ފައިސާ މާރު ކުރަން ހާއްސަ ތަނެއް. އެތަންތަނުން ވެސް ލިބެނީ ކަޅު ބާޒާރުގެ ރޭޓުގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
01 ޖުލައި 2025 - 09:12
ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުން ގޮސް އެންމެ ފަހުން ވަނީ 20ރ. އިން މައްޗަށް އުފުލިފަ އެވެ. މިއީ ކޮވިޑަށް ފަހު ޑޮލަރުގެ އަގު އެހާ ބޮޑަށް އުފުލުނު އެއް ދުވަސްވަރެވެ. ދޭތެރެއަކުން ކުޑަ ވެއްޓުމެއް އަޔަސް، މިދިޔަ ދެ އަހަރެއްހާ ދުވަހު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ އެވްރެޖްކޮށް 18-19ރ. އާ ދެމެދުގަ އެވެ. އެއީ ދިވެހި ރުފިޔާގެ ރަސްމީ މާރުކުރާ ރޭޓު 15.42ރ. އަށް ވުރެ 3-4ރ. ބޮޑު އަދަދެކެވެ.
ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގައުމީ ބޭންކު، ބީއެމްއެލް އިން ވެސް ވަނީ އެ ބޭންކުގެ ޑެބިޓް ކާޑުގެ ޑޮލަރުގެ ލިމިޓު 500 ޑޮލަރަށް އިތުރުކޮށްފަ އެވެ. އާންމުކޮށް ދިވެހިން ވިޔަފާރި ކުރާ ވެބްސައިޓުތަކުން 30 ޕަސެންޓުގެ ފީއެއް ވެސް ހިމަނާފައިވެ އެވެ. އޭގެ ސަބަބުން އާންމުންނަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބުނަސް އެއީ ކަޅުބާޒާރުގައި މިހާރު އޮތް ޕްރެޝަރު އެއްކޮށް ނައްތާލެވޭނެ ފިޔަވަޅުތަކެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އެކަމަކު، މި ހާލަތު ބަދަލު ނުވަނީ ކީއްވެ ހެއްޔެވެ؟ އެމްއެމްއޭ އިން މި އަހަރު ކުރީކޮޅު ބޭރު ފައިސާއާ ބެހޭ ގާނޫނެއް ހަދައިގެން ވެސް ޑޮލަރަށް ޖެހިފައި އޮތް އޮތުމަށް ލުޔެއް ނާންނަނީ ހެއްޔެވެ؟ ޑޮލަރުގެ އަގު އުފުލެމުން މިދަނީ އިގުތިސާދީ ކޮން މައްސަލައަކާ ހެދި ހެއްޔެވެ؟
ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބިނާވެފައިވާއިރު، އެ ދާއިރާގައި ޑޮލަރުގެ މުއާމަލާތްތައް މުޅިން ހެން ހިންގަނީ ޑޮލަރުންނެވެ. އެކަމަކު، އިމްޕޯޓަށް އެހާ ބޮޑަށް ބަރޯސާވެ، ޑޮލަރުން ކުރަން ޖެހޭ ހަރަދުތައް އެއާ ނުއްބަދަލެވެ. އެހެންވެ، ޑޮލަރުގެ ޑިމާންޑަށް ދުވަހަކު ވެސް އަދި ލުޔެއް ނުފެނެ އެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ ތިން ކެޓަގަރީއެއްގެ ދަށުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކުގައި ވަކި އަދަދެއް މާރުކުރަން ކަނޑައެޅި އެވެ. އޭގައި ވަނީ ޓޫރިސްޓުންގެ ބޮލަކަށް ވަކި ވަރެއް ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެކެވެ.
ޗާންދަނީ މަގުގައި ފައިސާ މާރުކުރާ ތަނެއް. އެމްއެމްއޭގެ ގަވައިދަށް އަމަލު ކުރި ނަމަވެސް، ޑޮލަރުގެ ޕްރެޝާ ކުޑައެއް ނުކުރެވުނު -- ފޮޓޯ:ނިޝާން އަލީ / މިހާރު
މާލީ ދާއިރާގެ ތަޖުރިބާކާރު ދެކެވަޑައިގަންނަވާ ގޮތުގައި، މަރުކަޒީ ބޭންކުން އެ ފިޔަވަޅުތައް އެޅީ އެންމެ ފުރިހަމައަށް ރާއްޖޭގެ ޑޮލަރުގެ ހާލަތު ދިރާސާ ނުކޮށެވެ. އޭނާ ވިދާޅުވީ، އެފަދަ ކަމެއް ކުރާ އިރު އޮފް ސީޒަނުގައި ޓޫރިޒަމް ދާއިރާ އަށް ވަންނަ ޑޮލަރުގެ ހިސާބުތައް ހޯދައި އެ ކަންކަން ބެލުން ނަމަ އޭރު އެޅި ކުއްލި ފިޔަވަޅުތައް އިތުރަށް ރަނގަޅު ކުރެވުނީސް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފިޔަވަޅުތަކުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނީ ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް ކަމަށާއި ޑޮލަރުގެ މުޅި މައްސަލަ ރަނގަޅު ކުރުމަށް އެމްއެމްއޭ އަށް ވެސް މިވަގުތު އިތުރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ.
"ގެނައި ސޮލިއުޝަނަކީ [ބޭރު ފައިސާއާ ބެހޭ ގާނޫނު] ރޭޓު ރަނގަޅު ކުރަން ގެންނަ ބަދަލަކަށް ވުރެ ބޮޑަށް ސަރުކާރުގެ ދަރަނިތަކާއި ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް. މިސާލަކަށް ފައިނޭންސިން ނުލިބޭތީ އެޅި ފިޔަވަޅެއް އެއީ. އެކަން ކުރެވުނަސް ރޭޓަށް ހަމަ ނޭދެވޭ އަސަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭއިން އެފަދަ ފިޔަވަޅެއް އަޅާއިރު އެވްރެޖުކޮށް ރެޔަކަށް ޑޮލަރު ވަންނަ ވަރު ދިރާސާކުރެވެން ވާނެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި އިގުތިސާދީ ތަޖުރިބާކާރު ވިދާޅުވީ، ގާނޫނު ހެދި އިރު ޓޫރިޒަމް ދާއިރާގެ ހިދުމަތްދޭ ތަންތަނަށް ވަންނަ "އެވްރެޖް ޑެއިލީ ޑޮލަރުގެ އާމްދަނީ" ގެ ތަފްސީލުތައް އެމްއެމްއޭގައި ނެތް ކަމަށެވެ.
ޗާންދަނީ މަގުގައި ފައިސާ މާރުކުރާ ތަނެއް. މިވަގުތު ޑޮލަރުގެ އަގު އުޅެނީ 20ރ. އިން މަތީގައި -- ފޮޓޯ:ނިޝާން އަލީ / މިހާރު
"އިތުރު އެއް ކަމެއް ވެސް ފާހަގަކުރެވޭ އެއީ މިހާރު އެބަ ދެއްކެވޭ ސަރުކާރުން އަނެއްކާ ވެސް ރުފިޔާގެ ޗަންކެއް ހޯދަފާނެއޭ. ދެއްކެވުނުތާ އެމްއެމްއޭ މެދުވެރިކޮށް ހުޅުމާލެ އިން ބިމެއް ގަންނަ ވާހަކަ ވެސް. އެކަހަލަ ކަމެއް ވެސް ކޮށްފާނެތީ ކަންނޭނެ ޕްރެޝާ އެހާ ބޮޑުވެފައި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.
އިގްތިސާދުގައި ރުފިޔާ ގިނަ ވާ ވަރަކަށް ޑޮލަރަށް އަންނަ ޑިމާންޑު އިތުރުވާނެ އެވެ. އެހެންވެ، އެފަދަ މަންޒަރުތައް ފެންނަ ވަރަކަށް ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު އިތުރަށް އުފުލޭނެ ކަމަށް ބެލެވެ އެވެ.
ޓޫރިސްޓް ރިސޯޓުތަކާއި ގެސްޓު ހައުސް ފަދަ ތަންތަނުން ބޭނުންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭ އަށް ނަގަން ނިންމީ މިދިޔަ މެއި މަހުގަ އެވެ. އެކަން އެގޮތަށް ކުރަން ޖެހުނީ ވެސް، ދައުލަތުން ޑޮލަރުން ކުރަން ޖެހޭ މުއާމަލާތްތައް ގިނަވެ، އެކަމަށް ކޭޓާ ކުރުމަށެވެ. ދައުލަތުން މި އަހަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެކަމުގެ އިތުރަށް ތެލުގެ ހަރަދުތަކަށް ވެސް ކޮންމެ މަހަކު ޑޮލަރު ބޭނުންވެ އެވެ.
އެބައެގޭ ޑޮލަރުންކަން އެއްކޮށް އާމްދަނީ މި ލިބެނީ. އެކަމަކު ހަމައެކަނި މި ނެގީ އޭގެ އެއްބައި. އެންމެ ބައެއް ނެގީމަ އަނެއްބައި ލިބޭ ޕްރޮފިޓް އިތުރު ކުރަން ދޯ ވިސްނާނީ. ކުރިން މިސާލަކަށް އެއް މިލިއަން ޑޮލަރު ކަޅު ބާޒާރަށް ވައްދާ ބަޔަކު، މިހާރު 20 ޕަސެންޓް ބޭންކްތަކަށް މާރުކުރީމަ ދެ ލައްކަ ޑޮލަރު އެ ގެއްލުނީތާ. އެހެންވީމަ ބާކީ އޮތް އަށް ލައްކަ ޑޮލަރު ވިއްކަން ބޭނުންވާނީ އެއްކަލަ އެއް މިލިއަން ޑޮލަރުން ލިބުނު ފައިދާއަށްތާ،"
މައްސަލައިގެ ހައްސާސް ކަމުން ނަން ހާމަ ކުރަން ބޭނުން ނުވާ މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، ޑޮލަރު މާރުކުރަން ފެށި ފަހުން، ބޭންކުތަކާ އެކު ބައެއް ރިސޯޓުތަކުން ޑީލްތައް ހަދާފައިވާ ކަމަށެވެ. އެގޮތުން އެ ރިސޯޓަކުން ޖަމާކުރާ ފައިސާ އަނބުރާ ލިބޭނެ ފަދަ ގޮތްތަކެއް އޮތީ ޕްލޭން ކޮށްފަ އެވެ. އެކަމަކު އެމްއެމްއޭއިން މާރުކުރާ އަދަދުގެ 90 ޕަސެންޓު ނަގަން ފެށުމުން އެކަން ވެސް އޮތީ ހުއްޓިފަ އެވެ.
ޑޮލަރުގެ ކަޅުބާޒާރުގެ އެންމެ ބޮޑު ނަފާވެރިންނަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނެވެ. އެ ވިޔަފާރިތަކުގެ 20 ޕަސެންޓު މާރުކުރަން ފެށުމުން ބާކީ 80 ޕަސެންޓު އާމްދަނީ ކަޅުބާޒާރުން މާރުކޮށް އެ އިން ފައިދާ ހޯދޭނެ ފުރުސަތު އެ ވިޔަފާރިތަކަށް އެބަ އޮތެވެ.
ޑޮލަރު މާރު ކުރުމުގެ ވިޔަފާރި ކުރާތަނެއް. ރާއްޖޭގައި ޑޮލަރު މާރުކުރާ މީހުންގެ ތެރެއިން އަގު ކޮންޓްރޯލު ކުރަނީ، މަދު ވިޔަފާރިތަކަކުން- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެބަ އެނގޭ ޑޮލަރުންކަން އެއްކޮށް އާމްދަނީ މިލިބެނީ. އެކަމަކު ހަމައެކަނި މި ނެގީ އޭގެ އެއްބައި. އެންމެ ބައެއް ނެގީމާ އަނެއް ބައި ލިބޭ ޕްރޮފިޓް އިތުރު ކުރަން ދޯ ވިސްނާނީ. ކުރިން މިސާލަކަށް އެއް މިލިއަން ޑޮލަރު ކަޅުބާޒާރަށް ވައްދާ ބަޔަކު، މިހާރު 20 ޕަސެންޓް ބޭންކްތަކަށް މާރުކުރީމަ ދެ ލައްކަ ޑޮލަރު އެ ގެއްލުނީތާ. އެހެންވީމަ ބާކީ އޮތް އަށް ލައްކަ ޑޮލަރު ވިއްކަން ބޭނުންވާނީ އެއްކަލަ އެއް މިލިއަން ޑޮލަރުން ލިބުނު ފައިދާއަށްތާ،" ތަފުސީލާ އެކު އޭނާ ވިދާޅުވި އެވެ.
މިއީ ވެސް ޑޮލަރުގެ ކަޅުބާޒާރު އޮޕަރޭޓު ކުރާ މައި ވިޔަފާރިތަކުން ގެންގުޅޭ އުކުޅެކެވެ. އެހެންވެ، ކަޅުބާޒާރުގެ ރޭޓުތައް ބޮޑުކޮށް ބަހައްޓައިގެން ޕްރޮފިޓް މެއިންޓެއިން ކުރަން ވިޔަފާރިތަކުން މަސައްކަތް ކުރާ ކަމަށް އެ ދާއިރާ ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ. އެކަން ހައްލުވާނީ ރިސޯޓުތަކަށް ލިބޭ ހުރިހާ ޑޮލަރެއް ބޭންކުތަކަށް މާރުކުރަން ފެށުމުންނެވެ.
"ޓޫރިޒަމަށް ވަންނަ ހުރިހާ ޑޮލަރެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަންވީ. އެކަމަކު އޭރުން ވަރަށް ބޮޑެތި ޕޮލިޓިކަލް ޕްރެޝާ އަންނާނެ ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން. މަޓީގެ ފަރާތުން. މިހާރު ވެސް މަޓީން ވަރަށް ހިތްހަމަނުޖެހިފަތާ ތިބެނީ. އެކަމަކު މިހާރު މިއޮތީ ވަރަށް ހާފް ފޭޒް ސޮލިއުޝަނެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޑޮލަރުގެ ރިސޯޓުތަކަށް ވަންނަ ހުރިހާ ޑޮލަރެއް މާރުކުރުމުން، ކަޅުބާޒާރަށް އެ ތަންތަނުން އިންޖެކްޓް ކުރާ ވަރު ހުއްޓޭނެ ކަމަށެވެ. އެއިރުން ރާއްޖޭގެ ކަޅުބާޒާރުގައި އެއްކޮށް ނެތިގެންދާނެ އެވެ. ޑޮލަރުގެ ހުރިހާ މުއާމަލާތްތަކެއް ރަސްމީ ޗެނަލްތަކުން ނުވަތަ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވެ، އާންމުންގެ ބޭނުންތަކަށް ޑޮލަރު އެ ނިޒާމުގެ ތެރެއިން ލިބެން ފަށާނެ އެވެ.
ޑޮލަރުގެ ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވާ ފަރާތަކުން ވިދާޅުވީ، އެހާ ބޮޑަށް ޑޮލަރުގެ އަގު އުފުލުނީ، ޓޫރިޒަމް ހީނަރުވެފައިވާތީ ކަމަށެވެ. މިއީ، އޮޕް ފީކް ދުވަސްވަރު ކަމަށާއި އެއާ އެކު ޓޫރިސްޓުންގެ ހަރަދު ކުރުމުގެ ސްޓައިލަށް ވެސް ބޮޑު ބަދަލެއް ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ
"އަންނަ ޓޫރިސްޓުންވެސް މާބޮޑު އެއްޗެއް ހަރަދެއް ނުކުރޭ. ހަނގުރާމަ އާއި ދުނިޔޭގެ އިގްތިސާދީ ހީނަރުކަމާ އެކު ވާ ކަމެއްގެ ގޮތަށް ފެންނަނީ. އަނެއްކޮޅުން މިހާރު ރާއްޖޭގެ އެތެރޭގެ ވިޔަފާރިތައް ވެސް ވަރަށް ބޮޑަށް ހީނަރުވެފައިވަނީ. އެހެންވެ، ޑޮލަރުގެ މައްސަލަ އިތުރަށް ބޮޑުވާތަން ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ރިސޯޓުތަކުގެ އިތުރުން ގެސްޓް ހައުސްތަކަށް ވެސް ޓޫރިސްޓުން އަންނަ ވަރު ވަނީ މި ދުވަސްކޮޅު ދަށްވެފަ އެވެ. އެހެންވެ، އާންމުކޮށް ރަށްރަށުގައި ވެސް ދައުރުވާ ޑޮލަރުގެ އަދަދުތައް މިހާރު ދަށްކަން ފާހަގަކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ޑޮލަރުގެ އަގު އަނެއްކާ ވެސް އޮކްޓޫބަރު ހިސާބުން ފެށިގެން 18ރ. އަށް ތިރިވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެ އަށް ވުރެ އަގު ދަށްވާނެ މަންޒަރު ނުފެންނަ ކަމަށެވެ.
އެމްއެމްއޭއިން އިންޖެކްޓް ކުރާ ޑޮލަރުގެ ތަފްސީލު
މިއީ މައްސަލަ ފެށުނު ހިސާބެވެ. ޑޮލަރުގެ ޕްރެޝަރު އެހާ ބޮޑަށް އިތުރުވާ އެންމެ ބޮޑު ސަބަބަކީ، ދިވެހި ރުފިޔާ އިގްތިސާދުގައި އިތުރުވެ، އިގްތިސާދަށް ނުކަތާވަރަށް ޑޮލަރު ބޭނުންވެ، ޑޮލަރު ފަހާ ދުވަން ޖެހުމެވެ.
މާލީ ތަޖުރިބާކާރަކު ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ހުރިހާ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުމުން މިހާރު އޮތް ޕްރެޝަރަށް ލުއިތަކެއް ލިބުނަސް އަސްލު މައްސަލައަށް ހައްލެއް ނުހޯދޭހާ ހިދަކު އަނެއްކާ ވެސް މީގެ ދެތިން އަހަރު ފަހުން، އެ ޕްރެޝަރު އިގްތިސާދުން ފެންނާނެ ކަމަށެވެ.
"އަލްޓިމޭޓް ސޮލިއުޝަނަކީ ޑެފިސިޓްތައް ކުޑަކުރުން. އަދި މަޑުމަޑުން ދިވެހި ރުފިޔާ އިގްތިސާދުގައި އުޅޭ ވަރު މަދުކުރުން،" އޭނާ ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލަ އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވެ ބޮޑުވަމުން ދާ މަންޒަރު އެންމެ ފަސޭހައިން ފެންނާނީ އެމްއެމްއޭއިން ބޭންކުތަކާއި އިގްތިސާދަށް އިންޖެކްޓް ކުރާ ޑޮލަރުގެ އަދަދުންނެވެ. މިދިޔަ އަހަރު ވެސް އެ ބޭންކުން އެއް ބިލިއަން ޑޮލަރު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭންކްތަކަށް ޖަމާކޮށްފައިވެ އެވެ. އެކަންކަމަށް ކޭޓާ ކުރުމަށް ޑޮލަރު އިތުރަށް ބޭނުންވެ އެވެ. އެކަމަަށް ހައްލެއް ހޯދޭނީ، ޑޮލަރުގެ ޑިމާންޑް ކުޑަވާނެ ގޮތަކަށް ސިޔާސަތުތައް އެކުލަވައިލައިގެންނެވެ.
ސަރުކާރުން މިހާރު ކުރާ އެއް ކަމަކީ، މަޝްރޫއުތައް ވެސް މަޑުޖައްސާލުމެވެ. ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް އަހަރުގެ މިހާތަނަށް 1.6 ބިލިއަން ރުފިޔާ ހޭދަކުރިއިރު އެއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 70 ޕަސެންޓު ދަށް ހަރަދެކެވެ. އެހާ ބޮޑަށް ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ ދަށްކޮށްގެން ވެސް، ޑޮލަރުގެ ޕްރެޝަރު ކުޑަ ނުކުރެވުން އެއީ ބޮޑު މައްސަލައެއް ކަމަށް މާލީ ދާއިރާގެ ތަޖުރިިބާކާރުން ފާހަގަކުރެ އެވެ.
އެހެންވެ، އެކަމަށް ހައްލެއް ހޯދުމަށް ޑޮލަރަށް އޮތް ޑިމާންޑު އެއްކޮށް ނައްތާލަން ޖެހޭ ކަމަށް އެ ދާއިރާގެ ބޭފުޅުން ގަބޫލު ކުރެ އެވެ. އިގްތިސާދުގައި ހަރުލެއްވެން އޮތީ ޓޫރިޒަމް ދާއިރާއަށް ވަންނަ ހުރިހާ ފައިސާއެއް ބޭންކްތައް މެދުވެރިކޮށް މާރުކޮށްގެންނެވެ. އެއީ އެކަމަށް އޮތް އެއް ހައްލެވެ. އަނެއް ކަމަކީ، ސަރުކާރުން ބޭކާރު ހަރަދުތައް ކުޑަކޮށް، ޒިންމާދާރު ފިސްކަލް ނިޒާމެއް ގެންގުޅުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަދުން
01 July 2025
ކޮމެންޓް ކުރައްވާ ގިނަ ބޭފުޅުންނަށް ނޭނގެނީ ރިސޯޓް އޯނަރ ވެސް ރިސޯރޓް ހިންގުމަށް ސީދާ ޔޫއެސްޑީ އިން އެތަކެއް ހަރަދު ކުރަން ޖެހޭކަން، އާމްދަނީގެ ގޮތުގަ ލިބޭ ހުރިހާ އެއްޗަކީ ޖީބައް ލާން ލިބޭ އެއްޗެއް ނޫން އިނގޭތޯ
ފަރަންޖީ
01 July 2025
ކިތަންމެވަރަށް އަމިއްލަ ނަފްސަށް އޮޅުވާލިޔަސް ހައްލެއް ނުވާނެ. ހަގީގަތަކީ ދިިވެހި ރުފިޔާގަ އެވަރުގެ އަގެއް މިވަގުތު ނެތް! ރާއްޖެ ބަދަލުވެއްޖެ. (ގިނަ) މީހުންއަތުގަ ކުރިން ނެތްވަރަށް ޑިސްޕޯސަބަލް އިންކަމް ރުފިޔާއިން އެބަހުރި. އެމީހުން އެޚަރަދު ކުރަނީ ރާއްޖޭން ބޭރަށް. ޕޯސްޓް އޮފީހު ޑިމާންޑާއި، ބަންދެއްގަ އެއަޕޯޓުގެހާލަތު އަދި އުމްރާއަށް ދާމީހުން މިސާލަކަށް ބަލާލީމައި ޑޮލަރު ބޭރުވާވަރު އިހުސާސް ކުރެވޭ. އަދިކޮބާ 150،000 ބިދޭސީން ބޭރުކުރާ ޑޮލަރު؟
ޑޮލަރު-2
01 July 2025
ކުރީގައި މީހުން ގޮސް ފިހާރަތަކުން ރުފިޔާ ދީފައި ފެންނަ ކޮންމެ އެއްޗެއް ގަންނަނީ. މިއަދު އީޒީވެފަ އޮންލައިންކޮށް ޑަލަރު ދީފައި ބޭރުން ތަކެތި މިގެންނަނީ ބޭނުން ނެތް ސުމާރު ނެތް މިންވަރަށް. ދެން ވިސްނަވާ ޑަލަރު ޑިމާންޑް އޮންނާނެ ވަރު. ބޭނުންވާ ޚަރަދުތައް ކުރުން އޯކޭ، އެކަމަު ފެންނަ ކޮންމެ އެއްޗެއް ގެންސް، އެބޭނުން ނުކޮށް ހަލާކުވުމަކީ އސްރާފުކުރުން. ސައިޓްތައް ހުންނަނީ މީހުން ހިތް ދަމައިގަންނަ ގޮތަށް. ފަސޭހައިން ގަނެ ގެނެވޭގޮތަށް
ޑޮލަރު-1
01 July 2025
އީޒީ މަނީ އަށް ދިވެހިން ދެވިހިފާފައި ހުރި ކަމީ އެއްމެ ބޮޑު މައްސަލަ. ރިސޯޓް އޯނަރުންނަށް އެނގިލައްވާތޯ، ރާއްޖެ ވަންނަ ޑޮލަރަކީ ދިވެހި ކަނޑު ފަޅާ މޫދާ ބިން ބޭނުންކޮށްގެން މިރާއްޖެއަށް ވަންނަ އެއްޗަކަށް ދިވެހި އެންމެ ނިކަމެތި މީހާވެސް ޒަރޫރަތު ޖެހިފައިވާ އަދި އެއެއްޗެއްގެ ލިބޭ ރޭޓް އެންމެ ނިކަމެތި ރައްޔަތު މީހާ ގަންނަ ޕާން ފޮތީގެ އަގުވެސް ޑިކްޓޭޓްކުރާ އެއްޗެއްކަން. ދެ ބަޓަނަށް ފިތާލައިގެން ތިހޯދާ ނުރަނގަޅު ނަފާ ތިޔަ އީ ދިވެހިންގެ ލެއި ބުއިންހަމަ
ރާއްޖެ
01 July 2025
ރާއްޖޭގެ އެއްވެސް ތަނެއްގައި ސީދާ ޑޮލަރުން ވިޔަފާރި ނުކުރެވޭގޮތް ހަދަންވީ. ކުރިން އޮތް ގޮތަށް ސީދާ ސަރުކާރުން ޑޮލަރު ގަނެ ވިއްކާގޮތަށް ބަދަލުކުރަންވީ. މަނީ އެކްސްޗޭންޖްކޮށްދޭ ތަންތަނަށް ދީފައި ހުރި ހުއްދަތައް ބާޠިލުކުރަންވީ. އެއާ ޚިލާފަށް އުނގަށް އަޅައިގެން ޑޮލަރު ވިއްކަން އުޅޭނަމަ އެމީހަކު 5 އަހަރަށް ޖަލަށް ލާންވީ. މިގޮތަށް ނޫނީ ތިޔަ މައްސަލަ ހައްލެއް ނުވާނެ. ރާއްޖެއަށް ޑޮލަރު ނާންނައީއެއް ނޫން. ބަޔަކު މީހުންގެ ނުބައި ނުލަފާކަން މިފެންނަނީ.
އައިނާ
01 July 2025
ރާއްޖޭގަ ނޯވޭ ކަޅުބާޒާރެއް އެއި އިލީގަލް ކަމެއްނޫން . ބޭންކުތާކާ ޑޮލަރު ލިބޭ ފަރާތްތަކުން އެހެން މުދާވެސް ޝޯރޓުވީމަ އަގު އުފުލާހެން ޑޮލަރުވެސް ވިއްކާނީ. މަނާ ކަމެއް ރައީސް އެވާހަކަ އެހެނެއް ނުދައްކާ ވާނެ..
ރައްޔިތުސޮރު
01 July 2025
ކޮންމެސް އެއްޗެކޭ މިއެއްޗެކޭކިޔައިގެން ޓޫރިޒަމް އިތުރަށް ފުޑާލެވެތޯތިއުޅެނީ.. މައްސަލައަކީ ވެރިކަން ކުރަންނޭންގުން! ރާއްޖެއަށްލިބޭ ހުރިހާ ޑޮލަރެއް ދަޢުލަތައްނެގިޔަސް ޑޮލަރުގެ މައްސަލަ ހައްލެއްނުވާނެ. ޓޫރިޒަމް ސެކްޓަރ އިތުރައްގޯސްވެ އިޤްތިސާދަށް އިތުރަށް ގެއްލުންވާނީ. ޑޮލަރުމައްސަލައާ އިޤްތިސާދު ރަނގަޅުކުރެވޭނީ ސަރުކާރު ޚަރަދުކުޑަކޮށް ދެމެހެއްޓެނިވި އުސޫލަކުން ކަންކަން ހިންގައިގެން އަދި ޓޫރިޒަމް ނޫން އިތުރު ސިނާއަތްތައް ކުރިއަރުވައިގެން...
އޮނަރަބްލް އަފީފު ދީދީ
01 July 2025
ކަޅުބާޒާރުގައި ދުވާލެއްގެ މައްޗަށް 4 ވަރަކަށް މިލިޔަން ޑޮލަރުގެ މުއާމަލާތް ހިންގާކަން ދައުލަތުގެ މަރުކަޒީ ބޭންކަށް ރަނގަޅަށް އިގޭއިރު މިކަމަކީ ވަގު ޑޮލަރު ވިއްކާ ބިދޭސިންނަށް ކުރެވޭނެ ކަމެއް ނޫންކަން Central Bank ގެ އޮފިޝަލުންނަށާއި ޤަވަރުނަރަށްވެސް ރަނގަޅަށް އިގޭނެ. އަދި މިދެންނެވި އަދަދަށް ކަޅުބާޒާރަށް ޑޮލަރު ނެރެފައިވަނީ ބޭރު ޤައުމަކުން ރާއްޖެއަށް ވަގަށް ޑޮލަރު އެތެރެކޮށްގެން ނޫންކަން ދައުލަތުގެ ކަމާއިގުޅުންހުރި ހުރިހާ ފަރާތް ތަކަށް އިގޭ.
އޮނަރަބްލް އަފީފު ދީދީ
01 July 2025
ރާއްޖޭގައި ދައުރުވާ ވަގުޑޮލަރާއި ކަޅުބާޒާރު ހުއްޓުވަން ބޭނުންނަމަ މިފަދަގޮތްގޮތަށް ހޯދާ ޑޮލަރު ރާއްޖޭގެ ބޭންކިންގ ނިޒާމްގެތެރެއަށް ނުވެއްދޭގޮތް ހަދާފައި، ކަސްޓަމްސްގައި ޑެކްލިއަރ ކޮށްގެން ނޫންގޮތަކަށް ހޭންޑްކެރީކޮށް ރާއްޖެއިން ބޭރަށް ފައިސާއުފުލޭނެ އަދަދު، މީހަކަށް 10 ހާސް ޑޮލަރަށްވުރެން ދަށްކޮށް އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހެއްނަމަ، އޭނާގެ މުސާރައާއި ނުބައްދަލުއަދަދުތައް ބޭންކަށް ޖަމާނުކުރެވޭގޮތަށާއި ހޭންޑްކެރީ ނުކުރެވޭގޮތް ހަދާން ޖެހޭ.
އޮނަރަބްލް އަފީފު ދީދީ
01 July 2025
މަތީގައިދެންނެވި ކަންކަމުގެ އިތުރުން އޭނާއަށް މުސާރައިގެ ގޮތުގައި ލިބޭ ޑޮލަރު ފިޔަވާ މަހެއްގެމައްޗަށް 10 ހާސް ޑޮލަރަށް ވުރެން އިތުރަށް ބޭންކަށް ޑޮލަރު ޖަމާކުރާ ކޮންމެ ފަރާތަކުންވެސް (އާމްދަނީގެ ގޮތުގައި ޑޮލަރު ލިބޭ ކުންފުނި، ނުވަތަ މަނީ އެކްސްޗޭންޖް ލައިސެންސް އޮންނަ ކުންފުނި ފިޔަވާ) އިތުރު ފަރާތް ތަކުގެ އެކައުންޓަށް ފައިސާ ޖަމާކޮށްދޭން ވަަނީ (އޮންލައިން ޓްރާންސްފަރ ވެސް) އޭނާ ޑޮލަރ ގަތް ކަމުގެ އޮފިޝަލް ރިސިޕްޓް ހުށަހެޅުމުން ކަމަށް ކަޑައަޅުއްވާ.