ވެލާނާގެ އިމާރާތް. ސިވިލް ސާވިސް ވަޒީފާތަކުގައި އުޅޭ މީހުން ރިޓަޔަކުރުމަށް ފަހު ވަޒީފާއަށް އަލުން ނުކުންނަ ނަމަ، އެ މުއްދަތުގައި ޕެންޝަން ދިނުން ހުއްޓާލަނީ -- ފޮޓޯ: މިހާރު
30 ޑިސެމްބަރ 2025 - 13:26
ސިވިލް ސާވިސްގެ ވަޒީފާއިން ރިޓާޔާ ކުރުމަށް ފަހު، އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާ ނަމަ އެ މީހުންނަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ގެނައި އިސްލާހުގައިވާ ގޮތުގައި ވަޒީފާ އިން މުސްކުޅި ކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ ނަމަ އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ މީހަކަށް މުސްކުޅި ކުރުމުގެ އިނާޔަތެއް ނުލިބޭނެ އެވެ.
ގަވައިދަށް ގެނައި އާ ބަދަލުގައިވާ ގޮތުން ކުރިން ލިބެމުން އައި މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ ފަހުން އަދާކުރާ ވަޒީފާ އިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ، އެ ހާލަތުގައި ހުންނަ މީހަކު ވަޒީފާ އިން މުސްކުޅި ކުރުމަށް ފަހު، އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިހާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށައިފައިވާކަން ޕެންޝަން އޮފީހަށް އަންގަންވާނެ ކަމަށެވެ.
އެގޮތަށް ނާންގާ ވަޒީފާ އަދާކުރާ މުއްދަތުގައި ރިޓަޔަމެންޓް ޕެންޝަން އެލަވަންސް ލިބިއްޖެ ނަމަ އެ ފައިސާ އެ މީހަކު އަނބުރާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.
ރިޓަޔަކުރުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިދާރާ އާއި އެމްއެންޑީއެފާއި ކަސްޓަމްސް އަދި އިމިގްރޭޝަނާއި ކަރެންޝަންސް ފަދަ އިދާރާތައް ހިމެނެ އެވެ. ކުރިން އެފަދަ އިދާރާތަކުން ރިޓަޔާ ކުރުމަށް ފަހު އިންތިހާބީ މަގާމުތަކަށް އަންނަ މީހުންނަށް ވެސް ޕެންޝަން އެލަވަންސް ދިޔައީ ލިބެމުންނެވެ.
މަގާމުތައް އަދާކުރާ ރިޓަޔާޑް ފުލުހުންނަށް އިނާޔަތް ދިނުން ހުއްޓާލައިފި https://t.co/Dxz1mTKGcA
— Mihaaru (@Mihaarunews) December 25, 2025
ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރުމަށް ފަހު، ސަރުކާރުގެ އެހެން މަގާމަކަށް އައްޔަންކުރާ ނުވަތަ އިންތިހާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ފުލުހުންގެ ގަވާއިދު ވެސް މިދިޔަ ހަފުތާގައި ވަނީ އިސްލާހު ކޮށްފަ އެވެ.
ސަރުކާރުގެ ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު އެ މުއައްސަސާތަކުގެ ވަކިވަކި ޕެންޝަން ސްކީމަށް މި އަހަރުގެ ބަޖެޓުން 272 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު ޑަބަލް ޕެންޝަނަށް 266 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ޑަބަލް ޕެންޝަނަށް 70 މިލިއަނެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުރަތޭރީ
30 December 2025
މަޖްލިސް މެމްބަރުކަން ކުރީތީވެ ދެވޭ އެލަވަންސް ކަނޑާލަންޖެހޭ.
އަބޫ
30 December 2025
ހުރިހާ ޕެންޝަނެއް އެއް އޮފީހެއްގެ ދަށަށް . ކޮންމެ ދާއިރާއެއްވިއަސް ޚިދުމަތުގެ މުއްދަތަށްބަލާފަ ޕެންޝަންކަނޑައެޅީމާ ރަނަގަޅުވާނެ. ވަކިދާއިރާއެއް ތަފާތުކުރާނެކަމެއްނެއް .. ޚިދުމަތްކުރަނީ ޤައުމަށް
އަލީ
30 December 2025
ވަރަށް ރަނފަޅު ވަކި ސިވިލްސާވިސްއެއްނޫން. އެހެންދާއޮރާތައްވެސް
ބަލަދުއަރާފަ
30 December 2025
ހާދަ ބޭކާރު ހަރަދުތަކެކޭ މި ސަރުކާރުން ހަރަދު ކުރަނީ އެކި މަގާމުތައް ހަދައިގެން.
ދެރަ
30 December 2025
ޓީޗަރުން ރިޓަޔަރ ވުމުން ކައުންސިލަށް ހޮވަނީ
އަމޭރު
30 December 2025
ކުރިން ލިބެމުންއައި އެހެން އިދާރާތަކުގެ ޕެންޝަނަށް ވަނީ ކިހިނެއްބާ؟ ތިޔާއީ ސިވިލްސަރވިސްއެއްނު
ޕެންޓް
30 December 2025
ޑަބަލް ޕެންޝަނަކީ ކޮބައިކަން ތަފްސީލް ކޮށްދޭނެ ފަރާތެއް އެބަހުރިތޯ؟
ލުބްލާ2025
30 December 2025
ތި ކަޑަ. ޕެންޝަން އޮފީސް އުވާލާ.
އަހްމަދު އީސާ
30 December 2025
ވަރަށް ބޮޑު ބޭއިންސާފެއް! ރިޓާޔަރވަނީ ދައުލަތަށް މަސައްކަތް ކޮށްދޭތާ އެތައް އަހަރެއް ވާފަހުން މީ އެފަދަ މީހުންނަށް ދޭން ހައްގުކަންބޮޑު ފައިސާ އެއް. އެހެން ވަޒީފާ އެއް އަދާކޮށްގެން ކުރާ މަސައްކަތަށް އުޖޫރައެއް ލިބޭތީ، ޕެންސަން އަށް ދޭފައިސާ ނުދީ ނުހިފެއްޓޭނެ. ވަރަށް ގޮތެއްނެތް ބައެއް.
ޙަސަންދީ
30 December 2025
ރަނގަޅު ގޮތަކަށްވާނެ ޕެންޝަނަށް ލިބޭ އެއްޗެއް ކަނޑައިފަ ދޭނަމަ. އޭރުން ވަކިބަޔަކަށް ބޭއިންސާފެއް ނުވާނެ. އޭރުން އަލަށް ވަޒީފާއަށް ވަންނަ ގާބިލު ދިވެހި ޒުވާނުންނަށް ލިބޭފުރުސަތު އިތުރުވެގެންވެސް ދާނެ! ގަބޫލުކޮށްގެން ނުވާނެ ރިޓަޔާކުރުމަށްފަހު އަނެއްކަ މަރުދުވަހަށް ދަންދެން އެއްވެސް މީހަކީ ދައުލަތުގެ ވަޒީފާއަށް ބަލަދު އަރައިފަ ތިބެންޖެހޭނެ ބައެއްނޫން! ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭނެ! ރިޓަޔާކުރުމަށްފަހު އެކަހަރިވާންވީ!
ކެކުރިކަމާ ރާރާ
30 December 2025
މަސްވެރިންވެސް، ދަނޑުވެރިންވެސް، ވެލްޑަރުންވެސް، ރާ އަރާ މީހުންވެސް އެކުރަނީ ޤައުމަށް ޚިދުމަތް. ޓައީ އަޅާ މީހަކަށްވީތީ ދައުލަތުގެ ޚަރަދުގައި އެހެން އުޅެވިގެން ނުވާނެ. ހަމަހަމަ ވާންޖެހޭނެ. ޕެންޝަން ފަންޑަށް ލާ އެއްޗަކުން ލިބެންޖެހޭނީ ފައިސާ.
raajje
30 December 2025
ރިޓަޔަމެންޓް ޕެންޝަންގެފައިސާއިން ހަމަނުޖެހޭތީކަމަށްވެސްވެދާނެތާ އަލުންވަޒީފާއަށްދާނީ! ނުވަތަ ކުރާހިތުންކުރަނީކަމަށްވެސްވެދާނެ، މިދެހާލަތުގާވެސް އެމީހުން މުސްކުޅިކުރަންދެން ނުވަތަ ރިޓަޔަރވަކުރަންދެން ޕެންޝަންލިބެންދެން ކުރިހިދުމަތަކީ ނުކުރާހިދުމަތަކަށްނުވާނެތާ! އެހެންވީމާ ރިޓަޔަމެންޓް ޕެންޝަން އިނާޔަތުގެ ފައިސާ ކަނޑާލެވޭ އެއްވެސްހާލަތެއްއޮތުމަކީ އަޅުގަނޑު ތާއީދުކުރާކަމެއްނޫން، އަދި "އަޅުގަނޑަށްވިސްނޭގޮތުންމީކީ ހަމަޖެހޭކަމެއްވެސްނޫން"