ބޮލީވުޑްގެ އެކްޓްރެސް ނުޝްރަތު ބަރޫޗާ ފައްޅިއަކަށް ގޮސް އަޅުކަމުގައި ބައިވެރިވުމުން އޭނާއާ ދެކޮޅަށް އިންޑިއާގެ އިމާމަކު ފަތުވާއެއް އިއްޔެ ނެރެފި އެވެ.
މުސްލިމެއް ކަމަށްވާ ނުޝްރަތު އުތުރަޕްރަދޭޝްގައި ހުންނަ ހިންދޫންގެ ފައްޅިއަކަށް ގޮސް އަޅުކަމުގައި ބައިވެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.
އެ މައްސަލާގައި އިންޑިއާގެ ބަރޭލީގެ އިމާމަކު އަދި "އޯލް އިންޑިއާ މުސްލިމް" ޖަމާއަތުގެ ރައީސް މޯލާނާ މުފްތީ ޝަހާބުއްދީން ރަޒްވީ ބަރޭލްވީ ނެރުނު ފަތުވާއެއްގައި ވަނީ އެކަން ކުށްވެރިކޮށް، އެއީ ހަރާމް ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެއީ ވަރަށް ބޮޑު ފާފައެއް ކަމަށާއި ނުޝްރަތު ﷲގެ ހަޒުރަތުގައި ތައުބާވެ، އޭނާގެ ފާފަ ފުއްސަވާތޯ ދުއާކުރަން ޖެހޭ ކަމަށް ވެސް އެ ފަތުވާގައިވެ އެވެ.
ނުޝްރަތުގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، އެއީ އޭނާ އެ ފައްޅިއަށް ދިޔަ ދެވަނަ ފަހަރެވެ. އަދި އެ ފައްޅީގައި ހުރި އިންތިޒާމުތަކާއި މެެދުގައި ހިތްހަމަޖެހޭ ކަމަށާއި ކޮންމެ އަހަރަކު އާ އަހަރާ ދިމާކޮށް އެ ފައްޅިއަށް ދާން އޭނާ ގަސްދުކުރާ ކަމަށް ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ނުޝްރަތު ވަނީ އެ ފައްޅީގައި އަޅުކަމުގައި ބައިވެރިވެފަ އެވެ. އޭނާގެ ނިއްކުރީގައި ހިންދޫންގެ ޓީކާ ފާހަގަ ވެސް ހުރީ ޖަހައިފަ އެވެ.
ނުޝްރަތުއާ ދެކޮޅަށް ފަތުވާ ނެރުމުން އިމާމާ ދެކޮޅަށް ވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވެ އެވެ. އިންޑިއާއަކީ ސެކިއުލާ ގައުމެއް ކަމަށާއި އެ މީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށް އެއް ބަޔަކު ބުނެފައިވެ އެވެ.
ނުޝްރަތަކީ މުސްލިމު އާއިލާއަކަށް އުފަން މީހެކެވެ. އޭނާގެ މައިންބަފައިންނަކީ މުސްލިމުންނެވެ.