ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް ކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ފާސްކުރީ މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ.
މިދިޔަ ޑިސެމްބަރުން ފެށިގެން އެޗުއާރުސީއެމްގެ މެންބަރުކަމުގައި ހުންނެވި ރަމީލާ އެ ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދަވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ހުށަހެޅުއްވީ އިއްޔެ އެވެ. ރައީސްގެ އެ ހުށަހެޅުއްވުން އިއްޔެ ބޭއްވި ދައުރުން ބޭރު ޖަލްސާގައި އިއްވުމަށް ފަހު އެ ހުށަހެޅުއްވުން ފޮނުވީ މަޖިލީހުގެ ހިއުމަން ރައިޓްްސް ކޮމިޓީ އަށެވެ.
އެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓްގައި ބުނީ ރަމީލާއަކީ އެޗްއާރްސީއެމްގެ މެންބަރުކަަމަށް އައްޔަންކުރަން އެ ކޮމިޓީން އިންޓަވިއުކޮށް، މަޖިލީހުން ރުހުންދީފައިވާ ބޭފުޅަކަށް ވާތީ އިތުރު އިންޓަވިއުއަކާ ނުލައި ރުހުންދޭން ފެންނަ ކަމަށެވެ.
ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު އަދާކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ހާސިލުކުރައްވައިފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރު މިނިސްޓަރުކަން ކުރެއްވި ރަމީލާ ޑިސެމްބަރު 2024 ގައި އެ މަގާމުން އިސްތިއުފާދެއްވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދެއްވުމަށެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.