ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑަކާ އެކު އާސެނަލުން "އެންމެ ފުރިހަމަކޮށް" އަހަރު ނިންމާލައިފި އެވެ.
އެސްޓަން ވިލާއާ ދެކޮޅަށް ރޭ ކުޅުނު މެޗު ކާމިޔާބު ކުރީ 4-1 ންނެވެ. އެއާ އެކު އާސެނަލް ވަނީ އެއްވަނައިގައި އެ ޓީމަށް އޮތް ލީޑް ފަސް ޕޮއިންޓަށް ފުޅާކޮށްފަ އެވެ.
އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލްގެ ލަނޑުތަކަކީ ވެސް ހާއްސަ ލަނޑުތަކެވެ. ފުރަތަމަ ލަނޑު ޖެހި ގެބްރިއަލް މަގަލީސް ލަނޑު ޖެހީ ދޮޅު މަހަށް ފަހު ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗުގަ އެވެ. އާސެނަލްގެ ދެވަނަ ލަނޑު ޖެހީ މާޓިން ޒުބަމެންޑީ އެވެ. އޭގެ ފަހުން ތިންވަނަ ލަނޑު، ލިއަސަންޑް ޓްރަސޯޑްގެ ނަމުގަ އެވެ. އަނިޔާގައި ދިގު މުއްދަތެއް ހޭދަ ކުރި ގެބްރިއަލް ޖެސޫސް ޖެހި ލަނޑަކީ، ނިމިގެން މިދާ އަހަރުގެ ޖެނުއަރީ މަހަށް ފަހު އޭނާ ޖެހި ފުރަތަމަ ލަނޑެވެ. ވިލާގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ޖެހީ އޮލީ ވަޓްކިންސް އެވެ.
މާދަމާ ފަށާ، އާ އަހަރާ އާސެނަލް ކުރިމަތިލާނީ 22 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އުއްމީދުގަ އެވެ. ގޮންޖެހުންތަކާ އެކު ވެސް އާސެނަލް އެއްވަނައިގައި ހިފަހައްޓަމުންދާތީ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ އަސޭނަލްގެ ފަހަރެކެވެ.
އާޓެޓާ ވެސް ފާހަގަ ކުރީ އޮތް ގޮންޖެހުމެވެ. ދެ މެޗުގެ ދެމެދުގައި ތިން ދުވަސް ނުވަނީ ކުޅެން ޖެހުމެވެ. ޝެޑިއުލް އޮތީ ވަރަށް ތާށިކޮށެވެ. އަނިޔާގެ މައްސަލަތަކުގައި މުޅި ސްކޮޑް ހަމަނުވުމެވެ.
"އެކަމަކު ކުޅުންތެރިން ތިބެނީ ކާމިޔާބަށް ބޭނުންވެފައި،" އާޓެޓާ ބުންޏެވެ.
އެއީ އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
"އެހެންވީމަ މޮޅުވުމަކީ އެ ހުރިހާ ކަމަކަށް އެހީތެރިވެދޭ ކަމެއް. ކުޅުންތެރިން ވާ ހުރިހާ ގުރުބާނީއަކާއި ނެރޭ ގަދަ ހިއްވަރާ އެކު މޮޅު ކުޅުމެއް ދައްކަނީ. އެއީ ވަރަށް ހިތްހަމަޖެހޭ ކަމެއް އެކަމަކު އަހަރެމެންނަށް އެނގޭ އަދިވެސް ކުރަންޖެހޭ އެތައް ކަމެއް އެބަހުރިކަން،" އާޓެޓާ ބުންޏެވެ.
އާސެނަލް އަށް ފަސް ޕޮއިންޓްގެ ލީޑެއް އޮތީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ. އެކަމަކު މި ވގުތަށް އޮތް ހިތްހަމަޖެހުމާ އެކު އާޓެޓާ ހުރީ އުފަލުންނެވެ. ކުޅުންތެރިން އާއިލާއާ އެކު ވަގުތު ކޮޅެއް މިރޭ ހޭދަކޮށްލުމަށް ފަހު، މާދަމާ އަނެއްކާވެސް މަސައްކަތަށް ނުކުންނާނެ އެވެ.
"އަހަރު ނިންމާލަން މި އަށްވުރެ ރަނގަޅު ގޮތެއް ނެތް. އެއީ ޔަގީން ކަމެއް،" އާޓެޓާ ބުންޏެވެ.
"މާދަމާ [މިއަދު] (އަހަރެމެން) އާއިލާއާ އެކު ރަނގަޅު ވަގުތުތަކެއް ހޭދަކުރާނަން. ދެން ޖެހިގެން އަންނަ ދުވަހު އަހަރެމެން ތައްޔާރުވާން ޖެހޭނީ ބޯންމައުތަށް ދާން. އެއީ ކިހާވަރުގަދަ މެޗެއްކަން އަހަރެމެންނަށް އެނގޭ،"