ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް 1 އިން ރަޝިއާގެ ގައުމީ އެއާލައިން, އޭރޯފްލޮޓް އަށް ހިދުމަތް ދޭން ފަށައިފި އެވެ.
އާ ޓާމިނަލުން އޭރޯފްލޮޓް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 133 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. ޓާމިނަލަށް ކައިރި ކުރި އޭރޯފްލޮޓްގެ ފުރަތަމަ ފްލައިޓް, އެސްޔޫ-320 އިން ރާއްޖެ އައި 384 ފަސިންޖަރުންނަށް ހާއްސަކޮށް ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔާފައި ވެ އެވެ.
އޭރޯފްލޮޓްއަކީ ރަޝިއާގެ އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފެށީ އޮގަސްޓް 1994 ގަ އެވެ.
އޭރޯފްލޮޓްއާ އެކު ޓާމިނަލް 1 އިން މިހާރު ދަނީ 39 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެ އަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.