ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރަކަށް ޝައްމޫން ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އެޗްއާރްސީއެމްގެ މެންބަރު ސަމާއު އަހުމަދު ނަޖީބުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެ މަގާމަަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެެއްވި ބޭފުޅުންގެ ތެރެއިން ޝައްމޫނާއި މިހާރު ވެސް އެޗްއާރްސީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސަމާއުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިިލީހަށް ފޮނުއްވި އެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކޮށް، އެކުލަވާލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅި އިރު އެންމެ މަތީ މާކްސް ދީފައި އޮތީ ޝައްމޫނަށެވެ. އޭނާއަށް 92 މާކްސް ދިން އިރު ސަމާއުއަށް ދިނީ 86 މާކުހެވެ.
ޝައްމޫނަކީ ހެރިޓޭޖްމިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ކަމާއި އެޗްއާރްސީއެމްެގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމިޓީގެ ރިޕޯޓަށް ބަހުސްކޮށް، މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ފުރަތަމަ ވޯޓަށް އެހީ ޝައްމޫނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމާ ށެވެ. އެ ނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓަށް ކުރި ބަހުސްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ ކޮމިޓީން 92 މާކްސް ދީފައިވާ ބޭފުޅާ ކިޔަވާ ވިދާޅުވެފައި ވަނީ މިއުޒިކްގެ ދާއިރާއިން ކަމަށާއި ހޯއްދަވާފައި ވަނީ މާސްޓާސް ޑިގްރީ ކަމަށާއި 86 ޕަސެންޓް ލިބުނު ބޭފުޅާ ކިޔަވާ ވިދާޅުވެފައި ވަނީ ހިއުމަންރައިޓްސް ލޯ އިން ކަމަށެވެ.
"މާކްސް ދިން އިރުގައި، ހިތާމައަކީ މި ވިދާޅުވާ މަގާމާ ގުޅުން ހުރި ދާއިރާއިން ހާސިލުކޮށްފައިވާ ތައުލީމާއި މިއުޒިކަށާއި ހިއުމަން ރައިޓްސް ލޯއާ އެއްވަރަށް ނުވަތަ ހިއުމަން ރައިޓްސް ލޯއަށް ވުރެ ގިނައިން މިއުޒިކަށް މާކްސް ލިބިފައި ހުރީމާ،" ފިއްޓޭ ވިދާޅުވި އެވެ.
އޭނާ ތުުހުމަތުކުރެއްވި ގޮތުގައި ކޮމިޓީން އެގޮަތަށް ކަންތައް ކުރީ ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި، މިއުޒިކް ދާއިރާއިން ކިޔެވި ބޭފުޅާގެ ނަން ހިމަނާފައި އޮތީމަ އެވެ.
އެ ވާހަކަ އަށް ރައްދު ދެއްވައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ކޮމިޓީން މާކްސް ދިނުމުގައި ގުޅުން ހުރި ދާއިރާއިން ހާސިލުކޮށްފައިވާ ތައުލީމަށް ދެނީ 20 ޕަސެންޓް ކަމަށާއި އެ 20 ޕަސެންޓް ހަމައަށް ދިނަސް، ދެން ހުރި އެހެން ދާއިރާތަކުން މާކްސް މަދުވެދާނެ ކަމަށެވެ.
ކޮމިޓީ ރިޕޯޓްގައިވާ ގޮތުން ކޮމިޓީން މާކްސް ދެނީ ތައުލީމާއި ތަޖުރިބާ ހިމެނޭހެން ޖުމްލަ އަށް ކަމަކަށެވެ. ލިބިފައިވާ ތަޖުރިބާ އާއި މަގާމުގެ މަސައްކަތާ ހުރި ގުޅުން ދައްކައިދީފައިވާ މިންވަރަށް 15 މާކްސް އޭގެ ތެރޭގައި ހިމެނެ އެވެ.
އެޗްއާރްސީއެމަށް މެންބަރަކު އައްޔަންކުރަން ރައީސް މުއިއްޒު މަޖިލީހަށް ނަންތަކެއް ފޮނުވީ ސަމާއުގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.