އީރާންގެ އިގްތިސާދީ ހާލަތު ގޯސްވެފައި ވާތީ ސަރުކާރާ ދެކޮޅަށް ފަށާފައިވާ މުޒާހަރާ ހުއްޓުވަން މީހުން މަރާ ނަމަ އެމެރިކާގެ "ހަތިޔާރު ހުރީ ތައްޔާރަށް" ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު އިންޒާރު ދެއްވައިފި އެވެ.
އީރާންގެ އެކި ސިޓީތަކުގައި މުޒާހަރާކުރާ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުން ހިނގައި އިއްޔެ ހަ މީހަކު މަރުވެފައި ވަނިކޮށް ޓްރަމްޕު ދެއްވި އިންޒާރާ އެކު އީރާނުން ވަނީ މިކަމުގެ ތެރެއަށް އެމެރިކާ ވަދެފި ނަމަ މުޅި ސަރަހައްދަށް ނުރައްކާވާނެ ކަމަށް ބުނެފަ އެވެ.
އީރާންގެ ވިޔަފާރިވެރިން މުޒާހަރާ ފެށީ އާދީއްތަ ދުވަހު އެވެ. އޭގެ ފަހުން އެކި ސިޓީތަކަށް މި މުޒާހަރާ ފުޅާވެ އާންމުން ވެސް ވަނީ މުޒާހަރާއާ ގުޅިފަ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕު އޭނާގެ ސޯޝަލް ޕްލެޓްފޯމް ޓްރޫތުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޒާހަރާކުރާ މީހުން މެރުމަކީ އީރާނުގެ އާދައެއް ކަމަށާއި މިފަހަރު އެހެން އެކަން ކުރާ ނަމަ، މުޒާހަރާގެ ބައިވެރިންގެ ހިމާޔަތަށް އެމެރިކާ ތެދުވާނެ ކަމަށެވެ.
ޓްރަމްޕު ލިޔުއްވާފައިވާ ގޮތުގައި އެމެރިކާ މިހާރު ވެސް އޮތީ "ހަތިޔާރާ އެކު ދާން ތައްޔާރުވެފަ" އެވެ.
ޓްރަމްޕުގެ މި އިންޒާރާ އެކު އީރާންގެ އެންމެ އިސް ސެކިއުރިޓީ އިދާރާގެ ވެރިޔާ އަލީ ލަރިޖާނީ ވިދާޅުވި ގޮތުގައި "މި ދާހިލީ މައްސަލައަށް އެމެރިކާ ނުފޫޒު ފޯރުވުމަކީ މުޅި ސަރަހައްދުގައި ހަމަނުޖެހުން އުފެދި އެމެރިކާގެ މަސްލަހަތަށް ގެއްލުން ލިބޭނެ" ކަމެކެވެ.
ލަރިޖާނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ ރައީސް "އަމިއްލަ ސިފައިންގެ ރައްކާތެރިމަށް ވިސްނަންޖެހޭނެ" ކަމަށެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އެޑްވައިޒަރު އަލީ ޝަމްޚާނީ ވިދާޅުވީ އީރާންގެ އަމިއްލަ ކަންކަމުގެ ތެރެއަށް އެމެރިކާ ވަނުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަތް ރޮނގު ހުރަސްކުރުން ކަމަށާއި އެފަދަ ކަމެއް ކޮށްފި ނަމަ އީރާނުން ރައްދު ދޭނެ ކަމަށެވެ.
އީރާނުގެ ޖުޑިޝަރީގެ މިޒާން ވެބްސައިޓްގައި ލޮރެސްޓަން ޕްރޮވިންސްގެ ޕްރޮސެކިއުޓަރު އަލީ ހަސަވަންދުއާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ގާނޫނާ ހިލާފަށް އެއްވެ އުޅުމުގައި ބައިވެރިވުމާއި އަމަންއަމާންކަން ގެއްލުވާލުމާއި، މުދަލަށް ގެއްލުން ދިނުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކިޔަމަންތެރިވުމާއި، ގާނޫނާ ހިލާފު އެއްވުންތަކަށް ހިތްވަރު ދިނުން ފަދަ އެއްވެސް އަމަލެއް ހިންގައިފި ކޮންމެ މީހަކަށް ހަރުކަށި އަދަބު ދޭނެ އެވެ.