ޗައިނާގައި މިދިޔަ އަހަރު ވެސް، އުފަންވި ކުދިންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށްވެފައިވާ ކަމަށާއި މިއީ ޖެހިޖެހިގެން މި ރޭޓް ދަށަށް ދިޔަ ހަތަރު ވަނަ އަހަރު ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ. 

ޗައިނާގައި ކުދިން އުފަންވާ ރޭޓް އާދަޔާ ހިލާފަށް ދަށްވެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވެ ނުރައްކަލަށް ހުށަހެޅެމުންދާ މައްސަލަ ހައްލުކުރުމަށް މީގެ 10 އަހަރު ކުރިން ވަނީ އެ ގައުމުގައި އޮތް، ކޮންމެ ދެމަފިރިއަކު އެންމެ ދަރިއެއް ހޯދުމަށް ކަނޑައަޅާފައި އޮތް އުސޫލު ވެސް އުވާލައިފަ އެވެ. 

އެކަމަކު އުފަންވާ ރޭޓް އޭގެ ފަހުން ވެސް ވަނީ ދެ ބައިކުޅަ އެއް ބައި ދަށްވެފަ އެވެ. 

ޗައިނާގެ އޮފިޝަލުން މިއަދު ވިދާޅުވީ މިދިޔަ އަހަރު އެ ގައުމުގައި އުފަންވެފައިވަނީ އެންމެ 7.92 މިލިއަން ކުދިން ކަމަށެވެ. މިއީ ކޮންމެ 1،000 މީހަކަށް 5.63 ގެ ރޭޓެވެ. 

މިއީ 1949 ވަނަ އަހަރު ކޮމިއުނިސްޓް ލީޑަރު މާއޮ ޒެޑޮންގް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފައްދައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ރެކޯޑް ބަލަހައްޓަން ފެށި ފަހުން މި ރޭޓް އެންމެ ދަށްވި އަހަރެވެ.

ޗައިނާގެ އާބާދީ މިހާރު 1.4 ބިލިއަނުގައި އޮތް ނަމަވެސް 2100 ވަނަ އަހަރު އަންނަން ވާއިރަށް މި އަދަދު 800 މިލިއަނަށް ދަށްވާނެ ކަމަށް އދ. އިން ލަފާކޮށްފައިވެ އެވެ. މިގޮތަށް ލަފާކޮށްފައި މި ވަނީ އާބާދީ އިތުރުކުރުމަށް ޗައިނާއިން އާ ސިޔާސަތުތަކެއް ކަނޑައަޅައި އަމަލުކުރަމުން ވެސް ދަނިކޮށެވެ. 

އެންބީއެސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވަނީ އުފަންވި ކުދިންގެ އަދަދު 1.62 މިލިއަން މަދުވެފަ އެވެ. އަދި 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޗައިނާގެ އާބާދީން ވެސް ވަނީ 3.39 މިލިއަން މަދުވެފަ އެވެ.

މިދިޔަ އަހަރު ޗައިނާގައި 11.31 މިލިއަން މީހުން މަރުވެފަ އެވެ. ކޮންމެ ހާހަކަށް 8.04 މީހުން މަރުވެފައިވާ އިރު، ކޮންމެ ހާހަކަށް 2.41 ގެ ރޭޓުން ވަނީ އާބާދީ ދަށްވެފަ އެވެ.

ކައިވެނިކުރުމާއި އުފަންވާ ނިސްބަތް އިތުރުކުރުމަށް ޗައިނާ ސަރުކާރުން ވަނީ ކުޑަކުދިން ބެލެހެއްޓުމުގެ ސަބްސިޑީ ދޭން ފަށައި ކޮންޑަމް އިން ޓެކްސް ވެސް ކަނޑާލައިފަ އެވެ. -- އޭއެފްޕީ