މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ހަދާ ބަނދަރު ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ދައްކަމުންދާ ވާަހަކަތައް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ދޮގުކުރައްވައިފި އެވެ.
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު، އެމްއޭސީއެލް އިން ރާއްޖެ ގެނެސް ހއ. ދިއްދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޒަމީރު އެހެން ވިދާޅުވިއިރު، މާލޭގެ ވިޔަފާރި ބަނދަރު ޑީޕީ ވޯލްޑަށް "ވިއްކާލަން" ސަރުކާރުން އުޅޭ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އިއްޔެ ރޭ ވާހަކަފުޅު ދައްކަވައިފަ އެވެ.
ޕީއެންއެފްގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ތިލަފުށީގައި ހަދާ ބަނދަރު ޑީޕީ ވޯލްޑަށް "ވިއްކާލުމުގެ" މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުން ފަދަ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް ތިލަފުށީގެ ބަނދަރާ ގުޅޭ ގޮތުން ޔާމީނާއި އެހެން ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ޒަމީރު އިއްޔެ ދޮގުކުރެއްވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، އެކި ފަރާތްތަކުން ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމަކީ އެއާ ގުޅޭ ކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، ޕްރޮޕޯޒަލްތައް ލިބިވަޑައިގަތުމުން އެއާ މެދު ރައީސް ގޮތެއް ނިންމަވަނީ މިނިސްޓަރުންނާ މަޝްވަރާ ކުރައްވައި އެ ބޭފުޅުންގެ ލަފާގެ މަތިން ކަމަށެވެ. އެހެންވެ، ރާއްޖޭގެ މައި ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމަށް ފަހު، އެ ތަން ޑީޕީ ވޯލްޑަށް "ވިއްކާލަން" އުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަތައް ޒަމީރު ދޮގުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލް ޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ކަންކަމަށް އިންވެސްޓް ކުރަން އެކި ފަރާތްތަކުން ބޭނުންވެ އެވެ. އެކަމަކު، އެ ޕްރޮޕޯޒަލްތައް ބައްލަވާފައި ދިވެހިންނަށް ގެއްލުން ވާނެ އެއްވެސް ކަމެއް ރައީސް މުއިއްޒު ނުކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާއަކީ ވަރަށް އިލްމީ ބޭފުޅެއް. ވަރަށް ހައި އެނާޖިކަލް އެބިލިޓީ ހުންނަ ބޭފުޅެއް. އެހެންވީމާ ލިބިވަޑައިގަންނަވާ ޕްރޮޕޯޒަލްތަކާއި ވަޒީރު ވިދާޅުވާ ވާހަކަތައް ވަރަށް ބޮޑަށް ބައްލަވާފައި ޑިސިޝަން ނަންގަވަނީ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވިޔަފާރިި ބަނދަރު ފަދަ ތަންތަން ވިއްކާލަން އުޅެނީ ކަމަށް ބުނެ ފަތުރަކީ ހަގީގަތާ ހިލާފު ވާހަކަތައް ކަމަށެވެ. އަދި މިހާތަނަށް ރައީސް މުއިއްޒު ރާއްޖޭގައި ކަމެއް ނިންމަވާފައިވާ ނަމަ ނިންމަވާފައި ވަނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއް ބައްލަވާފައި ކަމަށް ޒަމީރު ވިދާޅުވި އެވެ.
"އެ އަޅުގަނޑަށް ޔަގީންވޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެފަދަ ޕްރޮޕޯޒަލްތައް ލިބެނީ ރާއްޖޭގެ އިގުތިސާާދާ މެދު އޮންނަ އިތުބާރު ބޮޑުވެ، އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތައް ގިނަވުމުން ކަމަށެވެ.
ތިލަފުށީ ޕޯޓު ޑީޕީ ވޯލްޑަށް ވިއްކާލަން އުޅޭ ކަމަށް ވިދާޅުވެ، ޔާމީން ވަނީ މީގެ ކުރިން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.
އެ ތުހުމަތުތަކާ ގުޅޭ ގޮތުން، ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލުން އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ.
ރާއްޖޭގެ މައި ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމޭނެ ކަމަށް އެމްޕީއެލް އިން ލަފާކޮށްފައި ވަނީ އަންނަ އަހަރަށެވެ. މުޅި މަޝްރޫއުގެ ޖުމްލަ އަގު 255 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މީގެ ތެރެއިން، މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމުމަށް 35 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް އެމްޕީއެލް އިން ލަފާކޮށްފައި ވެ އެވެ.