އިސްލާމްދީނުގެ އެކިއެކި އުސޫލުތަކާއި އިރުޝާދުތައް ބާރު އަޅަނީ ވަރުގަދަ އަސާސްތަކެއްގެ މަތީގައި އިސްލާމީ މުޖުތަމައު ބިނާވެފައި އޮތުމަށެވެ. މި ދެންނެވި އަސާސްތައް މުޖުތަމައުގައި ދަމަހައްޓައިފި ނަމަ ދިރިއުޅުމުގެ އެންމެހާ ކަންކަން އެންމެ ފުރިހަމަ އަދި އެންމެ އަދުލުވެރި ގޮތުގައި އިންތިޒާމު ކުރެވޭނެކަން ޔަގީނެވެ. މި ފަދަ އެއް އަސާސަކީ އިސްލާމީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމާ މެދު ފާޑުކިޔައި އިސްލާހު ކުރަން މަސައްކަތް ކުރުމެވެ.
ފާޑުކިޔައި އިސްލާހު ކުރަން މަސައްކަތް ކުރުމުގެ މުހިންމުކަން
އިސްލާމީ މުޖުތަމައުތަކުގައި ބައެއް މީހުންނަކީ ހެޔޮ ގޮތާއި ނުބައި ގޮތް ދެނެގަތުމުގައި ކަންކަން ރަނގަޅަށް ނުދަންނަ މީހުންނެވެ. އަނެއް ބަޔަކީ ހެޔޮ ގޮތް އެނގުނަސް އެކަންކަން ހަނދާން ނެތުމާއި އެ ހެޔޮ ގޮތުގައި ދެމިހުރުމުގެ އަޒުމް ނެތުމުގެ ސަބަބުން ނުބައި ގޮތް އިހުތިޔާރު ކުރެވޭ މީހުންނެވެ. މި ނުދަތުމާއި ޣާފިލުކަމާއި އަޒުމެއް ނެތުމަށް އަޅާނުލައި ދޫކޮށްލެވިއްޖެ ނަމަ މުޖުތަމައު ފަސާދަ ވާނެ އެވެ. އެހެންކަމުން އިސްލާމީ މުޖުތަމައު ހެޔޮ މުޖުތަމައެއް ކަމުގައި ވުމަށްޓަކައި އެތަނުގައި ހިނގާ ނޭދެވޭ އެންމެހާ ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ.
މާތްﷲ ގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވަނީ "ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮ ކަންތަކަށް އަމުރު ކޮށް ނުބައި ކަންތައް ނަހީ ކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށި ކަމެވެ! އެ އުރެންނަކީ ހަމަ ދިންނަވާނޭ މީހުންނެވެ." (އާލް ޢިމްރާން 104). އެހެން އާޔަތެއްގެ މާނައިގައި ވަނީ "މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނީ އޭގެ އެއްބަޔަކު އަނެއް ބަޔެއްގެ އެހިތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮ ކަންތަކަށް އަމުރު ކުރެތެވެ. އަދި އެއުރެން ނުބައި ކަންތައް ނަހީ ކުރެތެވެ." (އައްތައުބާ 71).
ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ އިސްލާމީ އުއްމަތް އެންމެ ހެޔޮ އުއްމަތް ކަމުގައި ވުމުގެ އެއް ޝަރުތެވެ (އާލް ޢިމްރާން 110). އަދި އެއީ ގެއްލުމާއި ހަލާކުގެ ތެރެއިން މިންޖުވާ މީހުންގެ ތެރޭ އިންސާނާ ހިމެނުމުގެ ސަބަބެއްވެސް މެ އެވެ (އަލްޢަޞްރު 3).
ހަމައެފަދައިން އެއީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބުމަށް އޮތް މަގެއް ވެސް މެ އެވެ. ކީރިތި ނަބިއްޔާ ﷺ އިސްލާމީ ރިސާލަތައިގެން ފޮނުއްވުނު ބޭނުންތަކުގެ ތެރެއިން އެއް ބޭނުމަކީ ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރުން ކަން އަލްއަޢުރާފް ސޫރަތުގެ 157 ވަނަ އާޔަތުން އެނގެ އެވެ.
އެހެންވެ އެކަލޭގެފާނު ވަނީ އަމަލީ ގޮތުން އެކަން ކުރައްވައި މުޅި އުންމަތަށް އެ ކަމުގައި ނަމޫނާ ދައްކަވައި ދެއްވާފަ އެވެ. އަދި އެކަލޭގެފާނު ވަނީ މިކަމަށް އަމުރު ކުރައްވާފަ އެވެ. އެކަލޭގެފާނު އަންގަވަނީ އުންމަތުގެ މީހުން ކުރެ އެއްވެސް މީހަކަށް ނުރަނގަޅު ކަމެއް ފެނިއްޖެ ނަމަ އެކަން ބަދަލު ކުރުމަށެވެ. އެ މީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. މިގޮތުން އަތުން (އެބަހީ ބާރުގެ ބޭނުންކޮށްގެން) އެކަން ކުރުމުގެ ހުއްދަ ލިބިފައިވާ މީހުން މުންކަރާތް ބަދަލު ކުރާނީ ބާރުގެ ބޭނުން ކޮށްގެންނެވެ. އަދި އެގޮތަށް އެކަން ކުރަން ކުޅަދާނަ ނުވާ މީހާ އެކަން ކުރާނީ ދުލުންނެވެ. އެބަހީ ފާޑުކިޔައި ނަސޭހަތް ދީގެންނެވެ. އަދި ދުލުން ބަދަލު ކުރުމުގެ ގާބިލުކަން ނެތް މީހާ އެންމެ ކުޑަމިނުން ހިތުން އެކަން އިންކާރު ކޮށްގެންނެވެ. އެއީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ (މުސްލިމް).
ހެޔޮ ކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތައް ނަހީ ކުރުން އެއީ ސަދަގާތެއް ކަމުގައި ވެސް ކީރިތި ރަސޫލާ ﷺ ސިފަ ކުރައްވައެވެ. އަދި ހެޔޮ ނަސޭހަތް ދިނުމަށް ވަސިއްޔަތް ކުރައްވާފައި ވެ އެވެ. އެކަލޭގެފާނު ހަދީސް ކުރައްވާ ގޮތުގައި މުޅި ދީނަކީ ވެސް ނަސޭހަތެވެ. ނަސޭހަތް ދޭންވީ ކޮންބަޔަކަށް ކަން ބަޔާން ކުރައްވަމުން އެކަލޭގެފާނު ހަދީސް ކުރައްވަނީ ﷲ އަށާއި ރަސޫލާ އަށް ޓަކައި އުންމަތުގެ އެންމެންނަށް އާންމު ކޮށް އަދި ވެރިންނަށް ހާއްސަކޮށް ކަމަށެވެ (ބުޚާރީ އާއި މުސްލިމް).
ނަބީންނާއި ރަސޫލުން މިކަމުގައި ނަމޫނާ ދެއްކެވި
މުޖުތަމައު އިސްލާހު ކުރުމުގައި ފާޑު ކިޔައި ނަސޭހަތް ދިނުމަކީ ކީރިތި ނަބިއްޔާ ﷺ އާއި އޭގެ ކުރިން ފޮނުއްވުނު ހުރިހާ ނަބީ ބޭކަލުން ވެސް ކުރެއްވެވި މަސައްކަތެކެވެ. ކުރީގެ ނަބީ ބޭކަލުން ކެތްތެރިކަމާ އެކު އެކަމުގައި ސާބިތުވެ ވަޑައިގެންފައި ވެ އެވެ. ލަދުވެތިކަމާއި ބިރުގަތުން ފަދަ ކަމެއް އެބޭފުޅުންގެ އެ އުނދަގޫ މަސައްކަތްޕުޅަށް އޮތް ހުރަހެއް ކަމުގައި ނުވެ އެވެ. މިގޮތުން ޝައިތާނާ އަށް އަޅުވެތި ނުވުމަށް އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕާފުޅަށް އަމުރު ކުރެއްވި އެވެ. އަދި ﷲ އަށް ކިޔަމަންތެރިވުމަށް ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިފުޅަށާއި މުޅި ގައުމަށް ވެސް އަމުރު ކުރެއްވި އެވެ.
ހަމައެއާ އެކު މުޖުތަމައު އިސްލާހު ކުރަން ދައްކާ ވާހަކަ އަކީ މީހަކަށް ޒާތީ ގޮތުން ކުރާ ގޯނާ އަކަށް ވެގެން ނުވާނެ އެވެ. ފާޑުކިޔަން ވާނީ ކުރެވިގެން ދިޔަ ކަމަކަށެވެ. އެކަމުގައި ހުރި ނުރަނގަޅު ކަންކަން ބަޔާން ކުރުމަށެވެ. އަދި އެކަންކަން އިސްލާހު ކުރުމަށްޓަކައި ކުރަންވީ ކަންކަމުގެ މައްޗަށެވެ.
މުޖުތަމައު އިސްލާހު ކުރުމަށްޓަކައި ފާޑުކިޔައި ނަސޭހަތް ނުދީ ތިބުމަކީ ﷲގެ ލައުނަތާއި ކޯފާ އަށް ހުށަހެޅޭ ކަމެކެވެ. އެހެންވެ އިސްރާއީލުގެ ދަރިންގެ ތެރެއިން ކާފިރުވީ މީހުންނަށް ދާއޫދުގެފާނާއި މަރިޔަމްގެފާނުގެ ދަރިކަލުން އީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައި ވެ އެވެ. މި ލައުނަތް ލެއްވުމުގެ އެއް ސަބަބަކީ އެއުރެން ކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއް ބަޔަކަށް ނަހީކޮށް ނޫޅުމެވެ. (އަލްމާއިދާ 78-79). ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "މީސްތަކުންނަށް މުންކަރާތް ފެނި އެ މުންކަރާތް ބަދަލު ކުރަން މަސައްކަތް ނުކުރާ ނަމަ އާންމު ވެގެންވާ އުގޫބާތެއް ﷲގެ ހަޒްރަތުން އައުން ގާތްވެއްޖެ ކަމަށެވެ. (އަޙުމަދު).
ފާޑުކިޔައި ނަސޭހަތް ދިނުމަކީ މަލާމާތްކޮށް ފަލީހަތް ކުރުމެއް ނޫން
ކުރިން ބަޔާން ކުރެވުނު ކަންކަމުން އެނގިގެން ދަނީ އިސްލާމީ މުޖުތަމައެއްގައި މުންކަރާތެއް ހިނގަމުން ދާ ނަމަ އެކަން ހުއްޓުވުމަށްޓަކައި ފާޑުކިޔައި، އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. މުސްލިމުންނަކީ އެކަކު އަނެކަކު ދެކެ ލޯބިވާ އެހީތެރިވާ އަޚުންތަކެއް ކަމުގައި ވުމަށް އިސްލާމްދީން ބާރު އަޅާއިރު މިކަމުގައި އެހީތެރިވެ އެއްބައިވަންތަކަން ގާއިމު ކުރަން ޖެހޭނެ އެވެ. މިކަމަށްޓަކައި މަސައްކަތް ކުރަން އޮތް އެއް ދާއިރާއަކީ އެކަކު އަނެކަކުގެ އުޅުން އިސްލާހުކޮށް ސީދާ މަގުގައި ކުރިއަށް ދިއުމަށް އެހީތެރިކަން ފޯރުވުމެވެ.
މިކަން ކުރެވޭނީ އަނެކަކުގެ ސުލޫކުގައި އުނިކަމެއް ވާނަމަ އެކަން އިސްލާހު ކުރުމުންނެވެ. އޭނާއަށް އިރުޝާދު ދީގެންނެވެ. ނުބައި މަގެއް އިހުތިޔާރު ކޮށްފި ނަމަ ހެޔޮމަގަށް އެޅުވުމަށް ނަސޭހަތްތެރި ވެގެންނެވެ. ރަސޫލާ ﷺ ހަދީސް ކުރައްވަނީ މުއުމިނަކީ އަނެއް މުއުމިނާގެ މޫނު ބަލާ ލޯގަނޑެއް ފަދަ މީހެއް ކަމަށެވެ (އަބޫދާއޫދު).
ފާޑުކިޔައި ނަސޭހަތް ދިނުމަކީ މިހާ މުހިންމު ކަމެއް ކަމުގައި ވިއަސް މިއީ ވަރަށް ވިސްނުންތެރި ކަމާ އެކު ކުރަން ޖެހޭ ކަމެކެވެ. މިގޮތުން ފަރުދީ ފެންވަރުގައި މިކަން ކުރަން ވާނީ ފާޑުކިޔައި ނަސޭހަތް ދެވޭ މީހެއްގެ އަގު ވައްޓާލުމަކާ ނުލަ އެވެ. އޭނާގެ އިހުސާސްތަކާއި ޝުއޫރުތަކަށް ރިއާޔަތް ކުރަމުންނެވެ. މަލާމާތް ކުރުމާއި އެއްޗެހި ކިޔުމާއި ފަލީހަތް ކުރުމަކީ އެހެން އިތުރު މައްސަލަތަކެއްގެ ފެށުން ކަމުގައި ނޫނީ ނުވާނެ އެވެ. ކީރިތި ޤުރުއާނުގައި ވެސް އިރުޝާދު ދީފައިވަނީ ހިކުމަތާއި ރިވެތި ވައުޒު ގެ ބޭނުން ކުރުމަށެވެ.
އިޖުތިމާއީ ފެންވަރުގައި މިކަން ކުރާނަމަ އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ފާޑުކިޔައި އިސްލާހު ކުރުމުގެ ގޮތުން ކުރާ މަސައްކަތުން އިތުރު މުންކަރާތްތަކެއް އުފެދިގެން ނާންނާނެ ގޮތަކަށް އެކަން ކުރުމަށެވެ. ތަނުގެ މަސްލަހަތާއި އަމަންއަމާން ކަމަކީ ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭނެ ކަންކަމެވެ.
ހަމައެއާ އެކު މުޖުތަމައު އިސްލާހު ކުރަން ދައްކާ ވާހަކަ އަކީ މީހަކަށް ޒާތީގޮތުން ކުރާ ގޯނާ އަކަށް ވެގެން ނުވާނެ އެވެ. ފާޑުކިޔަން ވާނީ ކުރެވިގެން ދިޔަ ކަމަކަށެވެ. އެކަމުގައި ހުރި ނުރަނގަޅު ކަންކަން ބަޔާން ކުރުމަށެވެ. އަދި އެކަންކަން އިސްލާހު ކުރުމަށްޓަކައި ކުރަންވީ ކަންކަމުގެ މައްޗަށެވެ. އެހެން ކަމުން މުޖުތަމައު އިސްލާހު ކުރުމުގައި ހިކުމަތުގެ ބޭނުން ހިފަން ޖެހޭނެ އެވެ. މިގޮތަށް ހިކުމަތުގެ ބޭނުން ހިފައިގެން މުޖުތަމައު އިސްލާހު ކުރުމަށްޓަކައި ހެޔޮ ގޮތުގައި ތެދުވެރިކަމާ އެކު ފާޑު ކިޔައި ނަސޭހަތްދީ ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަށް ކޮންމެ މުސްލިމަކުވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.