މި އަހަރު ކުރީކޮޅު އިޒްރޭލު ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ޝަހީދުކޮށްލި ފަލަސްތީނު މީހެއްގެ ގެ މިއަދު އިޒްރޭލުން ތަޅާލައިފި އެވެ.

ޖުލައި މަހުގެ 10 ވަނަ ދުވަހު، ގުދުސް ކައިރީގައި އޮންނަ ޝޮޕިން އޭރިއާއެއްގައި ދެ މީހަކު ވަޅިން ދިން ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ މީހެއް ކަމަށްވާ 22 އަހަރުގެ ޝަލެވް ޒުވުލޫނީ މަރާލައިފަ އެވެ. ހަމަ އެ ވަގުތު އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދުކޮށްލި އެވެ.

އިޒްރޭލު ސިފައިންގެ ބުލްޑޯޒަރުތައް މިއަދު ވަނީ ހުޅަނގު އައްސޭރީގެ ބަޒާރިޔާ ވިލެޖަށް ވަދެ، ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ތެރެއިން އެކަކުގެ ގެ ތަޅާލައިފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވެސް ވަނީ މިކަން ކުރިކަން އިއުލާނުކޮށްފަ އެވެ.

ބަޒާރިޔާ މުނިސިޕަލް ކައުންސިލްގެ ވެރިޔާ ހަޒަމް ޔާސީން ވަނީ މި ކަމަކީ އިޒްރޭލުން ހިންގި ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އޭނާ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މިއަދު ފަތިހުން ފެށިގެން އިޒްރޭލުން އޮތީ އެ އަވަށް ހިސާރުކޮށް މީހުން ވަދެ ނުކުމެ އުޅުން ހުއްޓުވައިފަ އެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ވެސް މިއަދު ވަނީ ބަންދުކޮށްފައި،" ޔާސީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަޅާލި ގޭގައި އުޅޭ މީހުން ވަނީ، އެ ގެ ތަޅާލާނެކަން އިޒްރޭލުން އެންގުމުން މީގެ މަހެއްހާ ދުވަސް ކުރިން އެ ގެ ދޫކޮށް ގޮސްފައި ކަމަށެވެ.

ގެ ތަޅާލި ފަހުން ފަލަސްތީނުގެ ކުޑަކުދިންތަކެއް ގޮސް އެ ގޭގެ ގާކުނޑިތަކުގެ މައްޗަށް އަރައި ފަލަސްތީނުގެ ދިދަ ވިހުރުވާތީ އޭއެފްޕީގެ ފޮޓޯގްރާފަކަށް ވަނީ ފެނިފަ އެވެ.

އިޒްރޭލުން 1967 އިން ފެށިގެން ހިފާފައި އޮންނަ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންގެ ގެދޮރަށް ގެއްލުންދީ ގެތައް ތަޅާލުމަކީ އިޒްރޭލުން އާންމުކޮށް ކުރާ ކަމެކެވެ. މިއީ އިޒްރޭލާ ދެކޮޅަށް ނުކުންނަ މީހުންނަށް ބިރު ދެއްކުމުގެ ފިޔަވަޅެއް ކަމަށް ބުނެ އިޒްރޭލުން މި ޖަރީމާ ދިފާއުކޮށް ވާހަކަ ދައްކަ އެވެ. -- އޭއެފްޕީ