މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގްތިސާދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރާ ގޮތަށް، "ސަސްޓެއިނަބުލް ޓައުންޝިޕް" އެެއް ތަރައްގީ ކުރަން ފުރަތަމަ ފަހަރަށް ހުއްދަ ދިން ކްރިސްޓަލް ހޯލްޑިންސްއާ އެކު ސަރުކާރުން މިއަދު އިންވެސްޓްމެންޓް އެގްރިމެންޓުގައި ސޮއިކޮށްފި އެވެ.

ނ. އަތޮޅު ކުރަމާދު އާއި ދިގުފަރާއި ދެކެނަންފަރުގައި "އައިލާ ޓައުންޝިޕް"ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސަސްޓެއިނަބުލް ޓައުންޝިޕް މަޝްރޫއަށް ރަސްމީކޮށް ހުއްދަދީ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މިއަދު ސޮއިކުރީ އެ ޕްރޮޖެކްޓްގެ އިންވެސްޓްމެންޓް އެގްރިމެންޓުގަ އެވެ.

އިކޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ސައީދެވެ. ކްރިސްޓަލް ހޯލްޑިންސްގ އިން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕީޓާރް ކާސްޓިޗް އެވެ.

ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ޕީޓާރް ކާސްޓިޗް ސޮއިކުރައްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ޕީޓާރް ކާސްޓިޗް ސޮއިކުރައްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

ރ. އަތޮޅު ކޮތައިފަރުގައި މިހާރު ވެސް ރިސޯޓެއް ހިންގާ ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ޕީޓާރް މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ ސަސްޓެއިނަލްބުލް ޓައުންޝިޕެއް ތަަރައްގީ ކުރަން ހުއްދަ ލިބުނު ފުރަތަމަ ކުންފުންޏަށް ވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. ނަމަވެސް އެފަދަ އެހެން ޕްރޮޖެކްޓްތައް ހިންގަން އެހެން އިންވެސްޓަރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ސަރުކާރުން ދައްކަމުންދާ އިންވެސްޓްމެންޓަށް ފަހި އެޕްރޯޗާ މެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ. ރަނގަޅު އިންވެސްޓެއް ކުރަން ބޭނުންވާ އިންވެސްޓަރުންނަށް ދިވެހިރާއްޖެއަކީ ރަނގަޅު މަންޒިލަކަށް ވާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ކްރިސްޓަލް ހޯލްޑިންގްސް އަކީ ރާއްޖޭގައި ސަސްޓެއިނަބުލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގާ ފުރަތަމަ ކުންފުނީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދަން ސަރުކާރުން ކުރާ މަސައްކަތަށް އިތުބާރުކުރި ފުރަތަމަ ކުންފުނި ކަމަށެވެ. އެކަމަށް ޓަކައި އެ ކުންފުންޏަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ޕީޓާރް ކާސްޓިޗް ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ޕީޓާރް ކާސްޓިޗް ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރަން ކްރިސްޓަލް ހޯލްޑިންސް އަށް ހުއްދަ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަން މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްގެން ޓައުންޝިޕެއް ތަރައްގީކުރާނީ ނ. އަތޮޅުގައި ކަމަށާއި އެކަމަށް ބޭނުންވާ ބިން މިހާރު އޮތީ ހިއްކައި ވެސް ނިމިފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަސްޓެއިނަބުލް ޓައުންޝިޕެއްގައި ނަމަ ރަނގަޅު ފެންވަރަކަށް ހިދުމަތްދޭ މެޑިކަލް ފެސިލިޓިއެއް ހުންނަން ޖެހޭއިރު ކްރިސްޓަލް އިން ތަރައްގީކުރާ ޓައުންޝިޕްގައި" އެހެން ބަޔަކަށް ނުދެވޭ ވަރުގެ ފެންވަރު ރަނގަޅު" ހިދުމަތެއް ގާއިމްކުރަން ސަރުކާރުން އެދިފައި ވާނެ އެވެ.

ސަސްޓެއިނަބުލް ޓައުންޝިޕް ގާއިމްކުރަން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުުން އެފަަދަ ޓައުންޝިޕެއް ތަރައްގީކުރާ ކުންފުނިން ފެންވަރު ރަނގަޅު މެޑިކަލް ފެސިލިޓީއެއް ނުވަތަ ހޮސްޕިޓާލިޓީ ދާއިރާ އިން މީހުން ތަމްރީނުކުރާ މަރުކަޒެއް ގާއިމްކުރަން ޖެހެ އެވެ.

ސައީދު ވިދާޅުވީ ކްރިސްޓަލް އިން އެ ދެ ވަސީލަތް ވެސް ގާއިމް ކުރާނެ ކަމަށެވެ.

"މި ބޭފުޅުން ޗޫޒްކުރީ އެ ދެ ކަންތައް ވެސް ކުރަން،" ސައީދު ވިދާޅުވި އެވެ.

އެ ޓައުންޝިޕްގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާއިރު، ކާބޯތަކެތީގެ ތެރެއިން ރާއްޖެ އަށް މިހާރު އިމްޕޯޓްކުރާ ކޮންމެވެސް ދެ ބާވަތަކަށް އިސްކަންދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތަފުސީލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ސައީދު ވިދާޅުވެފައި ވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޓައުންޝިޕްގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ވާނެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހު ބުނާގޮތުން ސަސްޓެއިނަބްލް ޓައުންޝިޕަކީ ގާނޫނުގައި ބަޔާންކުރާ ސިފަތަކާއި ވަސީލަތްތަކާ އެކު، ގާއިމްކުރާ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެކެވެ. ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމް ކުރަންޖެހެ އެވެ.