މާލޭ ސިޓީ ކައުންސިލުން ގަލޮޅު ސިޓީ ޕާކު ތަރައްގީކޮށް މިއަދު އަލުން ހުޅުވައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ އެ ޕާކު އަލުން ހުޅުވީ ތުރީ-އޮން-ތުރީ ބާސްކެޓްބޯޅަ ކޯޓަކާއި ބެޑްމިންޓަން ކޯޓަކާއި އައުޓްޑޯ ޖިމަކާއި ކުޑަކުދިން ކުޅޭނެ ޖާގައަކާއި މީހުންގެ ގޮސް އެ ޕާކުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގަތަކާ އެކުގައި ކަމަށެވެ.
އެ ޕާކު އަލުން ހުޅުވުމާ ގުޅިގެން މާލޭ މޭޔަރު އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 10 އަހަރު ވަންދެން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކު 2024 ވަނަ އަހަރު އަލުން ޑިޒައިންކޮށް، ވަރަށް ފުރިހަމައަށް ހަދައި އަލުން ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އާޒިމް ވިދާޅުވީ އެ ޕާކު ޑިޒައިންކޮށްފައި ވަނީ އެކި އުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއި ހިތްހަމަޖައްސާލުމަށް މަޑުކޮށްލާނެ ޖާގަ އަދި އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާ އެކު، ވަރަށް ގިނަ ގޮތްގޮތަށް އާންމުންނަށް ބޭނުންހިފޭނެ ގޮތަށް ކަމަށެވެ.
"މާލެ ސިޓީގެ މޭޔަރު ކަމުގައި އަޅުގަނޑު ހޭދަކުރި މުއްދަތުގައި، އަޅުގަނޑުގެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ، ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް، މިފަދަ ހިތްފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން،" އޭނާ ވިދާޅުވި އެވެ.
"މި ޕާކު ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުން ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ދެއްވުމަށް، އަޅުގަނޑު ވަރަށް އިހުލާސްތެރިކަމައެކު އިލްތިމާސްކުރަން."
ސިޓީ ޕާކު މަރާމާތުކުރަން އެތަން ބަންދުކުރީ 2022 ވަނަ އަހަރު އެވެ. އޭރު އެ ޕާކު ތަރައްގީކުރަން ކައުންސިލުން ޕްލޭން ކޮށްފައި އޮތަސް އޭރު އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އޭގެފަހުން މިދިޔަ އަހަރު އޭޕްރީލް މަހު އެ ޕާކުގެ މަސައްކަތްކުރުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެވެ.
ކުރީގެ ސަރުކާރުތަކުން ވެސް އެ ޕާކު އެކި ގޮތްގޮތަށް ހަދައި ބޭނުންކުރި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން "ލެޑް ޕާކް"ގެ ނަމުގައި، އެކި ކުލަތަކުން ދިއްލޭ ގަސްތަކާ އެކު 2015 ވަނަ އަހަރު ވެސް އެ ޕާކު ހުޅުވި އެވެ. އެކަމަކު، އެތަން ވެސް ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި ހަލާކުވެގެން ދިޔައީ އެވެ.