްސުމަށް އިންޑިއާއިން ކުރިއަށް ގެންދާ ސްޕޭސް ޕްރޮގްރާމްގައި ލިބުނު ކާމިޔާބީއެކެވެ.

ބަރުދަނުގައި 6،100 ކިލޯގްރާމް ހުރި މި ސެޓެލައިޓް ލޯންޗް ކޮށްފައި ވަނީ އިންޑިއާ އިން ކުރިއަށް އޮތް ސްޕޭސް މިޝަންތަކުގައި ބޭނުންކުރަން ނިންމާފައިވާ ރޮކެޓެއްގެ މޮޑިފައިޑް ވާޝަނެއް ބޭނުންކޮށްގެންނެވެ.

އިންޑިއާއިން އަންނަނީ ފޯނާއި އިންޓަނެޓް އަދި ހައި-އިންޑް ކޮމިއުނިކޭޝަން ހިދުމަތްދޭ ކުންފުނިތަކަށް ސެޓެލައިޓް ފޮނުވައިދިނުމުގެ ފުޅާވަމުން އަންނަ ވިޔަފާރިން ބޮޑު ހިއްސާއެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

މިއަދު ލޯންޗުކުރި ސެޓެލައިޓަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި އިންޑިއާގެ ޖައްވީ ދަތުރުގައި ހޯދި ބޮޑު ކާމިޔާބީއެކެވެ.

"މިއީ އިންޑިއާގެ ހެވީ ލިފްޓް ލޯންޗް ކެޕޭސިޓީ ވަރުގަދަކޮށް، ދުނިޔޭގެ ކޮމާޝަލް ލޯންޗް މާކެޓްގައި އިންޑިއާގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ކުރީކޮޅު އިސްރޯ އިން ވަނީ ބަރުދަނުގައި 4،410 ކިލޯ ހުރި، ސީއެމްއެސް-03 ކޮމިއުނިކޭޝަން ސެޓެލައިޓެއް ވެސް ލޯންޗްކޮށްފަ އެވެ. މިއީ އެ ހިސާބަށް އިންޑިއާއިން ލޯންޗުކުރި އެންމެ ބަރު ސެޓެލައިޓެވެ.

މި ބަރު ސެޓެލައިޓްތައް ލޯންޗުކުރުމަށް އިންޑިއާއިން ބޭނުންކުރީ އޯގަސްޓް 2023 ގައި، އިންސާނަކާ ނުލައި ހަނދަން އުޅަނދެއް ފޮނުވަން ބޭނުންކުރި ރޮކެޓްގެ އަޕްގްރޭޑް ވާޝަންއެކެވެ. -- އޭއެފްޕީ