މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ރ. މީދޫގެ ބޮޑު ޓީމެއް ބ. ތުޅާދު އަށް މިއަދު ހިނގައްޖެ އެވެ.
ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ، މީދޫ ކައުންސިލުން އިސްނަގައިގެން ކުރާ މި ދަތުރުގައި މީދޫގެ އެކި އުމުރުގެ 315 މީހުން ބައިވެރިވި ކަމަށެވެ. މިއީ، އާދިލް ވިދާޅުވި ގޮތުގައި ދެ ރަށުގެ ގާތް ގުޅުމުގެ އާ ފެށުމަކަށް ކުރާ ދަތުރެކެވެ.
ރަހުމަތްތެރިކަމުގެ މި ދަތުރުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނަކަށް، ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވަނީ ތުޅާދު އަށް ވަޑައިގެންފަ އެވެ. އަދި އެ ރަށަށް ޒިޔާރަތްކުރި މީހުންނަށް ރަށު ކައުންސިލުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އާދިލް ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ މި ދަތުރުގައި ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އޭގެ ތެރެއިން، މިއަދު ހަވީރު ދެ ރަށުގެ ޓީމަކުން ފުޓްބޯޅަ މެޗެއް ކުޅެފައިވެ އެވެ. އަދި މިރޭ ބޮޑު ޖާފަތެއް ބޭއްވި އެވެ.
މިރޭ ފަތިހު ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކޮށް އަދި ހެނދުނު ރަށުގެ އެކި ހިސާބުތަކުގައި 500 ގަސް އިންދަން ނިންމާފައިވާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ. އެ އަށް ފަހު، ރާއްޖެއަށް ސުނާމީ އެރި ވަގުތު، ހެނދުނު 9:23 ގައި އަތުގުޅާލުމުގެ ހަރަކާތެއް އޮންނާނެ އެވެ.
ސުނާމީ ކާރިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީ ދިނުމުގައި ދެއްކި ނަމޫނާ ފާހަގަކޮށް، ރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 ގަ އެވެ.
އެ ދެ ރަށުގެ ޒަމާންވީ ގުޅުން ފެށުނީ މީގެ 200-300 ވަރަކަށް އަހަރު ކުރިން، މީދޫ ހުކުރު މިސްކިތުގެ މަސައްކަތަށް ތުޅާދޫ މީހުންގެ އެހީ ލިބުނު ހިސާބުންނެވެ. ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ވެސް ހިމެނޭ މިސްކިތުގެ ތަނބުތައް ޑިޒައިންކޮށް، އެ މަސައްކަތަށް އަގު ދޭން އުޅުމުން ތުޅާދޫ މީހުން އެކަމާ ދެކޮޅު ހެދި ކަމަށް، ރަށުގެ ދުވަސްވީ މީހުން ބުނެ އެވެ.
އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި ތުޅާދޫން އެދުނީ ރަހުމަތްތެރިކަމަށެވެ. އޭގެ ފަހުން މީދޫ މީހުން ވަނީ ޖާފަތާއި އެކި ވައްތަރުގެ ހަދިޔާ ހިފައިގެން ތުޅާދު އަށް ގޮސްފަ އެވެ.
"އެގޮތަށް ދެ ރަށުގެ ރަހުމަތްތެރިކަން މި ފެށުނީ،" އާދިލް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލުތަކުގެ ތެރޭގައި ހިމެނޭ ތުޅާދޫ ހިދާޔާ ސްކޫލަކީ ވެސް، މީދޫގެ ކުރީގެ ބޮޑު ކަތީބު ބިންގާ އަޅައިދެއްވި ސްކޫލެވެ. އޭގެ ފަހުން، އެ މަރުކަޒުން މީދޫގެ ގިނަ ބަޔަކު ތައުލީމް ހާސިލް ކޮށްފައިވެ އެވެ.
ދެ ދުވަހުގެ ދަތުރަށް ފަހު މީދޫގެ ޓީމު ފުރަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު ފަހު އެވެ.