ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބިނާވެފައިވާއިރު، އެ ދާއިރާގައި ޑޮލަރުގެ މުއާމަލާތްތައް މުޅިން ހެން ހިންގަނީ ޑޮލަރުންނެވެ. އެކަމަކު، އިމްޕޯޓަށް އެހާ ބޮޑަށް ބަރޯސާވެ، ޑޮލަރުން ކުރަން ޖެހޭ ހަރަދުތައް އެއާ ނުއްބަދަލެވެ. އެހެންވެ، ޑޮލަރުގެ ޑިމާންޑަށް ދުވަހަކު ވެސް ލުޔެއް ނުފެނެ އެވެ. އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު މާރުކުރަން ނިންމި އެއް ސަބަބަކީ ވެސް އެއީ އެވެ.
މިދިޔަ އަހަރު ފެށިއިރު މާލީ އަދި އިގްތިސާދީ ދާއިރާގެ މާހިރުންގެ އިތުރުން ސަރުކާރުގެ ވެރިންގެ ވެސް އޮތް އެންމެ ބޮޑު ބިރަކީ ރިޒާވް ދަށްވެ، ދަރަނި އަދާކުރުމާއި ކުރަން ޖެހޭ އެހެން ހަރަދުތަކާ ނުބައްދަލު ހާލަތަކަށް ރިޒާވްގެ އަދަދު ދިއުމެވެ. އެކަމަށް އަވަސް ހައްލެއް ހޯދުމަށް، ސަރުކާރާއި މަރުކަޒަކީ ބޭންކު، އެމްއެމްއޭއިން ހޯދި ހައްލަކީ، ޓޫރިޒަމް ދާއިރާ އިން ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކްތަކަށް މާރު ކުރެވޭނެ ނިޒާމެއް އުފެއްދުމެވެ.
އެމްއެމްއޭގެ ގަވައިދަކުން އެކަން ކުރަން ފެށީ އޮކްޓޫބަރު 2024 ގައި ކަމަށް ވިޔަސް އެ ބަދަލު ގާނޫނެއްގެ ތެރެއިން އަމަލު ކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. އަދި އެ ބަދަލުގެ ސަބަބުން ރިޒާވަށް ޑޮލަރު އިތުރު ކޮށް، އޭގެ ނަތީޖާ ފެންނަން ފެށީ މިދިޔަ އަހަރު އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީ ލިބޭ ފަރާތްތަކެވެ.
ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމުގައި "ކެޓެގަރީ އޭ"ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސްދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރުމެވެ.
"ކެޓެގަރީ ބީ"ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އެ ނިންމުން އެހާ ތާރީހީ މުހިއްމު ކަމަކަށްވާ އެއް ސަބަބަކީ، މިއީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން މިގޮތަށް ޑޮލަރު މާރުކުރަން ފެށި ފުރަތަމަ ފަހަރަށް ވުމެވެ. އެމްއެމްއޭ އިން މީގެ 15 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި ނަމަވެސް އޭރު އެކަން ކާމިޔާބު ނުވީ، ޓޫރިޒަމް ދާއިރާގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންގެ އެހީތެރިކަން އެކަމަށް ނުލިބުމުންނެވެ. ބައެއް ރިސޯޓުތަކުގެ ވެރިންނާއި ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާ އެކު ގަވަރުނަރުން އެތައް ބައްދަލުވުމެއް ބޭއްވި ނަމަވެސް އެކަން ނުކޮށް ބާއްވަން ޖެހުނީ ޓޫރިޒަމް އިންޑަސްޓްރީގެ ހިތްހަމަނުޖެހުން ބޮޑުވުމުންނެވެ.
އެކަމަކު މި ފަހަރު އެކަން އެގޮތަށް ކުރަން ޖެހުނު އެއް ސަބަބަކީ، ދައުލަތުގެ ހަރަދުތައް ބޮޑުވެ، ދަރަނި އަދާކުރަން ބޮޑެތި އަދަދުތަކެއް ހުރުމާ އެކު، އެ އަދަދުތަކަށް ކޭޓާ ކުރެވޭ ވަރުގެ ރިޒާވެއް އުފައްދާފައި އޮންނަން ޖެހުމެވެ.
އެމްއެމްއޭގެ އަންދާޒާ އަކީ މިދިޔަ އަހަރުގެ ނިޔަލަށް 750 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ބޭންކްތަކަށް މާރުކުރުމެވެ. އަދި ޑޮލަރު މާރުކުރުން އިތުރު ވަމުން އަންނަވަރަކުން އެ ފައިސާ ވިޔަފާރިތަކަށް ލިބޭނެ ގޮތް ވެސް ފަހި ކޮށް، ޑޮލަރަށް އޮތް ޕްރެޝާ ކޮންމެވެސް މިންވަރަކަށް ދަށްކުރުމެވެ.
އެމްއެމްއޭ އިން ކުރިން ބުނެފައިވަނީ، ޑޮލަރުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް އެ އިދާރާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ވިޔަފާރިތަކަށް ޑޮލަރު ވިއްކާ ވަރު އިތުރުކުރަމުން ވެސް އަންނަ ކަމަށެވެ. ފޮރިން އެކްސްޗޭންޖް ގާނޫނަށް ގެނައި ބަދަލާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރުގެ ޕަސެންޓު މިހާރު އުޅޭނީ 30 ޕަސެންޓުގައި ކަމަށް ވިޔަސް އެމްއެމްއޭގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުމެވެ.
މި ބަދަލާ އެކު، އެވްރެޖުކޮށް އަހަރުގެ ރިޒާވްގައި ހުރި އަދަދު ވަނީ ގާތްގަނޑަކަށް 50 ޕަސެންޓަށް އިތުރުވެފަ އެވެ. ރިޒާވްގައި 2024 ވަނަ އަހަރު އެވްރެޖުކޮށް ހުރީ 535 މިލިއަން ޑޮލަރެވެ. އެކަމަކު އެ އަދަދު މިދިޔަ އަހަރު ނިމުނު އިރު ހުރީ އެވްރެޖުކޮށް 815 މިލިއަން ޑޮލަރުގަ އެވެ. މިއީ 280 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އެއާ އެކު ތެލާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާ އެކު ހަމަޖެހުނެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނާ އެކު ދައުލަތުގެ ދަރަނި އަދާކުރުމަށާއި ވިޔަފާރިތަކަށް ލިބޭ ޑޮލަރު އިތުރުވި ނަމަވެސް، މުޅި މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ނުލިބެ އެވެ. ކަޅުބާޒާރުގައި މިވަގުތު ޑޮލަރުގެ ރޭޓު ހުރީ 20ރ. އަށް ވުރެ މަތީގަ އެވެ. މުޅި މައްސަލަ ހައްލުކުރުމަށް ހަމައެކަނި ޑޮލަރު މާރުކޮށްގެން ހައްލެއް ނެތެވެ. އެކަން ހާސިލު ކުރުމަށް ސަރުކާރުގެ ހަރަދުތައް ވެސް ބޮޑުތަނުން ކުޑަކުރަން ޖެހޭނެ ކަމަށް އެމްއެމްއޭ އާއި ބޭރުގެ މާލީ އިދާރާތަކުން ވެސް ފާހަގަކުރެ އެވެ.