މިދިޔަ ދެ އަހަރު އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ކުރީ އުނދަގޫ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވުމުން، އައްޑޫގެ މޭޔަރު އަލީ ނިޒާރު ރައްދު ދެއްވައިފި އެވެ.
އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ފޭދޫ ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވަން ބޭއްވި ހަފުލާގައި އިހުސާން ވިދާޅުވީ، އައްޑު އަށް މިހާތަނަށް ފަސޭހަކޮށް ކަންކަން ވެފައި އޮތީ ސިޓީ ކައުންސިލާއި ސަރުކާރާ ގުޅިގެން ކަމަށެވެ.
އެކަމަކު ޕީޕީއެމްގެ ސަރުކާރު އޮތް ދުވަސްވަރު، އައްޑު އަށް ކުރަން ބޭނުންވި ގިނަ ކަންކަން ނުވީ އިހުސާން ވިދާޅުވި ގޮތުގައި އޭރު އޮތް ކައުންސިލުން އުނދަގޫ ކުރުމުންނެވެ. އަދި މި ސަރުކާރުގައި މިދިޔަ ދެ އަހަރު ވެސް އިދިކޮޅު އެމްޑީޕީގެ ފުރިހަމަ ބާރު އޮތް އައްޑޫ ސިޓީ ކައުންސިލުން ދަނީ "ވީވަރަކުން" ސަރުކާރަށް އުނދަގޫ ކުރަމުން ކަމަށް ފޭދު އަށް އުފަން އިހުސާން ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން އިހުސާނަށް ރައްދު ދެއްވައި ނިޒާރު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ވަޑައިގެން 14 ތަނެއްގެ ބިންގާ އަޅާފައިވާ ކަމަށާއި އެކަން ކުރީ ކައުންސިލުން ބިން ނުލިބިގެންތޯ ސުވާލު އުފައްދަވައިފަ އެވެ.
"މިދިޔަ ނޮޮވެމްބަރު މަހު ރައީސް މުއިޒް އައްޑޫ އަށް ދުރުވެ، މަނިކުފާނުގެ ސަރުކާރުގެ އިސްބޭފުޅުންނާއި އަޅުގަނޑުގެ ހާޒިރުގައި 14 ތަނެއްގައި ބިންގާ އަޅައި، ޑްރާމާ ކުޅުއްވީ ކައުންސިލް އިން ބިން ނުލިބިތޯ؟،" ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދެވަނަ ދައުރަކަށް އައްްޑޫގެ މޭޔަރުގެ މަގާމު ދިފާއު ކުރައްވަން ނުކުމެވަޑައިގެން ހުންނެވި ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިހުސާން އުޅުއްވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި "އިންޑިއާ ސިފައިންނާއި ބަޑި ދެއްކިހެން" ރައްޔިތުން ގުނބޯ ހެއްދުމަށް ކަމަށެވެ.
"އަދިވެސް ތިޔަ އުޅުއްވަނީ ރިޔާސީ އިންތިހާބުތެރޭ ގޭތެރޭ ސްކްރީން ބަހައްޓަވައިގެން ޕޮލިސް އެކަޑަމީ ތެރެއިން އިންޑިޔާ ސިފައިންނާއި ބަޑި ދެއްކިހެން ރައްޔިތުން ގުނބޯ ހައްދަވަންތޯ." ނިޒާރު ވިދާޅުވި އެވެ.
ކެމްޕެއިނު އިވެންޓުގައި އިހުސާން ވިދާޅުވީ މަރަދޫ ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ކުރަމުން އަންނަތާ ދެ މަސް ވެފައިވާ ކަމަށާއި އެކަމަކު ކައުންސިލުން ބިން ހަމަޖައްސާދީފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެއީ ސަރުކާރަށް އުނދަގޫ ކުރާ ކައުންސިލެއް ހޮވިއްޖެ ނަމަ ހާލަތު އޮންނާނެ ގޮތް ކަމަށެވެ. އިހުސާން ވަނީ ސަރުކާރަށް ތާއީދު ކުރާ ކައުންސިލެއް އޮތް ނަމަ ރަށަށް ލިބޭނެ ތަރައްގީތައް ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕީއެންސީގެ މައި އޮފީސް ރަސްމީކޮށް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވި ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައި ވަނީ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ބިންތައް ސަރުކާރަށް ހަމަޖައްސައި ނުދޭތީ ތަރައްގީގެ ބައެއް މަޝްރޫއުތައް ނުފެށި ދިގުލައިގެންދާ ކަމަށެވެ.
އެ ބިންތައް ސަރުކާރަށް ބޭނުންވަނީ މިސްކިތްތަކާއި ސިއްހީ މަރުކަޒުތަކާއި ސްކޫލްގެ ޖާގަ އިތުރު ކުރުން ފަދަ ކަންކަން ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮން ބަޔަކަށްތޯ ގެއްލުން މިވަނީ؟ އެ ރަށުގެ ރައްޔިތުންނަށް. އަޅުގަނޑުމެން ބޭނުމެއް ނޫން އެހެން ވާކަށް. އެކަން ރިޕީޓުވާކަށް، ކޮންޓިއުވާކަށް ދެވަނަ ފަހަރަކަށް. ރައްޔިތުންގެ އަތްޕުޅަށް މި އަންނަނީ އެ އިހުތިޔާރާއި ބާރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި،" ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.