އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު 17 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭގެ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ވަނީ 66.3 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.
އެމްއެމްއޭ އިން ބުނީ، ދައުރުވާ ފައިސާ އިތުރުވެފައިވަނީ ނެޓް ޑޮމެސްޓިކް އެސެޓާއި ނެޓް ފޮރިން އެސެޓު ވެސް އިތުރުވުމުގެ ސަބަބުން ކަމަށެވެ. ނެޓް ޑޮމެސްޓިކް އެސެޓު އިތުރުވެފައިވަނީ 11 ޕަސެންޓަށެވެ.
ނެޓް ޑޮމެސްޓިކް އެސެޓް އިތުރުވީ ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކުރި އަދަދު 22 ޕަސެންޓަށް އިތުރުވުމާއި ޕްރައިވެޓް ސެކްޓަރަށް ލޯނުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު ހަ ޕަސެންޓަށް އިތުރުވުމުގެ ސަބަބުންނެވެ.
އެ މުއްދަތުގައި ބޭންކުތަކުގައި ޑިޕޮސިޓްކުރި ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.
އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު ހިފެހެއްޓުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު އެމްއެމްއޭ އިން ވަނީ އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައި، 2.1 ބިލިއަން ރުފިޔާ ވައްދައިފި އެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އިގްތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފަ އެވެ.
ބޭންކުތަކުން ޓީބިލާއި ޓީބޮންޑުގެ ގޮތުގައި އިންވެސްޓް ކުރުމާއި ރުފިޔާއިން ދޫކުރާ ލޯނު އިތުރުވުމުގެ ސަބަބުން ދައުރުވާ ފައިސާ އިތުރުވަމުންދާ އިރު 2024 ވަނަ އަހަރު ނިމުނު އިރު އެ އަދަދު ހުރީ 59.1 ބިލިއަން ރުފިޔާއަށެވެ.